ދައުލަތުގެ ބަޖެޓް

ބޮޑު ފިކުރަކީ އަންނަ އަހަރުގެ ބޮޑު ހަރަދު!

އަންނަ އަހަރުގެ ބަޖެޓު ހުށަހަޅަން ސަރުކާރުން މިވަނީ ތައްޔާރުވެފަ އެވެ. ގާނޫނު ބުނާ ގޮތުން މިމަހުގެ ނިޔަލަށް ބަޖެޓު ހުށަހަޅަން ޖެހޭނެ އެވެ. އަންނަ އަހަރުގެ ބަޖެޓަށް ސަރުކާރުން ދާއިރު މި އަހަރު އަންނަ ވެގެންދާނީ ތަފާތު އަހަރަކަށެވެ. ބަޖެޓުގެ ބޭނުން ބޮޑަށް ޖެހޭނެ އަހަރަށެވެ. ސަބަބަކީ އަންނަ އަހަރަކީ ކެމްޕޭންގެ މައި އަހަރަށް ވުމެވެ. "ދެހާސް ތޭވީހު" ގެ އިންތިހާބުގެ ކުރިން އަންނަ އަންނަ އެންމެ ފުރަތަމަ އަހަރަކީ އަންނަ އަހަރެވެ.

އަންނަ އަހަރުގެ ބަޖެޓާއެކު ފެންނާނީ ކޮން ކަމެއް ހެއްޔެވެ؟ މި ބަޖެޓުގައި ހުރީ ކޮން ވާހަކަ ތަކެއް ހެއްޔެވެ؟ އަންނަ އަހަރު ލިބޭނެ އާމްދަނީއަކީ ކޮބައި ހެއްޔެވެ؟ އާ އަހަރަކީ ހަރަދުތައް ހުންނާނީ ކިހިނެއް ހެއްޔެވެ؟

ބަޖެޓުގެ އެންމެ މުހިންމު އެއް ބަޔަކީ އާމްދަނީ އެވެ. އާމްދަނީއާ ހަމައަށް ގޮސް މި އަހަރުގެ ބަޖެޓުގެ ގަނޑުތައް އުކާލާއިރު ފެންނަނީ ގިނަ ކަންކަން ނުވެ އޮތް ތަނެވެ. މީގައި ގިނަ ސަބަބު ތަކެއް ވެސް ހިމެނެ އެވެ. އުޒުރު ދައްކަން ފުރުސަތު ވެސް ލިބުނެވެ. އެންމެ ބޮޑު ކަމަކީ ބޮޑު ބަލި "ކޮވިޑެ" އެވެ. އެ ބަލީގެ ސަބަބުން ގިނަ ދާއިރާ ތަކުން އާންދަނީ ނުލިބި އޮތުމެވެ. ނަމަވެސް އާމްދަނީ ހޯދަން އަޅަން ޖެހޭ ގިނަ ފިޔަވަޅު ތަކެއް އަންނަ އަހަރަށް ސަރުކާރުން އަޅާފައިވާކަންވެސް ފާހަގަ ކުރަން ޖެހެ އެވެ.

ބަޖެޓުގެ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް، އަހުމަދު ޝަރުވަޝް އާދަމް އަވަސް އަށް ވިދާޅުވެފައިވާ ގޮތުގައި އާމްދަނީ ހޯދަން އަލަށް ލަފާކުރި ކަންކަމަށް ދަނީ ތައްޔާރުވަމުންނެވެ.

"އެކަމަށް [އާމްދަނީ ހޯދަން] ރެގިއުލޭޓްރީ ފްރޭމްވޯކް ފުރިހަމަ ކުރަން ޖެހޭ. އެކަމަށް ހާއްސަ ގާނޫނުތައް މިދަނީ ހަދަމުން،" ޝަރުވަޝް ވިދާޅުވި އެވެ. "އަބަދުު ވެސް އާމްދަނީ ހޯދުމުގެ އާ ކަންތައްތަކަކީ ވަގުތު ނަގާ ކަމެއް."

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ކުރިން މި ބަޖެޓުގެ ޖުމްލަ އަންދާޒާ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. ފިނޭންސް މިނިސްޓްރީން ނެރުނު "މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ" ގައިވާ ގޮތުން މި އަހަރުގެ ޖުމްލަ ބަޖެޓަކީ ވެސް "ދެ ޑިޖިޓް" ގެ ބަޖެޓެއްކަން ޔަގީންވެ އެވެ. އަންނަ އަހަރުގެ އަންދާޒާއަކީ ބަޖެޓުގެ 37 ބިލިއަން ރުފިޔާ އަށް މަތިވާނެ އެވެ. ނަމަވެސް މި ބަޖެޓުގައި އެންމެ ފާހަގަ ކުރެވެނީ އާމްދަނީ އާއި ހަރަދުގައި ހުރި ތަފާތު ބޮޑު ކަމެވެ. ކޮވިޑް-19 އަށްފަހު އައި ފުރަތަމަ އަހަރު- މި އަހަރަށްވުރެ ބަޖެޓުގެ އާންދަނީ އާއި ހަރަދުގެ ފަރަގު ކުޑަ ނަމަވެސް އަންނަ އަހަރު ވެސް ބޮޑު ތަފާތެއް ހުންނާނެ އެވެ.

2021 އަދި 2022 ގެ ބަޖެޓުގެ އާމްދަނީ

  • ހިލޭ އެހީ އާއި އާމްދަނީ (2021: 21 ބިލިއަން، 2022: 23 ބިލިއަން)
  • ބަޖެޓުގެ ހަރަދު (2021: 34 ބިލިއަން، 44 ބިލިއަން ރުފިޔާ)

މި އަހަރު އާމްދަނީ ހޯދަން ހިމެނި ކަންކަމުގެ ތެރެއިން "ރިއަލް އެސްޓޭޓް ޓޫރިޒަމް" އާއި "ބިން ވިއްކުން" ފަދަ ކަންކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި ވަނީ ގާނޫނުތައް ހަދާފަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި އަންނަ އަހަރު މި އާމްދަނީގެ ތެރެއިން ބޮޑު ބައެއް ލިބޭނެ އެވެ. މި އަހަރު އާމްދަނީ ލިބޭނެ ކަމަށް ޖެހި އޭއެސްސީ / އޭޑީއެފް ރޭޓަށް ބަދަލު ގެނެސް އަންނަ އަހަރު ޖެނުއަރީން ފެށިގެން މި އާމްދަނީ ލިބެން ފަށާނެ އެވެ. އަދި އެކްސްޕެޓްރިއޭޓް ކޯޓާ ފީ ވެސް އަންނަ އަހަރުގެ ފުރަތަމަ މަހުން ފެށިގެން ލިބޭނެ އެވެ. އަދި ރެޒިޑެންޓް ޕަރމިޓް ފީ އާއި މީގެ އިތުރުން ކޮންޖެޝަން ޗާޖް / ޕާކިން ފީއިން އަންނަ އަހަރު 73 މިލިއަން ރުފިޔާގެ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ނަމަވެސް، އަލަށް ރިސޯޓުތަކެއް މާކެޓަށް ނެރެގެން 130 މިލިއަން ރުފިޔާ ހޯދަން ފުރަތަމަ އިއުލާނު ކުރުމުން އިވޭލުއޭޝަން ޕްރޮސެސް އިން ސަލާމަތްވީ އެންމެ ރަށެކެވެ. އެހެންވެ އަންނަ އަހަރު އަނެއްކާވެސް އާ ރިސޯޓު ތަކެއް ބިޑަށް ލާނެ ކަމަށް ބެލެވެ އެވެ. މިކަން ވެގެންދާނީ ބަޖެޓަށް އާމްދަނީ ހޯދަން ކުރާނެ މުހިންމު ކަމަކަށެވެ. މީގެ އިތުރުން އިންޓަނޭޝަނަލް މާކެޓަށް ގޮސް އެކި ވަސީލަތްތައް ބޭނުންކޮށްގެން ނަމަވެސް ބަޖެޓު ފޫބައްދަށް ދަރަނި ހޯދަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. ސުވާލަކީ މިކަމާއެކު ރާއްޖޭގެ ދަރަނި އިތުރަށް މަތިވެދާނެ ހެއްޔެވެ؟ ދަރަނީގެ މައްސަލަ ގޯސް ވެދާނެ ބާ އެވެ؟

މި ކަމަށް ހައްލު ގެނެސް ދަރަނީ "މައިތިރި" ކުރާނެ ސިޔާސަތު ތަކެއް ސަރުކާރުން ވަނީ އެކުލަވާލާފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2022 އިން 2024 އަށް ހަދާފައިވާ މެދުރާސްތާގެ މާލީ ސިޔާސަތުގެ އަމާޒަކަށް ވެގެންދާނީ މި ބަދަލުވެފައިވާ މާލީ ހާލަތަށް މާލީ އަދި ދަރަނި ދެމެހެއްޓެނިވި ކަންކަން ޔަގީން ކުރުމަށްޓަކައި މާލީ ސިޔާސަތުގެ މިސްރާބު ބަދަލު ކުރުމެވެ.

ދަރަނި ހިފައްޓަން އަޅާނެ މާލީ "އެންކަރުތަކެއް"

  • 2023 ނިމެންވާއިރަށް ދައުލަތުގެ ދަރަނީ، ގެރެންޓީ ދީފައިވާ ދަރަންޏާއެކު ޖީޑީޕީގެ ނިސްބަތ 105 ޕަސެންޓަށް ތިރި ކުރުން
  • 2023 ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓ ޑެފިސިޓް ޖީޑީޕީގެ ނިސްބަތް 5 ޕަސެންޓަށް ތިރި ކުުރުން
  • ބަޖެޓް ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބަށް ގެނައުން

މި ކަމަކީ އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކާ އެއްވަރަކަށް ކުރަން މަޖުބޫރުވެފައިވާ ކަމެކެވެ. ހާއްސަކޮށް ގައުމަކީ މިނިވަން ތަނެއްގެ ގޮތުގައި ބޭއްވުމަށް ވެސް މި ފިޔަވަޅު އަަޅަން ފިނޭންސް މިނިސްޓަރަށް މަޖުބޫރުވާނެ އެވެ. ސަބަބަކީ ކުރީ ސަރުކާރުން ދަރަނީގެ ބޮޑު ބައެއް ޗައިނާ އަށް ދީލާއިލިއިރު މި ސަރުކާރުގެ މިސްރާބު ހުރީ އަވައްޓެރި އިންޑިއާ އަށް ދަރަނީގެ ލަގަން ދޫކޮށްލުމުގެ ވިސްނުމެއް ކަމަށްވުމެވެ.

އިގްތިސޯދީ މާހިރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި އަންނަ އަހަރު އިންޑިއާގެ ދަރަނި ދަށް ކުރަން ފިޔަވަޅު ނާޅައިފިނަމަ ކުރިއަށް އޮތްތަނުގައި މައްސަލަތައް ކުރިމަތިވާނެ އެވެ.

"ގާނޫނުތައް ތަންދޭ އެއް ގައުމަކުން ކިތަންމެ ވަރަކަށް ވެސް ދަރަނި ނަގަން. އެކަމަކު ވެރިކަމުގައި ތިބޭ ބަޔަކު ޖެހޭނީ ވިސްނަން. އަބަދު އެމީހުން ނުތިބޭނެ. ބަދަލުވާއިރު ގައުމުގައި ނުކަތާ ވަރަށް ދަރަނި އޮތުމަކީ މައްސަލައެއް. މީގެ ކުރިންވެސްވީ މިގެން، މި ފަހަރުވެސް މިދަނީ ހަމަ އެދިމާލަށް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

"ދަރަންޏަށް ވަނީ ބަކި ބައެއްގެ އަތުން ނެގީމައެއް ނޫން. ދަރަނި ވާނީ ދަރަންޏަށް ކޮންމެ ބަޔަކު އަތުން ނެގިޔަސް."

ހަރަދުތަކުން ރެކޯޑު ހެދުން ގާތް

އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑަށް ފާހަގަވާނެ ކަމަށް ބެލެވެނީ އާންދަނީ ހޯދުމަށް ކުރަން ޖެހޭ ބުރަ މަސައްކަތެވެ. އެކަމާއެކު ކުރިމަތިވާނެ ގޮންޖެހުން ތަކެވެ. އަންނަ އަހަރު ވެސް ބޮޑު ތަނުން ހަރަދުތައް މަތި ވެގެން ދާނެ އެވެ. އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ލަފާކުރެވެނީ މުވައްޒަފުންނަށް ހިންގާ ހަރަދާއި
އޮފީސް ހިންގުމަށް ހިނގާނެ ހަރަދު ތަކަށެވެ.

ހާއްސަކޮށް "ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް" އޮފީހާއި ފުލުހުންގެ ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު ވަޒީފާތައް އުފައްދައި ހަރަދުތައް މަތިވެގެން ދާނެ އެވެ. އަންނަ އަހަރު މުވައްޒަފުންގެ މުސާރަތައް ހާމަނައިޒްކޮށް ނުވަތަ ހަމަހަމަ ކުރަން އަޅާ ފިޔަވަޅުތަކާއެކު 1.2 ބިލިއަން ރުފިޔާ އަދި ސޯޝަލް ހައުސިން މަޝްރޫ އަށް 1.5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ އެވެ. މީގެ އިތުރުން ވެސް އާސަންދަ އާއި މިނޫން ވެސް ކަންކަމަށް އާއްމުކޮށް ކުރާ ހޭދައިން އެންމެ "ލޯލާރި" ވެސް މަދެއް ނުވެ އެވެ. އެހެންވެ މިއީ ބޮޑު ގޮންޖެހުމަށްވާނެ ކަމަށް ބެލެވެ އެވެ. އަދި މިނިވަމް ވޭޖާއެކު ބައެއް މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލާއެކު ބަޖެޓުން އިތުރަށް 500 މިލިއަނެއްހާ ރުފިޔާގެ ހޭދަ ކުރަން ޖެހޭނެ އެވެ. މިހާރުގެ އަންދާޒާއަކީ ހަރަދުގެ ގޮތުގައި 34 ބިލިއަން ރުފިޔާ ހިނގުމެވެ. އެހެންވެ ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބެލެވެނީ މި އަހަރުގެ ބަޖެޓުން ހަތް ބިލިއަން ދަރަނިވާނެ އެވެ.

އަންނަ އަހަރު ބަޖެޓު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެންނާނެ އެވެ. މިހާރުގެ އަންދާޒާއަކީ ބަޖެޓު ބޮޑުވުމެވެ. ހާއްސަކޮށް ވޯޓާއެކު މެންބަރުންގެ ޕްރެޝަރުވެސް ކުޑައެއް ނުވާނެ އެވެ. މިއީ ސަރުކާރަށް ކުރިމަތިވާނެ ގޮންޖެހުމެވެ. މީގެ ކޮންމެ ކަމަކުން ފެންނާނީ ހަރަދު މަތިވަމުންދާ ތަނެވެ.