ފުލުހުންގެ ހަތް އޮފިސަރަކު މަގާމުން ވަކި ކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ދައުރެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ފުލުހުންގެ އޮފިސަރުން މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، އިމްރާންއާ ސުވާލު ކުރުމަށް އެޑިވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެެވެ.
ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ މަތީ ރޭންކުތަކުގައި ތިއްބެވި އޮފިސަރުންގެ ތެރެއިން ހަތް އޮފިސަރަކު މަގާމުން ވަކި ކުރުމަށް ފުލުހުންގެ ބޯޑުން ނިންމަވާފައިވާ ނިންމުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން އިންސާފުވެރިކަމާއެކު ނިންމަވާފައިވާ ނިންމުމެއްތޯ ޝިޔާމް އެއްސެވި އެވެ. އަދި އެ ހަތް އޮފިސަރުންގެ މައްސަލަ ބަލައި ވަކި ކުރަން ނިންމި ނިންމުމުގައި ކިހާވަރެއްގެ ސިޔާސީ ނުފޫޒެއް އޮތްތޯ ސުވާލު ކުރެއްވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ޕޮލިސް ބޯޑުން ކުރާ ހުރިހާ ކަމެއްގައި ވެސް ހޯމް މިނިސްޓަރަށް ލަފާ ދީ އެ ކަމުގައި ވަޒީރުގެ ދައުރެއް އިންނަ ގޮތަށް ބުނެފައި އޮތް ނަމަވެސް އެއާ ގުޅޭ މާއްދާ ފަރުމާ ކޮށްފައިވަނީ ހޯމް މިނިސްޓަރުގެ އެއްވެސް ދައުރެއް ހިމެނޭ ގޮތަކަށް ނޫނެވެ. އެހެންކަމުން ހަތް އޮފިސަރުން މަގާމުން ވަކި ކުުރުމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ.
"އެ މަސައްކަތް ނިންމެވުމަށް ފަހު އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑާ ހިއްސާ ކޮށްފައި ނުވާ ކަމުގައިވެސް ދަންނަވަން. އަޅުގަނޑު ހިތުން ގާނޫނުގައި އޮތްގޮތަށް އެ ބޭފުޅުން [ޕޮލިސް ބޯޑުގެ މެމްބަރުން] ކުރައްވާފައި ވަނީ" އިމްރާން ވިދާޅުވި އެވެ.
އެހެން ނަމަވެސް ޕޮލިސް ބޯޑުގެ ނިންމުންތައް ނިންމިއިރު ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމުމަށް ބާރު އަޅާ އެހީތެރިވެދީފައި ވާނެ ކަމަށާއި އަދި ވަކި ގޮތަަކަށް މައްސަލަ ނިންމަން އެދިފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވަކިކުރަން ނިންމި އޮފިސަރުން އަމިއްލައަށް އިސްތިއުފާ ދޭން އިމްރާން އެންގެވިންތޯ ވެސް ޝިޔާމް މިއަދު ސުވާލު ކުރެއްވި އެވެ. އެފަދަ އެންގުމެއް އަންގާފައި ނުވާނެ ކަމަށް ވެސް އިމްރާން މިއަދު ވިދާޅުވި އެވެ.
ޕޮލިސް ބޯޑުގެ ނިންމުމާ ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ނިންމުން މުރާޖައާ ކުރަން ގޮވާލައި ޕީޕީއެމާއި ޕީއެންސީން ބަޔާނެއް ނެރެ، އެ އަމަލަކީ އެމްޑީޕީން ބަދަލު ހިފަން ކުރި ކަމެއްގެ ގޮތުގައި ވަނީ ބުނެފަ އެވެ. އޮފިސަރުން ވަކި ކުރަން ނިންމި ނިންމުމާ ގުޅިގެން ޕޮލިސް ބޯޑު ޖަވާބުދާރީ ކުރުވަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
ފުލުހުންގެ ހިދުމަތުން ވަކިކުރުމަށް ނިންމާ ނޯޓިސް ފޮނުވި އޮފިސަރުންގެ ތެރޭގައި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު ވެސް ހިމެނެ އެވެ.