އެމްއެންޑީއެފް

ކުއްޖާ ހޯދަން ޑޯނިއާ މަތިންދާ ބޯޓު ނިކުމެއްޖެ

Oct 18, 2021
5

މޫސުން ވަރަަށް ބޮޑަށް ގޯސްވެފައި ވަނިކޮށް މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ކަނޑު މައްޗަށް ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގައި ސިފައިންގެ ވައިގެ ފްލީޓްގައި ހިމެނޭ ޑޯނިއާ މަތިންދާ ބޯޓު ބޭނުންކުރަން ފަށައިފި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކަމަށް ބުނާ ޑޯނިއާ މަތިންދާ ބޯޓުގެ އިތުރުން އިންޑިއާ އިން ދީފައިވާ ކަމަށް ބުނާ ދެ ހެލިކޮޕްޓަރު ވެސް ސިފައިންގެ ވައިގެ ފްލީޓްގައި އޮވެ އެވެ.

ހޮނިހިރު ދުވަހުން ފެށިގެން ކުޑަ ކުއްޖަކު ގެއްލިގެން އުޅޭއިރު ވައިގެ އުޅަނދުތައް ބޭނުން ނުކުރަނީ ކީއްވެގެންތޯ އަވަސް އިން އިއްޔެ ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އިއްޔެ ވަނީ އެ ސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. އެކަމަކު ޑޯނިއާ މަތިންދާ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެ ބޯޓު ބޭނުން ނުކުރެވޭކަން އިއްޔެ ޔަގީންކޮށްދެއްވި އެވެ.

ކުޑަ ކުއްޖަކު ހޯދުމުގެ އޮޕަރޭޝަންގައި ވައިގެ ފްލީޓްގައި ހިމެނޭ އެއްވެސް އުޅަނދެއް ބޭނުން ނުކުރާކަން ނޫސްތަކުގައި އިއްޔެ ރިޕޯޓް ކުރުމާ ގުޅިގެން ސިފައިންނަށް ފާޑު ކިޔުންތަކެއް ވެސް އަމާޒުވި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރާ މިއަދު ސުވާލުކުރުމުން ވިދާޅުވީ ކުޑަ ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި ޑޯނިއޯ މަތިންދާ ބޯޓު މިއަދުން ފެށިގެން ހަރަކާތްތެރިވާ ކަމަށެވެ. އެކަަމަކު ބޯޓަށް ކުރިން ދިމާވި ކަމަށް ބުނި ޓެކްނިކަލް މައްސަލައިގައި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ވައިގެ ފްލީޓް މިއަދުގެ ވަކި ވަގުތަކާ ހަމައަށް ބޭނުން ނުކުރި ނަމަވެސް ކޯސްޓްގާޑުގެ އުޅަނދުތަކުން ދިޔައީ ލޯންޗް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ކޯސްޓްގާޑުގެ މަސައްކަތުން ރެއާ ހަމައަށް 60 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވެ އެވެ.

ކަނޑުމައްޗަށް ގެއްލޭ މީހުން ހޯދުމަށް މީގެކުރިން މަދަނީ އެއާލައިންތަކުން ވެސް ހާއްސަ މަސައްކަތްތަކެއް ކުރެ އެވެ. އެކަމަކު އެފަދަ އޮޕަރޭޝަނެއް ވެސް ކުޑަ ކުއްޖާ ހޯދުމަށް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އެކަމަކު ގެއްލިގެން ހޯދަމުންދާ ކުއްޖާ ހޯދުމަށް ސިފައިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު 5:00 ހާއިރު އައި ކޮޅިގަނޑެއްގެ ތެރޭ ރާޅުގައި ޖެހި ލޯންޗު ބަންޑުން ޖެހީ ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނު ބޭރަށެވެ. ގެއްލިގެން ހޯދަމުންދާ ކުއްޖާގެ މަންމަ ވެސް ވަނީ މިހާދިސާގައި މަރުވެފަ އެވެ.