ހައިކޯޓް

ތިން ފުލުހުން ވަޒީފާއިން ވަކިކުރުން ފަސްކޮށްދީފި

ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމެންދެން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ވަޒީފާއިން ވަކިކުރުން ފަސްކުރުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ހަތް އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލަ ނިމެންދެން އެ އޮފިސަރުން ވަޒީފާއިން ވަކިކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފަ އެވެ. އެއަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުން އޮފިސަރުންގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރި އެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމް އިއްވަމުން ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވެފައި ވަނީ ސިވިލް ކޯޓުގައި ކުރިއަށްދާ މައުލޫއީ މައްސަލަ ނިމެންދެން އޮފިސަރުން ވަކިކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅި ސަބަބުތައް ބުނެދީފައި ނުވާ ކަމަށެވެ. އަދި އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ނިންމުމަށް ވާސިލްވެވުނު ސަބަބު ވެސް ބުނެދެވިފައި ނުވާ ކަމަށެވެ.

ކޯޓުން ކުރެވޭ ހުކުމުގެ އިތުރުން ވަގުތީ އަމުރާމެދު ގޮތެެއް ކަނޑައަޅާއިރު އެ ކަނޑައަޅާ ސަބަބު ބުނެދިނުމަކީ ހަސްމުންނަށް ދޭންޖެހޭ ހައްގެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މި މައްސަލައިގައި އޮފިސަރުން ވަޒީފާއިން ވަކިނުކޮށްފިނަމަ އެމީހުންނަށް މައްސަލަ ނިމެންދެން މުދާލާއި އިނާޔަތް ދޭން ޖެހޭނެ ކަމަށާއި އެއީ ދައުލަތަށް ލިބޭ ގެއްލުމެއް ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް މި އަމުރު ނެރެނުދީފިނަމަ މައުލޫއީ މައްސަލަ ނިމޭގޮތަކުން އޮފިސަރުންގެ ވަޒީފާއި އިއާދަކުރަން ޖެހެއްޖެނަމަ އެ އޮފިސަރުންނަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށް ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވި އެވެ.

ނަމަވެސް މި މައްސަލައިގައި އިތުރަށް ޝާމިލްވާ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު މިހާރު ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން އިތުރަށް ވަކިކުރަން ނިންމާފައިވަނީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އަދި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު އެވެ. ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މި ދެ އޮފިސަރުން ބައިވެރިވެފައެއް ނުވެ އެވެ.