ރާއްޖެ ކުޅިވަރު

ތިން ވަނަ އީގަލްސް އަށް، މާޒިޔާ ހަތަރަކަށް

މާޒިޔާ 2-1އިން ބަލިކޮށް، އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ތިން ވަނަ މަގާމު ކުލަބު އީގަލްސް މިއަދ ހޯދައިފި އެވެ.

ޔަސްފާދު ހަބީބާއި ކެޕްޓަން އިސްމާއީލް އީސާ (މެސީ) ޖެހި ދެ ލަނޑުން އީގަލްސް މޮޅުވެ ތިން ވަނަ ޔަގީންވީ ޖުމުލަ 24 ޕޮއިންޓާއެކުގަ އެވެ. މެޗުގައި މާޒިޔާގެ ލަނޑު ޖެހީ ކެޕްޓަން އަސަދުﷲ އަބުދުﷲ އެވެ. މާޒިޔާ އަށް ހަތަރު ވަނަ ލިބެނީ 21 ޕޮއިންޓާއެކުގަ އެވެ.

އެއްވަނާގައިވަނީ މިރޭ ޓީސީއާ ބައްދަލުކުރަންޖެހޭ މެޗު ބާކީ އޮއްވައި ޗެމްޕިއަންކަން ހޯދި ނިއުރޭޑިއަންޓެވެ. ދެ ވަނާގައިވަނީ ޓީސީ އެވެ. ނިއު އަށް 32 ޕޮއިންޓް ލިބިފައިވާއިރު ޓީސީ އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.

ލީގުގެ ފަސް ވަނަ ލިބެނީ 17 ޕޮއިންޓާއެކު ވިކްޓަރީ އަށެވެ. ވެލެންސިއާ ހަ ވަނާގައިވަނީ 16 ޕޮއިންޓާއެކުގަ އެވެ. ގަދަ ހަޔަކުން ބާކީވެ ހަތް ވަނަ މަގާމު ލިބުމުން އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި އޮތުމަށް ޕްލޭއޯފް ކުޅެން ޖެހެނީ 13 ޕޮއިންޓް ލިބިފައިވާ ބީޖީ އަށެވެ. އެންމެ ދެ ޕޮއިންޓާއެކު ރެލިގޭޓްވީ މަހިބަދޫ އެވެ.

މިއަދުގެ މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ އީގަލްސް ހުރިހާ ގޮތަކުން ވެސް މާޒިޔާ އަށްވުރެ ރަނގަޅަށް ކުޅުނު ކަމަށެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ އީގަލްސް އަށް މިއީ ކާމިޔާބު ސީޒަނެއް ނޫން ކަމަށާއި އީގަލްސް އަށް ލިބެންޖެހޭނީ 24 ޕޮއިންޓް ނޫން ކަމަށެވެ.