ބާރަށް

ކަޅުއޮށްފުންމީގެ ރިޔާ ހެދުމަށް ޖެހި ކަނޑައާއި އެކު ހެދުނު ގަސް އަންދާލައިފި

ހއ. ބާރަށުގައި ކަޅުއޮށްފުންމީގެ ފަން ރިޔާ ހެދުމަށް ބޮޑުތަކުރުފާނު ޖެއްސެވި ކަނޑައިން ހެދިފައިވާ އަދި 400 އަށް ވުރެ ގިނަ އަހަރު ވެފައިވާ ކާނި ގަހުގައި އަލިފާން ރޯކޮށްލައި އަންދާލައިފި އެވެ.

ކަޅުއޮށްފުންމިއަކީ ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވުމަށް ބޮޑުތަކުރުފާނު ޖިހާދަށް ނިކުންނެވުމަށް ބެންނެވި އޮޑި އެވެ.

ބާރަށު ކައުންސިލަރު ސަމީހާ މޫސާ ވިދާޅުވީ ގަހުގައި ރޯކޮށްލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ނަމަވެސް އެކަން ކުރި ބައެއް އެނގިފައި ނުވާ ކަމަށެވެ.

"މި ކާނި ގަހުގެ ތެރެއިން ނިކަގަހެއް ފަޅައިގެން ހެދެމުންދާތީ ކާނި ގަސް ހިމާޔަތް ކުރުމަށްޓަކައި އިއްޔެ ޒުވާން ކުދިން ތަކެއް ގޮސް ނިކަގަސް ކަނޑާ ސާފުކުރި. އޭގެފަހުން ރޭ ދަންވަރު ކާނި ގަހުގައި ރޯކޮށްލި ބަޔަކު ރޯކޮށްލީ،" ސަމީހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަހުގައި ރޯކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނޭނގޭ ކަމަށާއި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ކާނި ގަހަކީ ދިވެހި ދައުލަތުން ތާރީހީ ގަހެއްގެ ގޮތުގައި ރައްކާތެރިކޮށްފައިވާ ގަހަކަށް ވިޔަސް އެއީ އެއްވެސް އަޅާލުމެއް އެއްވެސް ސަރުކާރަކުން ދީފައިވާ ގަހެއް ނޫން ކަމަށެވެ.

"ހަމަ ނަމެއްގައި ގަސް ހިމާޔަތްކޮށްފައި ހުރީ. އެންމެ ކުޑަ މިނުން ގަހުގެ ވަށައިގެން ޗެންޗޭނުގަނޑެއްވެސް ޖަހާފައި ނުހުރޭ،" އޭނާ ވިދާޅުވި އެވެ.

ސަމީހާ ވިދާޅުވީ ކާނި ގަހުގައި ރޯކޮށްލުމާ ގުޅިގެން ގާތްގަނޑަކަށް 90 ޕަސަންޓް އަނދާހުލިވެފައިވާ ކަމަށާއި އަދިވެސް ގަހުން ކޮންމެވެސް ވަރަކަށް ދުން އަރާ ކަމަށެވެ.

ބާރަށު ކާނި ގަހުގައި ރޯކޮށްލާފައިވާ ފޮޓޯތައް ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު ފޮޓޯތަކުންވެސް ފެންނަނީ ގަހަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ.