ހިޔާ މަޝްރޫއު

ހިޔާއަށް ލައިފް ސަޕޯޓުގެ ޒަމާނީ ކްލިނިކެއް

ރާއްޖޭގެ ތާރީހުގައި ބޯހިޔާވަހި ކަމަށް ތަރައްގީކުރި އެންމެ ބިޔަ މަޝްރޫއު "ހިޔާ" ގެ ފްލެޓްތަކަށް ހާއްސަކޮށް ކުދި އިމަޖެންސީ ތަކުގައި ފަރުވާދެވޭނެ ހިދުމަތާއެކު ލައިފް ސްޕޯޓުން ކްލިނިކެއް ހަދަން ފަށައިފި އެވެ.

"ހިޔާފްލެޓް 12" އިގެ ގްރައުންޑް ފްލޯގެ 2،200 އަކަފޫޓުގައި ހަދާ މި ކްލިނިކް އަންނަ ޖެނުއަރީ މަހު ހުޅުވާނެ ކަމަށް ލައިފް ސްޕޯޓް ކުންފުނީގެ ވެރިޔާ، އަހުމަދު މައުމޫން (ކެޕްޓަން މާނު) ވިދާޅުވި އެވެ.

"މި ތަނުގައި [ލައިފް ސްޕޯޓް މެޑިކަލް ސެންޓަރު] ފަސް ކޮންސެލްޓިން ރޫމް ހުންނާނެ. މީގެ އިތުރުން ޑެންޓަލް ބަޔަކާއި އެކްސްރޭ އަދި ލެބުގެ ހިދުމަތް ވެސް ލިބޭނެ. އަދި ހިޔާ ފްލެޓުގައި އުޅޭ މީހުނަށް ދިމާވާ ކުދިކުދި އިމަޖެންސީ ތަކަށް ފަރުވާދޭން ކުޑަ އީއާރެއް ވެސް ހުންނާނެ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ސިފަ ކުރެއްވި ގޮތުގައި އެ ތަނަކީ ކުޑަ ހޮސްޕިޓަލެކެވެ. އަދި އެތަން ހަދާނީ ހިޔާފްލެޓުގައި އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުން [ހިޔާ ފްލެޓުގައި ދިރިއުޅޭ] މީހުންނަށް ހާއްސަ ކޮށް އޮންލައިންކޮށް މިތަނުން ޑޮކްޓަރަކަށް ދެއްކޭނެ. ކޮންމެހެން ކްލިނިކަށް ނުދިޔަ ނަމަވެސް ގޭގައި ހުރެގެން ވެސް ޑޮކްޓަރަށް ދައްކާލެވޭނެ. މިތަނުގައި ހާއްސަ ސްޕެޝަލިސްޓުން ތިބޭނެ. އާއްމުކޮށް ހުރިހާ ބަލި ތަކަށް ފަރުވާ ލިބޭނެ،" މައުމޫން ވިދާޅުވި އެވެ.

އާސަންދައިގެ ހިދުމަތް ލިބޭ ކްލިނިކެއް ހުޅުވުމުގެ އިތުރުން، މައުމޫން ވިދާޅުވީ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ ދުޅަހެޔޮ ކަމަށް ތަފާތު ޕްރޮގްރާމްތައް ހިލޭ ހިންގައިދޭން ވެސް އެ ކުންފުނިން ވިސްނާ ކަމަށެވެ. އަދި މިތަނުގައި 23 ޑޮކްޓަރުން ހިދުމަތުގައި ތިބޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ޗެކަޕް ހަދައި ދިނުމާއި ކަސްރަތު ޕްރޮގްރާމް ހިންގައި ދިނުން ފަދަ ކަންކަން ކުރަން ވެސް ޕްލޭންކޮށްފައިވޭ. ރާއްޖޭގައި ހަގީގަތުގައި ރަނގަޅު ޕްރައިމަރީ ހެލްތް ކެއާ ސާވިސަސްއެއް ނެތް. އެކަމަކު މިފަދަ ހިދުމަތެއް އަތުވެއްޖެނަމަ ކޮލިޓީ އޮފް ސާވިސަސް ރަނގަޅު ވެގެން ދާނެ،" މައުމޫނު ވިދާޅުވި އެވެ.