ބޮލީވުޑް

"ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ" ގެ ނައްޓޫ ކާކާ މަރުވެއްޖެ

ސޮނީ ސަބް ޗެނަލުން ދައްކާ ވަރަށް މަޝްހޫރު ކޮމެޑީ ސިލްސިލާއެއް ކަމަށްވާ "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ" ގައި ނައްޓޫ ކާކާގެ ރޯލު ކުޅެމުންދިޔަ ގަންޝާމް ނާޔަކް މަރުވުމާ ގުޅިގެން ޓީވި އިންޑަސްޓްރީގެ ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑު ހިތާމައެއް ލިބިފަ އެވެ. ޚާއްސަކޮށް މި ސިލްސިލާގައި ބައިވެރިވާ އެންމެން ވެސް މިކަމާ ވަނީ ވަރަށް ދެރަވެފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ގަންޝާމް މަރުވީ ކެންސަރު ބަލީގަ އެވެ. ގަންޝާމްގެ ކަރުގައި ގޮށް ތަކެއް ނަގައިގެން އޭނާ ޑޮކްޓަރަށް ދެއްކުމުން ކެންސަރު ކަން ޔަގީން ކުރެވުނެވެ. އަދި ސާޖަރީ ހަދައިގެން އެ ގޮށްތައް ނަގައި އޭނާ ދިޔައީ ކީމޯތެރަޕީގެ ފަރުވާ ހޯދަމުންނެވެ. ނަމަވެސް ހާލު ދެރަވަމުން ގޮސް މަރުވީ އެވެ.

އޭބީޕީ ނިއުސް އަށް "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގެ ޕްރޮޑިއުސަރު އަސިތު މޯޑީ ދިން އިންޓަވިއުއެއްގައި ބުނީ ގަންޝާމްގެ ވަކިވެދިއުމަކީ "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގެ މުޅި ޓީމަށް ލިބުނު ބޮޑު ގެއްލުމަކާއި ހިތާމައެއް ކަމަށެވެ.

އަދި މި ސިލްސިލާގެ ފޭނުން ވެސް ސޯޝަލް މީޑިއާގައި މިކަމާ ވަރަށް ބޮޑަށް ހިތާމަ ފާޅުކުރަމުން އެބަދެ އެވެ. އަދި "ނައްޓޫ ކާކާ"ގެ ހެއްވާ މަޖާ އެކްޓިން އަބަދުވެސް ހަނދާން ހުންނާނެކަމަށް އޭނާގެ ފޭނުން ބުނެފައި ވެއެވެ.

"ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގެ އިތުރުން ގަންޝާމް ވަނީ 100 ވަރަކަށް ހިންދީ އަދި ގުޖްރާތީ ފިލްމުގައި މަސައްކަތް ކޮށްފަ އެވެ. އަދި އޭނާ 100 އަށް ވުރެ ގިނަ ގުޖްރާތީ ތަމްސީލުތައް ސްޓޭޖްމަތީ ޕާފޯމްކޮށްފައި ވެއެވެ.