ކްރިމިނަލް ކޯޓް

ނަދީމްގެ މަރު: ހުލާސާ ބަޔާން އިއްވުން އަންނަ މަހު

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހު މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގެ ޝަރީއަތުގައި ދެ ފަރާތުން ހެކިބަހާ ގުޅޭ ގޮތުން ވާހަކަ ދައްކައި ނިންމާލައިފި އެވެ.

މަރުގެ މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ގ. ޝާރާޒް މުހައްމަދު މަފާޒަށެވެ.

މަފާޒަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

މި މައްސަލަ ހުކުމާ ހަމައަށް އައިސްފައިވާއިރު ހުލާސާ ބަޔާން އިއްވުން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށް ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއުން ވަނީ ހެއްކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. ދައުވާ ލިބޭ ހަތަރު މީހުންގެ ދިފާއީ ވަކީލް ނޫރުލްސަލާމް ވަނީ އެ ހަތަރު މީހުންގެ މައްޗަށް އެ ދައުވާ ނުއުފުލޭނެ ކަމަށް ހެކީގެ ހެކިބަހުން ސާބިތުވާކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހާދިސާ ހިނގި ސީނަށް އެންމެ ފުރަތަމަ ދިޔަ ދެ ފުލުހުންގެ ހެކިބަހުން އެމީހުންނަކީ ކުށުގެ ވެށި ރައްކާތެރިކުރަން ދިޔަ ދެ ފުލުހުން ކަމަށް އެނގޭއިރު، އެ ވާޖިބު އެމީހުން އެދެވޭ ގޮތެއްގައި އަދާކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ. ޓާމިނަލް ކެފޭތެރޭ ތިބި އެންމެން އެތަނުން ފޮނުވައިލިއިރު ނަން ވެސް ނޯޓުކޮށްފައި ނުވާ ކަމަށާއި، ކުށުގެ ވެށި ރައްކާތެރިކުރާއިރު އެ މަންޒަރު ދުށް މީހުންގެ މައުލޫމާތު ހޯދާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ދައުވާ ލިބޭ މީހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތަކަކީ ކޮން ޒަމާނެއްގެ އެއްޗެހިތަކެއް ކަން އެނގޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށާއި އެ ވީޑިއޯތަކުގައި ގަޑި ތަފާތުކަން ފާހަގަކުރެވޭ ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ. އަދި ދެ ފަރާތުގެ ހެކިތަކަށް ބަލާއިރު ދައުލަތުގެ ހެކިންނަށް ވެސް ހަމަލާ ދިން މީހުން ފާހަގަނުކުރެވޭ ކަމަށެވެ.

ސިއްރުހެކިންގެ ހެކިބަހާ ގުޅިގެން މާލެތެރޭގައި މާރާމާރީތަކެއް ހިންގިކަމަށް ދައުލަތުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށްބަލާއިރު، އެ މާރާމާރީތައް ހިންގާފައި ވަނީ ސީދާ މި މައްސަލައާ ގުޅިގެން ކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ނޫރުލްސަލާމް ވިދާޅުވި އެވެ.

ދިފާއުން ފާހަގަކުރި ކަންކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ފާތުމަތު މީޝާ ވިދާޅުވެފައި ވަނީ ދިފާއުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ބޮޑެތި ފުށުއެރުންތަކެއް އަރާކަމަށެވެެ. ނަމަވެސް ދިފާއީ ހެކިންނާ ބެހޭ ގޮތުން ތަފްސީލީ ގޮތެއްގައި ހުލާސާ ބަޔާނުގައި ވާހަކަ ދައްކަވާނެ ކަމަށެވެ.

ޝަރީއަތުގެ މިއަދުގެ މަޖިލީހުގައި ދެން ކުރިއަށް ގެންގޮސްފައި ވަނީ ބަންދު މުރާޖާ ކުރުމެވެ. އެގޮތުން ބަންދު ދަމަހައްޓަން ޖެހޭ ކަމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.

މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށްފަހު ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. އެއަށްފަހު މައްސަލައިގެ ހުކުމް އިއްވާނެ އެވެ.

ނަދީމް މަރުވީ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ފުލުހުން އޭރު ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.