ބިރުވެރި ފިލްމު ކުޅުމަށް ދެވިހިފައިފައިވާ ބިޕާޝާ ބާސޫގެ އާ ފިލްމެއް މިވަނީ އަނެއްކާވެސް އިންޑިޔާގެ ސިނަމާތަކަށް އައިސްފައެވެ. 2002 ވަނަ އަހަރު ފިލްމު "ރާޒް" އާއި އެކު ބެލުންތެރިންގެ މަގްބޫލުކަން ލިބުމާ އެކު ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުންދިޔަ ބިޕާޝާއަކީ މިފަހަކަށް އައިސް ވަރަށް ފަނޑުވެފައިވާ ނަމެކެވެ. އަދި އަލުން އެ ނަމަށް ވިދުން ގެންނަން ބިޕާޝާ ބޭނުންކުރަމުންދާ އުކުޅަކީ ދެވަނަ ފަހަރަށް ރާޒްފަދަ ވަރުގަދަ ބިރުވެރި ފިލްމެއް ބެލުންތެރިންނަށް ގެނެސްދިނުމެވެ.
އެމަސައްކަތުގައި ފާއިތުވި 3 އަހަރުވެސް އޭނާ މިވަނީ ތިން ބިރުވެރި ފިލްމެއް ގެނެސްދީފައެވެ. "ރާޒް" ގެ 3 ވަނަ ބައި ކާމިޔާބު ވިނަމަވެސް "އާތުމާ" އަދި "ކްރީޗާ" ވެގެން ގޮސްފައިވަނީ ހަމައެކަނި ބިޕާޝާގެ ފިލްމޮގްރަފީ ބަލާބަޔަކަށް އެނގޭނެ ފިލްމުތަކެއްގެ ގޮތުގައެވެ. އެހާވެސް އެ ދެ ފިލްމު ބެލި ބަޔަކު މަދުކަމަށް ވެއެވެ.
މި ހަފްތާގައި ނެރުނު "އެލޯން" ގެ ފުރަތަމަ ޓްރެއިލާ އާއި އެކު ބެލުންތެރިންގެ ހިތް މި ފިލްމަށް ވަރަށް ބޮޑަށް ލެނބިގެންދިޔައެވެ. ރިތިކް ރޯޝަން ޓްވީޓްކޮށްފާވާގޮތުންނަމަ އެލޯންގެ ޓްރެއިލާއިން އެކަނިވެސް ގައިން ހީބިހި ނަގައިގެންދިޔައެވެ.
ނަމަވެސް އިންޑިޔާގެ ފިލްމީ ފާޑުކިއުންތެރިންވަނީ ބުނަނީ "އެލޯން" އަކީ ބިރުވެރި ފިލްމެކޭ ބުނެ ބަލާވަރު ގެ ފިލްމެއް ނޫންކަމަށް ކަމަށެވެ. އަދި މި ފިލްމަކީ ހަމައެކަނި ބިޕާޝާގެ ރީތިކަމާއި ފިލްމުގެ ލީޑް ފިރިހެންތަރި ކަރަން ސިންގް ގެ ހަށިގަނޑު ބެލުމަށް ބޭނުން ފަރާތްތަކަށް އޮތް ފިލްމެއް ކަމަށްވެސް އެލިޔުންތަކުގައި ވެއެވެ.
"އެލޯން" އަކީ ހަމަ އެނަމުގައި އުފައްދާފައިވާ ތައި ފިލްމެއްގެ ރީމޭކެކެވެ. މި ފިލްމުގެ މައްޗަށް މީގެ ކުރިންވެސް އިންޑިޔާގެ އިތުރު ދެބަހަކުން ވަނީ ފިލްމު އުފައްދާފައެވެ. ފުރަތަމަ ދުވަހުގެ ވިޔަފާރިއަށްބަލާފައި މި ފިލްމަކީ ފްލޮޕްވާނޭ ފިލްމެއްކަމަށް ގިނަ ބަޔަކުވަނީ މިހާރު ނިންމައިފަ އެވެ.