ހއ. ބާރަށު ގެ އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ބާރަށު ކައުންސިލް ރައީސް އާސިފް އަބްދުﷲ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
އާސިފް ވިދާޅުވީ އަލިފާން ރޯވެފައިވަނީ އެ ރަށު އޭޝިއާ ގޭގައި ވަކިން ހުރި ގުދަންތަކެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކޮޓަރި ބަރިތަކެއްގައި ކަމަށެވެ. އެ ގުދަނުގައި ފަނާއި ލަކުނޑި އަދި މެޝިންތަކާއި، އަދިވެސް އަގުބޮޑެތި މުދާ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް ހުރިހާ މުދަލެއް ހަލާކުވި. ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން ރޯވި އަލިފާންގަނޑު ގާތްގަނޑަކަށް ގަޑިއެއްހާއިރު ތެރޭ ނިއްވާލި. އެ ގޭގެ އަލިފާން ރޯވީ މީހުން ދިރިއުޅޭ ބައެއްގައެއް ނޫން. ގުދަންތަކެއްގެ ގޮތުގައި އެގޭގައި ބޭނުންކުރާ ބައިގަ މި ރޯވީ." އޭނާ ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ މިހާދިސާގައި އަލިފާން ރޯވި ގުދަން ހުރި ގެއާ އިންވެގެން ހުރި އެހެން ގެއަކަށްވެސް ގެއްލުންވެފައިވާ ކަމަށާއި އެގޮތުން އެގޭގެ ފާރުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައިވާ ކަމަށެވެ.
އަލިފާން ރޯވި ސީދާ ސަބަބު އަދި ދެނެގަނެވިފައިނުވާއިރު ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.