ނިއުރޭޑިއަންޓްގެ ޗެއާމަންކަމުގައި ހަތަރު އަހަރު ހޭދަކުރުމަށް އެ މަގާމު ދޫކޮށްލަން އަލީ ވަހީދު (ބަލަކް) ނިންމައިފި އެވެ.
ސިޔާސީ ހިމާޔަތް ހޯއްދަވައިގެން މިވަގުތު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން އަންނަ ބަލަން ނިއުގެ ޗެއާމަންކަން ދޫކޮށްލަން ނިންމީ އޭނާގެ ދައުރު ވެސް މި އަހަރުގެ ނިޔަކަށް ހަމަވާތީ އެވެ.
ބަލަކް ނިއުގެ ޗެއާމަންކަން ކަމާ ހަވާލުވެވަޑައިގަތީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ނިއު އަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން ގެނެސް އޭނާ ވަނީ ބަލިނުވެ ނިއު އަށް ދިވެހި ލީގު ކާމިޔާބުކޮށްދީ ގައުމީ ތަށި މިލްކުކޮށްދީފަ އެވެ.
"އަޅުގަނޑަށް މިހިސާބުން ނިއު އަށް ހިދުމަތެއް ކޮށްދެވިއްޖެކަމަށް ގަބޫލު ކުރަން. މިއީ ވަރަށް ގިނަ ބަޔަކު ކުރަން އުޅެނުވި ކަމެއް. އެހެންވީމާ މިއީ ވަރަށް ބޮޑު އުފަލެއްވެސްމެ،" މިދިޔަ އަހަރު ގައުމީ ތަށި މިލްކުރުމަށްފަހު ބަލަކް ވިދާޅުވި އެވެ.
ނިއު ރޭޑިއަންޓް ގައުމީ ތަށި މިލްކުކޮށްދިން ޗެއާމަން ކުލަބު ދޫކޮށްލަނީ މިވަގުތު ގައުމުން ބޭރުގައި ހުންނަވަން ޖެހުމުން އޭނާ އަށް ކުލަބު ހިންގުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ އެވެ.
ނަމަަވެސް ސިޔާސީ ހަރަކާތްތަކުގައި އޭނާ ހައްޔަރުކޮށް ޖަލަށް ލުމުގެ ކުރިން ބަލަކް ފާހަގަ ކުރެވުނީ އެންމެ ހިންގުންތެރިންގެ ޗެއާމަންގެ ގޮތުގަ އެވެ. އޭނާ ވަނީ ނިއު އަށް މޮޅު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށް، މެނޭޖްމަންޓާއި ސަޕޯޓަރުންގެ ގޮތުން ވެސް ނިއު ވަރުގަދަކޮށްފަ އެވެ.
މި ގޮތުން ކުލަބުގެ އެކަޑަމީ ފަށައި އެ އެކަޑަމީ އަށް ބިދޭސީ ކޯޗުން ގެނަ އެވެ. ނިއުގެ މެމްބަރުންނަށް ބްލޫ އަދި ގޯލްޑް ކާޑު ތައާރަފްކޮށް ކުލަބަށް އާމްދަނީ ލިބޭނެ ގޮތް ހެއްދެވި އެވެ.
ކޮންމެ އަހަރަކު ނިއުގެ ކުޅުންތެރިންނާއި ސްޕޮންސަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ބްލޫނައިޓާއި ގޯލްޑް ނައިޓް ތައާރަފްކޮށް ހިދުމަތުގެ އިނާމް ވެސް ދެއްވަން ފެއްޓެވި އެވެ. މިހުރިހާ ކަމަކާއެކު ނިއު ރާއްޖޭގެ އެއްވަނަ ޓީމަކަށް ހެއްދެވިއިރު ސަޕޯޓަރުންނާއި ކުޅުންތެރިންގެ އިތުރުން އެކުލަބުގެ ބާނީ ކުއީން އަހުމަދު ވަހީދުގެ އިތުބާރު ވެސް ބަލަކް ހޯއްދެވި އެވެ.