ބާރަށް

ބާރަށުގައި ދާ އަޅައިގެން މަސް ހިފި މައްސަލައެއް ބަލަނީ

Oct 23, 2021

ހއ. ބާރަށު މީހަކު އެ ރަށު ފަޅުތެރޭގައި ދާ އަޅައިގެން މަސް ހިފި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކަމަކު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މައްސަލަ ތަހުގީގު ކުރަމުން ދަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ލަފާގެ މަތިން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ބާރަށު ކައުންސިލްގެ ނައިބް ރައީސް އަލީ އަމީޒު ވިދާޅުވީ އެފަދަ މައްސަލައެއް ކައުންސިލަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށެވެ.

ބާރަށު ފަޅުތެރެއިން ދާ ޖަހައިގެން މަސް ހިފުމަކީ މަނާ ކަމެއްގެ ގޮތުގައި މިހާރު ހިނގަމުންދާ ބާރަށު ކައުންސިލުން ނިންމާ، ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށްވެސް އަމީޒު ވިދާޅުވި އެވެ.

"އެކަމަކު މިފަހަރު ތިކަން ނޭނގި ތިއޮތީ. އަޅުގަނޑުމެން ވެސް ބަލަން ދާޖަހައިގެން މަސް ހިފާތޯ. އަޅުގަނޑުމެންނަށް ތި ފޮޓޯތައް ސޯޝަލް މީޑިއާ އިން ފެނުމާ ހަމައަށް ތިކަން ފާހަގަކުރެވިފައެއް ނުވޭ،" އަމީޒު ވިދާޅުވި އެވެ.

އަމީޒު އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ އާންމު ގަވާއިދަށް ރައްޔިތުން އަހުލުވެރި ކުރުވުމަށް ނިމިދިޔަ ކައުންސިލްގައި ބައެއް މަސައްކަތްތައް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ބާރަށުން ވާހަކަ ދެއްކި ބައެއް މީހުން އަވަސް އަށް މައުލޫމާތު ދިން ގޮތުގައި ދާޖަހައިގެން މަސް ހިފި މީހަކީ އާންމުކޮށް އެކަން ކުރާ މީހެކެވެ. އަދި މިހާރު ދައުރުވާ ފޮޓޯ ތަކުގައި ދާ ޖަހައިގެން އޭނާ ހިފާފައިވާ މިޔަރުތަކަކާއި މަޑިތަކެއް އޭނާގެ ކައިރީ ހުއްޓާ ފެނެ އެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގައިވާ ގޮތުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ދާ އަޅައިގެން ވަކި ބާވަތްތަކެއްގެ މަސް ހިފުމަކީ މަނާ ކަމެކެވެ. އަދި މިޔަރަކީ އެ ގަވާއިދުގެ ދަށުން ދާ އަޅައިގެން ހިފުން މަނާކޮށްފައިވާ ނުވަ ބާވާތުގެ ތެރޭގައި ހިމެނޭ އެއް ބާވަތެވެ.

ގަވާއިދުވާ ގޮތުން މަސްވެރިކަމެއްގައި ދާ އަޅައިގެން ހިފުން މަނާ ބާވަތެއް ހިފައިފިނަމަ އަދި ދާ ބޭނުންކުރަން ޖެހޭ އުސޫލުތަކާ ހިލާފު ވެއްޖެނަމަ 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އެ ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރަމުން ގޮސް ޖޫރިމަނާ 5،000 ރުފިޔާއާ ހަމައަށް އިތުރު ކުރެވިދާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ރާއްޖެއަށް މިދުވަސްވަރު ޒިޔާރާތް ކުރާ މޫސުމީ ދޫންޏެއް ކަމަށްވާ ގުނޑުގުނޑާ ދޫނި ތަކެއް ބާރަށަށް ދިއުމުން އޭގެ ބައެއް ދޫނިތައް ހިފާ ގެއްލުން ދިން މައްސަލަ އެއްވެސް އީޕީއޭ އާއި ފުލުހުން ދަނީ ބަލަމުންނެވެ.