މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހަށް 200 ބޮޑީ ކެމެރާ ގަންނަން އިއުލާނުކޮށްފި

ސީންތަކަށް ދާއިރު ފުލުހުންގެ ގައިގައި ހަރު ކޮށްގެން ބޭނުން ކުރާ ބޮޑީ ކެމް ނުވަތަ "ބޮޑީ ވޯން ކެމެރާ" ގެ 200 ކެމެރާ ގަންގަން އިއުލާން ކޮށްފި އެވެ.

ފުލުހުންގެ އިއުލާނެއްގައި ބުނެފައި ވަނީ ފުލުހުންގެ ބޭނުމަށް 200 ބޮޑީ ކެމެރާ ހޯދަން ބޭނުންވާ ކަމަށެވެ. އަދި މިކަމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ މީހުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރާނެ ކަމަށެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިންނެވެ. މި ޕްރޮޖެކްޓާ ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ އެވެ. ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ފުލުހުންގެ އޮޕަރޭޝަންތަކަށް ބޮޑީ ކެމެރާ ހޯދަން މިއަހަރުގެ ބަޖެޓުގައި ވެސް ހިމަނައިފައި ވެއެވެ. އަދި 1400 ކެމެރާ ހޯދުމަށްޓަކައި ޕައިލެޓް ޕްރޮގްރާމެއް ވެސް ހިންގި އެވެ. ނަމަވެސް އޭގެ ރިލައިބިލިޓީއަށް ބަލައި އެމެރިކާގެ އެކްސް އޯން ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށްޓަކައި ޓެންޑާ ބޯޑަށް ހުށަހެޅުމުން އެގޮތަށް އެކަންކުރަން ނުފެންނަ ކަމަށް ޓެންޑަ ބޯޑުން މިއަހަރު މޭ މަހު ނިންމި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ޖޫން މަހު ވިދާޅުވީ ކެމެރާތައް ހޯދަައި އަލުން މަސައްކަތް ފަށައި މިއަހަރު ކެމެރާތައް ބޭނުންކުރަން ފަށަން އަމާޒު ހިފައިފައިވާ ކަމަށެވެ.