ބްރިޖްގެ މަސައްކަތަށް ޗައިނާއިން ރާއްޖެއަށް އަންނަ ޓީމުތަކަށް، މާލޭ ސަރަހައްދުން ޖުމްލަ 50،000 ސްކޮއާ މީޓަރުގެ ބިން ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ބްރިޖްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވާ ޗައިނާގެ "ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުނީ"ގެ ޓީމުތައް އިއްޔެއިން ފެށިގެން ރާއްޖެ ވަނީ އަންނަން ފަށައިފަ އެވެ.
"އަވަސް" އަށް މައުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުއްތޮލިބް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ބްރިޖްގެ މަސައްކަތަށް ޗައިނާގެ ސީސީސީސީ ކުންފުނީގެ ފަރާތުން ގިނަ އަދަދެއްގެ ބަޔަކު ރާއްޖެ އަންނަން ހަމަޖެހިފައިވެ އެވެ. އެމީހުންގެ އެކި ބޭނުންތަކަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭން، ޓީމުތަކަށް ފަސޭހަވާނެހެން ހީވާ ސަރަހައްދުތަކުން ބިން ދޫކުރާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ހިއްކާފައިވާ ސަރަހައްދުން 40،000 ސްކޮއާ މީޓަރުގެ ބިމެއް ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.
"މޭލެ-ހުޅުލެ ބްރިޖް" މެއިން ކޮންސްޓްރަކްޝަން ސައިޓް ގާއިމް ކުރަނީ ހުޅުމާލޭގަ އެވެ.
މުއްތޮލިބް ވިދާޅުވީ، ހުޅުލެއާ މާލެއާ ދެމެދު ބްރިޖްގެ މަސައްކަތް ކުރަމުންދާއިރު ލޭބަރުންގެ ބޭނުމަށް، މަސައްކަތުގެ ސައިޓާ ވީހާވެސް ކައިރިން ބިން ހޯދަން ބަލާފައިވާ ކަމަށެވެ. އެގޮތުން ހުޅުލެއިން ދޫކުރަން ނިންމާފައިވާ 5000 ސްކޮއާ މީޓަރުގެ ބިން ދޫކޮށްފައިވަނީ، ހުޅެލެއިން ބްރިޖްގެ ކޮޅު ނިމޭ ހިސާބާ ކައިރި ސަރަހައްދަކުން ކަމަށާއި މާލެއިން ބިން ދޫކުރާއިރު ވެސް މަސައްކަތުގެ ސަރަހައްދާ ވީހާވެސް ކައިރިން ބިމެއް ހޯދާނެ ކަމަށް މުއްތޮލިބް ވަނީ ވިދާޅުވެފަ އެވެ.
ސީސީސީސީ އަށް މާލެއިންވެސް ދޫކުރަން ހަމަޖެހިފައިވަނީ 5،000 ސްކޮއާ މީޓަރެވެ. އެ ސަރަަހައްދަކީ އަޑި ޕާކް ހިމެނޭ ސަރަހައްދެވެ.
"އެބޭފުޅުން މަސައްކަތްކުރާއިރު ބޭނުންވާނީ ވީހާވެސް މަސައްކަތްކުރާ ތަނާ ކައިރިން ދެއްތޮ. އެހެންވީމަ އެގޮތަށް އަޅުގަނޑުމެން މި ވިސްނަނީ، އެބޭފުޅުންނަށް ފަސޭހަވާނެހެން ހީވާ ދިމާތަކުން ބިން މި ދޫކުރަނީ، ސީސީސީސީ އިން އަޅުގަނޑުމެން ކައިރީ އެދުނީ މާލެއިން ވެސް 5000 ސްކޮއާ މީޓަރުގެ ބިމަކަށް. އެކަމަކު އެއަށްވުރެ ބޮޑު ތަންކޮޅެއް ދޫކުރެވޭތޯ މި ބަލަނީ،" މުއްތޮލިބް ވިދާޅުވި އެވެ.
ފެށޭ ޑިސެމްބަރު މަހުގެ 15 ނުވަތަ 20 ގަ ބްރިޖްގެ އަމަލީ މަސައްކަތް ފަށަން ނިންމާފައިވާއިރު، އެ މަސައްކަތް ކުރާ ސީސީސީސީގެ ހަތަރު މެންބަރުން ހިމެނޭ ޓީމެއް އިއްޔެގެ ވަގުތެއްގައި ވަނީ ރާއްޖެއަށް އައިސްފަ އެވެ. ކުރިއަށްއޮތް ދުވަސްތަކުގައި އެ ކުންފުނީގެ އިތުރު މުވައްޒަފުންނާ މަސައްކަތު މީހުން ރާއްޖެ އަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ބްރިޖް އަޅަން ރާއްޖެއަށް އަންނަ ލޭބަރުންގެ ކޯޓާގެ ކަންކަން ސީސީސީސީ އިން ނިންމަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.