ބޭންކް އޮފް މޯލްޑިވްސް

ކާޑްގެ މައުލޫމާތު ހޯދައިގެން ފައިސާ ވަގަށް ނެގުން ނުރައްކާތެރި ދަރަޖައަކަށް!

Dec 3, 2015
2
  • ބޭންކުން ކޭޝް ކާޑު ނަމްބަރު ހޯދާކަށް ނާހާނެ
  • ރީލޯޑާއި ރާސްޓަސްއަށް އަންނަ ކޯލްތަކަށް ސަމާލުވާން ޖެހޭ
  • މި ފަދަ ކޯލެއް އައިސްފިނަމަ ފުލުހުންނަށް އަންގަން ޖެހޭ

ކޭޝް ކާޑުގެ މައުލޫމާތު ހޯދަން އެކި ނަން ނަމުގައި ގުޅައިގެން، ފައިސާ ހޯދުމުގެ މައްސަލަތައް ނުރައްކާތެރި ދަރަޖައަކަށް އިތުރުވަމުންދާ ކަމަށާއި، އެކަމަށް ސަމާލުވުމަށް ދިރާގާއި އުރީދޫ އަދި ބީއެމްއެލް އާއި ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ދިރާގާއި އުރީދޫ އަދި ބީއެމްއެލް އާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް ބޭންކިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ބޭންކުން އެއްވެސް މީހަކަށް ގުޅާފައި ކޭޝް ކާޑުގެ ނަމްބަރު ހޯދަން ނާހާނެ ކަމަށެވެ.

"ބޭންކަކުން ނާހާނެ ކޭޝް ކާޑު ނަމްބަރެއް، ސެކިއުރިޓީ ކޯޑެއް، އެކްސްޕެއަރީ ޑޭޓެއް ނޫނީ އިންޓަނެޓް ބޭންކިން ޔޫސާ އައިޑީއެއް. މިއިން އެއްވެސް އެއްޗަކީ ބޭންކް އޮފް މޯލްޑިވްސްއިން ނާހާނެ. މިއީ އެންމެ ބޮޑަށް ދޭން ބޭނުންވާ މެސެޖަކީ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޓަނެޓު ބޭންކިންނާއި އެހެނިހެން ޕްރޮޑަކްޓްވެސް ތައާރަފުކުރަނީ ސެކިއުރިޓީއަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށެވެ.

"ކަސްޓަމަރުންގެ ޒިންމާއެއްވޭ. ކަސްޓަމަރުންގެ އަތުގައި ހުންނަ މުހިންމު މައުލޫމާތު ހިއްސާ ނުކުރޭ. ބައެއް ފަހަރު އެބަހުރޭ ވެބްސައިޓްތައް އެކައުންޓް އަޕްގްރޭޑް ކުރުމަށް ޔޫސާ އައިޑީއާ ޕާސްވޯޑް ޖަހަން. އެގޮތަށް ބޭންކަކުން ނާހާނެ އެ ޕާސްވޯޑް ހޯދާކަށް،" ޝަރީފު ވިދާޅުވި އެވެ.

ގުޅައިގެން ރީލޯޑް، ރާސްޓަސް ހޯދުން ވެސް އިތުރުވެއްޖެ؟

ދިރާގުގެ ހެޑް އޮފް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ރީލޯޑް ކުރުމަށް އޮޅުވާލައިގެން ފޯންކޯލްތައް އަންނަ މައްސަލާގައި ސަމާލުވުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ.

"އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ވެސް ޓެކްނޮލޮޖީއާ އެއްވަރަށް ކުރި އަރަމުން އެބަ އާދެ. އެ ކަމަށް އެ ބަޖެހޭ ސަމާލުކަން ދޭން. މި ކަހަލަ ކަންކަމަށް އެ ބަޖެހޭ ސަމާލުވާން،" މިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ކުންފުންޏަކުން ގުޅައިގެން ޕާސަނަލް އިންފޮމޭޝަނެއް ނުހޯދާނެ ކަމަށެވެ.

"ކުންފުންޏަކުން ނުބުނާނެ ވަކި އެކައުންޓަކަށް ފައިސާ ޖަމާކުރާކަށް. އެހެންވެ ސޯޝަލް މީޑިޔާ އިން ވެސް މި ދަނީ މި ކަމަށް ހޭލުތެރި ކުރުވަން މަސައްކަތް ކުރަމުން. ނަމަވެސް އަދި ވެސް މި ވަނީ ހޭލުންތެރިކުރުވަން އިތުރުކުރަން ޖެހިފައި،" މިރުޝާން ވިދާޅުވި އެވެ.

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ ކުންފުންޏަކުން ގުޅައިގެން ކޭޝް ކާޑު ނަމްބަރު ނާހާނެ ކަމަށެވެ.

"އެންމެ ބޮޑު ވަރަކަށް ވެސް އަހާނީ އައިޑީ ކާޑު ނަމްބަރު. ކަސްޓަމަރު ވެރިފައިކޮށްލަން ވެސް އެންމެ ކުޑަ މިނުން އަހާނީ އައިޑީ ކާޑު ނަމްބަރު. އެހެންވެ މިފަދަ ކޯލުތަކަށް ވަރަށް ސަމާލުވާން ޖެހޭ،" ނިޔާޒު ވިދާޅުވި އެވެ.

ފޯނުކޮށްގެން ފައިސާ ހޯދުމުގެ ގިނަ މައްސަަލަތަކެއް ފުލުުހުންނަށް!

ބީއެމްއެލްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުންގެ އެސިސްޓަން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ފޯނުކޮށްގެން ކޭޝް ކާޑު ނަމްބަރު ނަގައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅަމުންދާ ކަމަށެވެ.

"ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ހުށަހެޅިފައި. މިވާގޮތަކީ އެގޮތައް ވާހަކަ ދެއްކުމުން ހީވަނީ ކުންފުންޏަކުން ގުޅައިގެން ޖެނުއިން މައުލޫމާތު ތަކެއް ހޯދަން މަސައްކަތް ކުރަނީ ކަމަށް. ކުރެވޭ ސުވާލުތަކުން އެ ފަރާތަކު ހުރި މައުލޫމާތު ލިބެނީ. މިހެން ގިނަ އަދަދެެއްގެ ފައިސާ ހޯދާފައި އެބަހުރި،" ނަވާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ އޮތީ އެހެން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ރީލޯޑް ކުރުން ފަދަ މައްސަލަތައް ކަމަށެވެ.

"ނަމަވެސް މިހާރު މި ހޯދަނީ ކޭޝް ކާޑު ނަމްބަރު. ވަރަށް ގިނަ ފޯނު ނަމްބަރު ތަކެއް ގެންގުޅޭ. މިހާރު މަސައްކަތް ކުރަމުން މިދަނީ އެފަދަ ނަމްބަރުތައް ބަލައި ބްލޮކް ކުރުމަށް. ބައެއް ނަމްބަރުތައް ވާނީ ބްލޮކް ވެސް ކޮށްފަ. ބައެއް މީހުން ގެނެސް ސުވާލު ވެސް ވަނީ ކުރެވިފައި،" ނަވާޒު ވިދާޅުވި އެވެ.