އޯގަސްޓް މަހު ފ. އަތޮޅުން ގްރީން ޓެކުހުގެ ގޮތުގައި އެއްވެސް އަދަދެއް ލިބިފައި ނުވާ ކަމަށް ގްރީން ފަންޑު ރިޕޯޓުން ދައްކައިފި އެވެ.
ގްރީން ފަންޑު ރިޕޯޓް ދައްކާ ގޮތުގައި އޯގަސްޓް މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 75.6 މިލިއަން ރުފިޔާ އެވެ. މިގޮތުން މުޅި ރާއްޖޭން ގްރީން ޓެކްސް ނުލިބޭ ހަމައެކަނި އަތޮޅަކީ ފ. އަތޮޅެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފ. އަތޮޅުގައި ހިންގާ އެއް ރިސޯޓަކީ ތްރީއޭ ކުންފުނިން ފ. ފިލިތެޔޮގައި ހިންގަމުން ގެންދާ ރިސޯޓެވެ. މީގެ އިތުރުން ގެސްޓްހައުސްތައް ވެސް ހިންގަ އެވެ. ގެސްޓްހައުސް ހުޅުވާފައި ހުރި ރަށްތަކުގެ ތެރޭގައި ފ. މަގޫދޫ އާއި ނިލަންދޫ ހިމެނެ އެވެ. މި ދެ ރަށުގައި ހުރި އެނދުގެ އަދަދު 100 އަށް އަރަ އެވެ.
ރާއްޖޭގެ އަތޮޅުތަކުން އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. މި އަތޮޅުގެ ރިސޯޓުތަކުން 29 މިލިއަން ރުފިޔާ އަދި ގެސްޓްހައުސްތަކުން 604,541.27 ރުފިޔާއެކު ޖުމްލަ 29.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި މުއްދަތުގައި ސަފާރީތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 790,501.04 ރުފިޔާ ލިބިފައިވެ އެވެ.
ގްރީން ފަންޑުގައި މިހާރު ޖުމްލަ އެއް ބިލިއަން ރުފިޔާ ހުރިއިރު، މި އަހަރުގެ މިހާތަނަށް 502 މިލިއަން ރުފިޔާ ލިބި 247 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އޯގަސްޓް މަހު އެކަނި މި ފަންޑުން 32.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި ފަންޑުން ފައިސާ ހޭދަކޮށްފައިވާ މައިގަނޑު ދާއިރާތަކަކީ ކުނި މެނޭޖުކުރުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ތަކަށެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.
ގްރީން ޓެކްސް ނަގަން ފެށީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ. ނަމަވެސް މި ފައިސާ ހޭދަކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތުމުން މިހާތަނަށް ކުނީގެ މައްސަލަ ހައްލުކުރަން މި ފައިސާ ރަނގަަޅަށް ހޭދަ ކުރަމުން ގެންގޮސްފައެއް ނުވެ އެވެ.