ބޮލީވުޑް

މިދަނީ ނަފްސަށް ވިސްނައި ދެމުން: ޝެހެނާޒް

އެންމެ ގާތް އެކުވެރިޔާ އަދި ލޯބިވެރިޔާ ސިދާރްތު ޝުކްލާގެ މަރަށް ފަހު ފުރަތަމަ ފަހަރަށް ޝެހެނާޒް ގިލް މީޑިއާ އާ ވާހަކަ ދައްކައިފި އެވެ. އޭނާ ކުޅެފައިވާ ޕަންޖާބު ފިލްމު "ހޯންސްލާ ރަކް" ރިލީޒް ކުރަން ކައިރިވެފައިވާތީ އެ ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި ވަރަށް އަވަދިނެތި އުޅެމުން ޝެހެނާޒް ދީފައިވާ އިންޓަވިއު އެއްގައި އޭނާ ދެއްކި ވާހަކަތަކުން ފޭނުންގެ ހިތް ހަލާކުވާވަރު ވެއެވެ.

"ހޯންސްލާ ރަކް" ގެ ބަތަލު ދިލްޖީތު ދޮސާންޖު އާއި ދެ ވަނަ ބަތަލާ ސޯނަމް ބާޖްވާ އާއެކު ޝެހެނާޒް ބައިވެރިވި އިންޓަވިއު އެއްގައި ޝެހެނާޒް ބުނީ އޭނާގެ ފިލްމުގެ ޓައިޓްލް "ހޯންސްލާ ރަކް" (ކެތްތެރިވާށެވެ) ގައި ބުނާ ފަދައިން އޭނާވެސް އަމިއްލަ ނަފްސަށް ކެތްތެރިވާށޭ ބުނެ ވިސްނައިދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ބިގް ބޮސް 13" ގައި ސިދާރްތު އާއެކު ޝެހެނާޒް ބައިވެރިވެ މި ދެ އެކްޓަރުންގެ މެދުގައި ގާތް ގުޅުމެއް އުފެދުނެވެ. އަދި "ބިގް ބޮސް"ގެ ފޭނުންގެ އެންމެ ފޭވަރިޓް ޖޯޑަކީ މި ދެ އެކްޓަރުންނަށް ވެފައި ވެއެވެ. އެހެންވެ ޝެހެނާޒް އާއި ސިދާރްތުގެ ފޭންޕޭޖްތަކުގައި މި ވީޑީއޯ މިހާރު ވަރަށް ބޮޑަށް ވައިރަލް ވެފައި ވެއެވެ.

ވީޑީއޯ ބަލާފައި ފޭނުން ބުނެފައިވަނީ ޝެހެނާޒް އަކީ ވަރަށް ހިތްވަރުގަދަ އަދި އެތައް މިލިއަން ބަޔަކަށް ހިތްވަރު ހޯދޭނެ ނަމޫނާ ބަތަލާއެއް ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު، ހާޓް އެޓޭކެއް ޖެހިގެން އުމުރުން 40 އަހަރުގައި ސިދާރްތު މަރުވީ ވަރަށް ކުއްލި ގޮތަކަށެވެ. ޝެހެނާޒަށް އެހާ ފުން އަސަރުތަކެއް ކުރީ ސިދާރްތުގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅުވެސް އޭނާއާއެކު ހޭދަ ކޮށްފައި ވުމާ ވެސް އެކުގަ އެވެ.
ސިދާރްތު މަރުވުމުގެ ދުވަސްކޮޅެއް ކުރިން ޝެހެނާޒް އާއެކު ކުޅެފައިވާ މިއުޒިކް ވީޑިއޯއެއް މިހާރު ރިލީޒްކުރަން ދަނީ ތައްޔާރު ވަމުންނެވެ. މި ލަވައިގެ ނަމަކީ "އަދޫރާ" އެވެ.