އިމްރާން އަބްދުﷲ

ރަނގަޅަށް ހިދުމަތް ދޭން 800 ފުލުހުން އިތުރަށް ބޭނުންވޭ: އިމްރާން

އެެދެވޭ ގޮތެއްގައި ފުލުުހުންގެ ހިދުމަތް ދިނުމަށް އަދިވެސް 800 އެއްހާ ފުލުހުން ބޭނުންވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިތުރު ސުވާލުކުރުމުގެ ވަގުތުގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ.

މެންބަރު މުހައްމަދު، އިމްރާނާ ސުވާލުކުރެއްވީ ރަށްތަކުގައި ހަދާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ 2023 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރަން ނިންމާފައިވާ ކަމަށާއި އަދި މިއަހަރު 14 ރަށެއްގައި އަދި އަންނަ އަހަރު 25 ރަށެއްގައި ފުލުހުންގެ ހިދުމަތް ފެށޭނެ ކަަމަށެވެ. ބާކީ ހުރި ރަށްތަކަށް 2023 ގައި ހިދުމަތް ފެށޭނެ ކަމަަށެވެ.

ފުލުހުންގެ ހިދުމަތް ރަށްތަކަށް ދިނުމުގައި ވަކި ގޮތަކަށް ތަރުތީބުކުރަން ޖެހޭ ކަންވެސް އިމްރާން ފާހަަގަކުރެއްވި އެވެ. އެގޮތުން ރަށްރަށުގެ އާބާދީއާއި ކުށްތައް ރިޕޯޓްކުރެވޭ މިންވަރަާއި އަދި އެންމެ ކައިރީގައި ޕޮލިސް ސްޓޭޝަން ހުރި ރަށްތަކާއި ހިދުމަތް ދިނުމުގައި ފަސޭހައާއި ދަތިތައް ހުންނަ މިންވަރަށް ބަލަން ޖެހޭ ކަމަށެވެ. އަދި އެ ކަންކަމަށް ބެލުމަށްފަހު ހިދުމަތް ނުދެވި ހުރި ހުރިހާ ރަށެއް އެއް ލިސްޓަކަށް ތަރުތީބުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

".... އެހެންވީމާ އެ ތަރުތީބުން އިރާދަކުރެއްވިއްޔާ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ހިދުމަތް ފޯރުކޮށްދޭނަން. އަދިވެސް ހުރިހާ ރަށެއްގައި މި ކަނޑައަޅާ މިންވަރަށް ހިދުމަތް ދިނުމަށް ދިނުމަށްޓަކައި 800 އެއްހާ ފުލުހުން ރެކްރޫޓްކުރަން ޖެހޭ. މިއީ ދައުލަތަށް ބުރަ ބޮޑުކަމެއް. މިއީ ފަސޭހަކަމެއް ނޫން. ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރުން ކުރިއަށް ގެންދެވޭނީ. އެހެން ނަމަވެސް މިއަންނަ އަހަރު އަޅުގަނޑުމެން އުއްމީދުކުރަން ގާތްގަނޑަކަށް 130އަކަށް ފުލުހުން ރެކްރޫޓްކުރެވޭނެ ކަމަށް. " މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރު ރެކްރޫޓްކުރާ ފުލުހުންނާއެކު މިހާރު ފުލުުހުންގެ ހިދުމަތްތައް ދިނުމުގައި ދަތިވާ ރަށްތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރު މިހާތަނަށް އެއްވެސް ފުލުހަކު ރެކްރޫޓްކޮށްފައެއް ނުވެއެވެ.