ޓޫރިޒަމް

ޓޫރިޒަމް ދާއިރާގެ ގައުމީ އިނާމު ރިފްއަތަށް

ޓޫރިޒަމް ދާއިރާއަށް ހިދުމަތް ކުރުމުގެ ގޮތުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ރާއްޖޭގެ އެންމެ ދުވަސްވީ ޓޫރިޒަމް ކުންފުނި، ކެޕިޓަލް ޓްރެވަލްގެ ވެރިޔާ ޔޫސުފު ރިފްއަތު އަށް ދީފި އެވެ.

ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ރިފްއަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތައާރުފުކުރުމުގެ ރޮނގުންނެވެ.

ޅ. ހިންނަވަރު، ނޫވިލު، ރިފްއަތަށް މި އިނާމު ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

"ކެޕިޓަލް ރިފްއަތު"ގެ ނަމުން ޓޫރިޒަމް ސިނާއަތުގައި މަޝްހޫރުވެފައިވާ ރިފްއަތު ޓްރެވަލް އެޖެންސީގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެނީ 1982 ވަނަ އަހަރު އެވެ.

އޭނާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަން ފެއްޓެވީ ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ކުންފުނި ކަމަށްވާ ޔުނިވާސަލް އިން ދިން ފުރުސަތެއްގަ އެވެ.

އެ ކުންފުނިން ޓޫރިޒަމް ދާއިރާ އަށް މީހުން ތަމްރީން ކުރުމަށް ނެގި ދަރިވަރުންގެ ތެރޭގައި ލައްވާލައިގެންނެވެ. އަދި ރިފްއަތުގެ ކެޕިޓަލް ޓްރެވަލް 1990 ވަނަ އަހަރު އަމިއްލަ ކުންފުންޏެއްގެ ގޮތުގައި އުފެއްދި އެވެ.

ރިފްއަތަކީ ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް ޖަމިއްޔާ މަޓާޓޯ އުފެއްދުމުގައި ވެސް ފައުންޑަރެއްގެ ގޮތުގައި ބައިވެރިވަޑައިގަތް ބޭފުޅެކެވެ. މިހާރު އޭނާ އަކީ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ)ގެ ރައީސް އެވެ.