ރިޕޯޓް

ސްމާޓްވީ ފޯނު: ދިވެހިންގެ ސިކުނޑި ހުހަށް!

ދިވެހިން މަޅީގައި ޖައްސަން ބޭނުންނަމަ ދައްކަންވީ ލާރި އެވެ. ކުރު މުއްދަތެއްގައި، ފަސޭހަކަމާ އެކު ފައިސާ ލިބޭނެ ގޮތުގެ "ދަޅަ" ދައްކާލުމުން ވަރަށް ފަސޭހައިން ކަންކަން ކޮށްލެވިދާނެ އެވެ. މި ދަޅައިގައި ވަރަށް ރަނގަޅަށް ޖެހޭނެ އެވެ. ކުރިއަށް މި އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރިމަތިވި ކަންކަމާ ހުރެ އެކަން މި އޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ. މިއީ ސްމާޓް ކަމަށް ބުނާ ދިވެހންގެ މިއަދު ހާލަތެވެ. ޒަމާން ބަދަލުވެ، ފޯނުތައް ސްމާޓްވެ، ކޮންމެ މީހެއްގެ މުށު ތެރޭގައި ފޯނެއް އޮތަސް ދިވެހިންގެ ސިކުނޑީގައި ތެއްކަމެއް ނެތެވެ.

ހޭލުންތެރިކަން ކުޑަކަމުން ދިވެހިން މި އަންނަނީ އެތެރެއިންނާއި ބޭރުން ވެސް މަޅީގައި ބެދެމުންނެވެ. މިފަދަ އެއް މިސާލަކީ ފޯނު ކޯލެއް ކޮށްލައިގެން އެކައުންޓުގައި ހުންނަ ފައިސާ ކޮޅު ކަހާލާ ހިސާބަށް ދިޔައިމަ އެވެ. ފޯނު ކޯލު ކުރާ މީހުން ގުޅަނީ ކޮކާކޮލާ ކުންފުނި ނުވަތަ އާސަންދައިގެ ނަމުގަ އެވެ. ގުޅަނީ ޕްރިޕެއިޑް ނަމްބަރަކުންނެވެ. ގުޅާފައި ރަނގަޅަށް މޮޅަށް ސްޓޯރީ "ޖައްސަނީ" އެވެ. އެ ކޯލް ނިމޭ އިރު ތިމާގެ ކޭޝް ކާޑުގެ ހުރިހާ މައުލޫމާތެއް އޮންނާނީ އޭނާއަށް ހަދިޔާކޮށްފަ އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެސް މީހެއްގެ އެކައުންޓުން 80،000ރ. ވަގުން ވަނީ ދަމައިގެންފަ އެވެ. އަދި އަނެއް ބައި އެކައުންޓްތަކުން 20،000ރ އާއި 5،000ރ އާ ދެމެދުގެ އަދަދުތައް ހުރީ ދަމައިގެންފަ އެވެ.

މިހާ ފަސޭހައިން އަހަރެމެން ހައްލާ ލެވެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެން ހަމަ އެހާ ގަމާރީ ހެއްޔެވެ؟ ނުވަތަ ހޭލުންތެރިކަން ކުޑައީ ހެއްޔެވެ؟

"މީގައި ވާ ގޮތަކީ ހޭލުންތެރިކަން ކުޑައީ. ބޭރު ގައުމުތަކުގައި ތަންކޮޅެއް ހޭލުންތެރިވަނީ. އެހެންވެ މި ފަދަ ކަންކަން މަދުވަނީ،" ބޭންކް އޮފް މޯލްޑިވްސް ރީޓެއިލް ބޭންކިންގެ ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވި އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ ތަފާތު ހާދިސާތައް މިދަނީ ހިންގަމުންނެވެ. މިހާރު އެންމެ އަޑު ބާރުކޮށް ދެކެވޭ ވާހަކައަކީ "ޕިރަމިޑް ސްކީމް"ގެ ވާހަކަ އެކެވެ. މި ސްކީމުގައި ބައިވެރިވުމަށް އެތައް ބަޔަކު ވަނީ "އިންވެސްޓްކޮށްފަ" އެވެ. ބައެއް މީހުން ބައިލައްކަ ރުފިޔާ ވަރު މިކަމަށް ހަރަދުކޮށްފައިވެ އެވެ. މިކަން ކުރި ބަޔަކު ކޮށްފައިވަނީ ވެސް ކުރު މުއްދަތެއްގައި ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ދަޅަ ދައްކައިގެންނެވެ. މި ސްކީމުގެ ކުރީކޮޅު ރަނގަޅު "އެއްޗެއް" ލިބެ އެވެ. އެކަމަކު ފަހުން ދެނީ ކޮޅު ކެއްސެވެ. މީގައި ދެރަ ކަމަކީ ކަމެއްގެ ތެރެއަށް ބޯ މަހާލުމުގެ ކުރިން އެކަމެއްގެ އެކޮޅު މިކޮޅު ބަލާނުލާތީ އެވެ. އެއީ ކިހާވަރެއްގެ ކަމެއްތޯ ބަލައިލާންވެސް ވިސްނުމަށް ނާންނަ ކަމެވެ. ކޮންމެ މީހަކު އަތުގައި ސްމާޓް ފޯނެއް އޮންނައިރު "ގޫގުލް" ކޮށްލައިގެން ވެސް މިފަދަ ގިނަ ކަންކަމުގެ "ބިތުފަންގި" ނެގޭނެ އެވެ. ޕިރަމިޑު ސްކީމަށް ބަލާއިރު ފިލިޕީންސް ފަދަ ގައުމުތަކުގައި ވަނީ ގިނަ ބަޔަކަށް ކެހިދީފައިވާކަން ހަބަރުތަކުން އެނގެން އެހުރީ އެވެ. ނަމަވެސް ކޮންމެ މީހަކުގެ އަތުގައި ސްމާޓް ފޯނެއް އޮންނައިރު، އެވަރުގެ ކަމެއްވެސް ކޮށެއް ނުލެވުނެވެ.

"ސްކީމަށް ފައިސާ ނެގީ ހައްޖަށް ދާން ފޮރުވި ލާރިން"

މި ސްކީމުގައި ބައިވެރިވުމަށް ބައެއް މީހުން ބޮޑު ހަރަދުތަކެއް ކޮށްފައިވެ އެވެ. މި ސްކީމުގެ "މަޅީގައި" ޖެހުމަށް ގިނަ މީހުން 600 ޑޮލަރު (ގާތްގަނޑަކަށް 7،452ރ) ހޭދަކޮށްފައިވެ އެވެ. އަދި ބައެއް މީހުން 2،000 ޑޮލަރަށް ވުރެ ގިނަ އަދަދެެއް ހަރަދު ކޮށްފައިވެ އެވެ. މި ސްކީމުގައި ބައިވެރިވުމަށް އެއް ބަޔަކު މުސާރަ ގަނޑުކޮށް ނަގައި "އިންވެސްޓް" ކުރި އެވެ. އަނެއް ބަޔަކު މި ސްކީމަށް ލާރި ހޯދީ ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި އެކްސްޕްރެސް ލޯނު ނަގައިގެންނެވެ. ގާތްގަނޑަކަށް 18 ޕަސެންޓުގެ އިންޓްރެސްޓުގައި ދޫކުރާ ލުއި ލޯނުގެ 40،000ރ. ގެ ލޯނު ނަގާފައި އެބަހުއްޓެވެ. އަދި ހައްޖަށް ދާން އެއްކޮށްފައި ހުރި ފައިސާކޮޅު މިކަމަށް އިންވެސްޓްކުރި މީހުން ވެސް ހިމެނެ އެވެ. މިއީ ބޮޑު ވަރު ނޫންތޯ އެވެ؟

އަދިވެސް ގަބޫލެއް ނުކުރޭ؟

މި ސްކީމުގައި ބައިވެރި ބައެއް މީހުންނަށް ހީވެސް ނުކުރާ ވަރުގެ އާމްދަނީއެއް ކުރު މުއްދަތެއްގެ ތެރޭގައި ލިބުނެވެ. މި ފައިދާއަށް ބަލާއިރު މިއީ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ހިއްސާ ގަތުމުންވެސް ނުލިބޭ ވަރުގެ އާމްދަނީ އެކެވެ. މާލީ ފައިދާތަކެއް ލިބޭ ގޮތަށް އެކި ނަންނަމުގައި ހިންގާ "ޕިރަމިޑް ސްކީމް" ތަކުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވަނީ ބުނެފަ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި މިފަދަ ސްކީމްތަކަކީ ހަގީގީ މަގުސަދު އޮޅުވާލުމަށް، ކޮންމެވެސް ކަހަލަ މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށް ހުށަހަޅައިގެން މީހުން ޝައުގުވެރިކަން ސްކީމަށް ހޯދާ ސްކީމްތަކެއް ކަމަށެވެ. އަދި މިފަދަ ސްކީމްތަކުގެ ތެރެއިން ގޮތް ނޭނގޭ އެތައް މާލީ މުއާމަލާތެއް ހިންގާކަން މަރުކަޒީ ބޭންކުން ފާހަގަ ކޮށްފައިވެ އެވެ.

ރާއްޖޭގެ ބޭންކިން ގާނޫނުގައިވާ ގޮތުން ޕިރަމިޑް ސްކީމްތައް ހިންގައި ޕްރޮމޯޓް ކުރުމަކީ ގާނޫނީ ކުށެކެވެ. މި ކަމަށް އަދަދު ލިބޭނެ އެވެ.

"ޕިރަމިޑް ސޭލްސް ސްކީމެއްގައި ބައިވެރިވުމަށް ފައިސާ ހޭދަ ކުރުމަކީ ގާނޫނު ނަމްބަރު: 9/2014 ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ ޖިނާއީ ކުށެކެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

ނަމަވެސް، މި ސްކީމަށް އިންވެސްޓްކޮށްފައި ތިބި މީހުންގެ ތެރެއިން ބަޔަކު އެކަމެއް ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ ސްކީމުގެ ކުރީކޮޅު އެ މީހުންނަށް ފައިސާ ލިބިފައިވުމެވެ. ނަމަވެސް އެތައް ލައްކަ ރުފިޔާއެެއް ހިފައިގެން މި ސްކީމް ހިންގި މީހުން މިވަނީ "ފިލައިފި" އެވެ.ޕިރަމިޑް ސްކީމާ ގުޅުންހުރި މައްސަލަތަކެއް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮންމެއަކަށް މިފަދަ ކަންކަމުން އެނގިގެންދަނީ ދިވެހިންގެ އަތުގައި ކިތަންމެ ސްމާޓް ފޯނެއް ހުއްޓަސް ހަގީގަތުގައި ދިވެހިން ސްމާޓް ނޫން ކަމެވެ. އަހަރެމެންގެ ސިކުނޑި ފެންނަނީ ހުހަށް ހުރިތަނެވެ. ގަމާރީ ގަމާރު ކަމަކަށް ނޫނެވެ.