ބޮލީވުޑް

ޝެހެނާޒް ފިލްމީ މަސައްކަތަށް ނުކުންނަން ތައްޔާރު

ސިދާރްތު ޝުކްލާގެ ކުއްލި މަރުން އެންމެ ބޮޑު ހިތާމައެއް ލިބުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ލޯބިވެރިޔާ ކަމަށް ބުނާ ޝެހެނާޒް ގިލް އަށެވެ. ސިދާރްތުގެ މަރަށް މަހެއްހާ ދުވަސް ވީއިރު ވެސް ޝެހެނާޒް އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުކުމެ އުޅޭތަނެއް ނުފެނެ އެވެ. އޭނާގެ އެކުވެރިން ބުނެފައި ވަނީ ސިދާރްތުގެ މަރުން ޝެހެނާޒަށް ބޮޑު ޝޮކެއް ލިބި ޑިޕްރެޝަނަށް ގޮސްފައިވާ ކަމަށެވެ.

ނަމަވެސް މިހާރު އަނެއްކާވެސް ހިތްވަރު ކޮށްފައި މަސައްކަތަށް ނުކުންނަން ޝެހެނާޒް ގަސްތުކޮށްފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން އިއްޔެ ވަނީ ބުނެފަ އެވެ. އަދި މިކަން ޝެހެނާޒް މިހާރު ކުޅެމުންދާ ޕަންޖާބު ފިލްމު "ހޯންސްލާ ރަކް" ގެ ޕްރޮޑިއުސަރު ވެސް ވަނީ ބުނެފަ އެވެ.

މި ފިލްމު ރިލީޒް ކުރަން ކައިރިވެފައިވާއިރު ފިލްމުގެ ޕްރޮމޯޝަނަލް ލަވަ އަދި ޝޫޓް ނުކޮށް އެބައޮތެވެ. މި ފިލްމު އުފައްދާ ފަރާތުން ބުނީ ޝެހެނާޒް އޭނާގެ ކޮންޓްރެކްޓަށް އިހްތިރާމް ކުރާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ ނުނިމި އޮތް ލަވަ ނިންމާލަން ޝޫޓިންގްތަކުގައި ބައިވެރިވާނެ ކަމަށެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި "ހޯންސްލާ ރަކް" ގެ ޕްރޮޑިއުސަރު ދިލްޖީތު ތިންކް ބުނީ އޭނާ އާއި ޓީމުން ޝެހެނާޒް އާ އަބަދުވެސް ގުޅައި ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އަދި ލަވަ ޝޫޓްކުރާނެ ރަނގަޅު ލޮކޭޝަނެއް ފައިނަލްވެ އެ ތަނަކަށް ދިއުމަށް ޝެހެނާޒަށް ވިސާ ލިބުނުހާ އަވަހަކަށް އޭނާ ދާން ތައްޔާރުކަމަށެވެ.

"އަހަރެމެން ގަސްތުކުރަނީ ޔޫކޭ ވިސާ ލިބިއްޖިއްޔާ އެ ގައުމަށް ދާން. ނޫނި އިންޑިޔާގެ ކޮންމެވެސް ތަނެއްގައި ޝޫޓިން އޮންނާނީ. މިހާރު ހަމަޖެހިފައިވާ ގޮތުން އޮކްޓޯބަރު 7 ވަނަ ދުވަހު ޝެހެނާޒް ޝޫޓިންގްގައި ބައިވެރިވާނެ،" ޕްރޮޑިއުސަރު ބުންޏެވެ.

"ހޯންސްލާ ރަކް"ގެ ބަތަލަކި ދިލްޖީތު ދޮސާންޖް އެވެ. ބަތަލާއިންނަކީ ޝެހެނާޒް އާއި ސޯނަމް ބާޖްވާ އެވެ. މި އަހަރުގެ ކުރީކޮޅު ޝެހެނާޒް ވަނީ ކެނެޑާގައި ފިލްމުގެ ޝޫޓިންގްގެ ބޮޑު ބައެއް ފުރިހަމަ ކޮށްފަ އެވެ.

ހާޓް އެޓޭކެއް ޖެހިގެން ސިދާރްތު ކުއްލިއަކަށް މަރުވީ ފާއިތުވީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އެވެ. އޭގެ އަނެއް ދުވަހު އޮތް ސިދާރްތުގެ ޖަނާޒާގައި ޝެހެނާޒް ބައިވެރިވީ ފަހުން އޭނާ އެއްގޮތަކަށް ވެސް ގެއިން ބޭރުން ފެނިފައެއް ނުވެ އެވެ. އޭރު ޕްރޮޑިއުސަރު ތިންޑް ބުނެފައިވަނީ އެންމެ ލޯބިވީ މީހާގެ މަރުގެ ހިތާމައިން ޝެހެނާޒަށް ކޮންމެވެސް ވަރަކަށް ސަލާމަތް ވެވެންދެން އެމީހުން އޭނާއަށް ޕްރެޝަރު ނުކޮށް އިންތިޒާރު ކުރާނެ ކަމަށެވެ.

ޕްރޮމޯޝަނަލް ލަވަ ޝޫޓްކުރަން އެންމެ ކުރިން ހަމަޖައްސާފައި އޮތީ ލަންޑަންގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް ޝެހެނާޒަށް ކުރިމަތިވީ ހިތާމައާއި އެނޫންވެސް ބައެއް ސަބަބުތަކާ ހެދި ލަވައިގެ މަސައްކަތް ލަސްވީ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.