ދުނިޔޭގެ އެންމެ ގިނަ އިންވެސްޓަރުންގެ ލޯ ހުއްޓިފައިވާ ގައުމަކީ ދުބާއީ އެވެ. އިންވެސްޓަރުންގެ ޝައުގުވެރިވާ އެއް ގައުމަކީ މެދުއިރުމަތީގެ މި ފައިނޭންޝަލް ހަބެވެ. ހާއްސަކޮށް ދުރާލާ އިސްތިހާރުކޮށް ބޮޑު ކެމްޕޭންނަކާއެކު ފެށި ދުބާއީ އެކްސްޕޯޓް 2020 ވަނީ ފައިސާ ހުރި އެތަށް މިލިއަނުނަކާއި ބިލިއަނަރުނެއް ޖަމާވާ އީދަކަށެވެ. ދުނިޔޭގެ ހުރިހާ ގައުމަކުން ބައިވެރިވާ މި ބޮޑު "އީދަ" ށް އެކި ގައުމުތަކުގެ ސަގާފަތް ފެންނަ ހިތްގައިމު "ޕެވީލިއަން" ނުވަތަ ބޮޑު ސްޓޯލްތައް ހެދި އެވެ. އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭން ވެސް އެކަން ކުރި އެވެ. ރާއްޖެ މި ފެއާއަށް ދާން ތައްޔާރުވީއިރު ގިނަ ބަޔަކު ހީކުރީ މިއީ ހަމައެކަނި ތަކެތި ގަނެއް ވިއްކާ، މުދާ ދައްކާލާ އީދަކަށް ވާނެ ކަމަށެވެ. ނަމަވެސް ފެއާ ފެށިގެން މާގިނަ ދުވަސްތަކެއް ނުވެ ރާއްޖޭން އާ ރިސޯޓުތަކެއް މި ފެއާގައި ބީލަމަށް ހުޅުވާލަން ނިންމުން ވީ "ސަޕްރައިޒް" އަކަށެވެ.
ރާއްޖޭގެ ރަންބިސް އަޅާ ކުރުމުގެ "ހާލި" މިގޮތަށް ބޭރުގައި ވިއްކަން ނެރުނުކަން އެނގެނީ ކޮން ބަޔަކަށް ހެއްޔެވެ؟ މިކަން ދުނިޔޭގައި ދުރާލާ އިސްތިހާރުކޮށް އިންވެސްޓަރުން ޝައުގުވެރި ނުކުރުވީ ކީއް ވެގެން ހެއްޔެވެ؟ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ކިޔައިދޭން "އިންވެސްޓްމަންޓް ފޯރަމެއް" ދުބާއީގައި ބޭއްވިއިރު ރާއްޖޭގެ އިންވެސްޓްމަންޓް މޫސުން ކުރިއަށް ލަފާ ކުރާ ގޮތް އެނގޭ ހެއްޔެވެ؟ ރާއްޖޭގައި އިންވެސްޓްމަންޓު އިސްތިހާރު ނުކުރަނީ ކީއް ވެގެން ހެއްޔެވެ؟ އިންވެސްޓްމަންޓް އިސްތިހާރު ކުރާ ކުންފުނި، "އިންވެސްޓް މޯލްޑިވްސް" ކޮބައި ހެއްޔެވެ؟ މަސްވެރިކަން އިސްތިހާރު ކުރާ "ފިޝަރީޒް ޕްރޮމޯޝަން ބޯޑު" ކޮބައި ހެއްޔެވެ؟ ރާއްޖެ މި ފެއާއަށް ދިޔައީ ހުސްއަތާ ނޫން ހެއްޔެވެ؟
"އިންވެސްޓްމަންޓް ފޯރަމެއް ބާއްވާނަމަ އެކަމަށް ހައިޕެއް ވެސް ކްރިއޭޓް ވެފައި އޮންނަން ވާނީ ހާއްސަކޮށް ދުބާއީގައި ބާއްވާނަމަ. މިފަދަ ބޮޑު ފެއާއަކުން މިގޮތަށް ފުރުސަތެއް ލިބުމަކީ ނާދިރުކަމެއް. އެކަމަކު ދުބާއީ އިންވެސްޓްމަންޓް ފޯރަމް ފެނުނީ ކަމަކަށް ކަމެއް ކޮށްލިތަން،" ދުބާއީ އިންވެސްޓްމަންޓް ފޯރަމްގައި ހުރެ އަވަސްއާ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ދުބާއީ އިންވެސްޓްމަންޓު ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައި ގަތެވެ. މިއީ އިންވެސްޓަރުންނަށް ލިބުނު އިތުބާރެކެވެ. ގައުމުގެ އެންމެ މަތީ ވެރިޔާ ހުރުމަކީ އިމޭޖަށް ލިބުނު ތާޒާ ކަމެކެވެ. ނަމަވެސް، އިންވެސްޓަރުންގެ ކުރިމައްޗަށް ގޮސް އިންވެސްޓްމަންޓުގެ ވާހަކަ ފެށިއިރު ރާއްޖޭގައި އިންވެސްޓްމަންޓުގެ ހާލަތު އޮތީ ކިހާ ހިސާބެއްގައި ކަން އެނގޭ ހެއްޔެވެ؟ ރާއްޖޭގައި އިންވެސްޓްމަންޓަށް ފަހި މާހައުލެއް އެބައޮތް ހެއްޔެވެ؟
ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓުގެ ޑައިރެކްޓްރީ އަށް ބަލާއިރު 90 ޕަސެންޓަކީ ޓޫރިޒަމާ ގުޅުންހުރި އިންވެސްޓްމަންޓް ތަކެވެ. ރާއްޖޭގައި މިހާރު ތިބީ 234 ފޮރިން އިންވެސްޓަރުންނެވެ. މީގެ ތެރެއިން ގިނަ ބަޔަކީ ޓޫރިޒަމާ ގުޅުންހުރި އިންވެސްޓްމަންޓް ތަކެވެ. މި އިންވެސްޓްމަންޓްތަށް ރާއްޖެ އައިސްފައިވަނީ ސަރުކާރުން ކުރި މޮޅު ކަމަށްވުރެ ބޮޑަށް އަމިއްލަ މީހުންގެ ގުރުބާނީ އާއި ބުރަ މަސައްކަތުންނެވެ.
ސަރުކާރުން ކުރާ ހަމައެކަނި ކަމަކީ ކޮންމެ އަހަރެއްގެ ބަޖެޓު އަންނަންވާއިރަށް އާ ޓެކުހެއް ތައާރަފު ކުރުމެވެ. ދެން ރިކަރަންޓު ހަރަދު މަތިކޮށް އެ ޓެކުހުން ލިބޭ އާމްދަނީ "އިސްރާފު" ކޮށްލުމެވެ. މިއީ ހުރިހާ ސަރުކާރެއްގެ ވެސް މިހާތަނަށް ފެނުނު މައިގަނޑު އެއް ސިޔާސަތެވެ. މީގެ ބަދަލުގައި ފޮރިން އިންވެސްޓަރުން ހޯދައިގެން ބޭރުގެ ބޭންކް ތަކަށް ގޮސް ސަލާން ޖަހައިގެން ފައިސާ ހޯދަނީ އަމިއްލަ މީހާ އެވެ.
ދެން އޮތީ މިއަދު ހާލަތެވެ؛ މިއަދުގެ ހާލަތު ފެންނަނީ މިއިން ދުވަހަކު ދަަށަށް ނުދާވަރަށް އިންވެސްޓްމަންޓް ހާލަތު ދަށްވެފައިވާ ތަނެވެ. ރާއްޖޭގެ ދަރަނި މަތިވަމުން ދިއުމުގެ ނަތީޖާއަކީ ސޮވްރިން ކްރެޑިޓް ހަދާފައިވާ އެޖެންސީ ތަކުން ރާއްޖޭގެ ރޭޓިން ދަށް ކުރުމުމެވެ. މޫޑީސް އާއި ފިޗް ފަދަ އެޖެންސީތަކުގެ ރޭޓިން އިން ބުނެދެނީ އިންވެސްޓްމަންޓަށް ފަހި މާހައުލެއް ރާއްޖޭގައި ނެތް ވާހަކަ އެވެ. މި ފަދަ އެޖެންސީތަކުގެ ރޭޓިންއަކީ އިންވެސްޓަރެއް ރާއްޖެއާ ދިމާލަށް ބަލައިލަން އެންމެ ރަނގަޅު "ދުރުމި" އަށް ފުދެ އެވެ. އިންވެސްޓަރުންގެ ޝައުގުވެރިކަން ރަނގަޅުވާނީ މި ރޭޓިން ރަނގަޅުވާނަމަ އެވެ. ސަބަބަކީ މިއީ ތިން ވަނަ މިނިވަން ފަރާތަކުން އެ ތަނެއްގެ ހާލަތު މިނެކިޔައި ހަގީގީ ދައްކާލަން ބޭނުން ކުރާ ތިލަފަތް ވުމެވެ.
ރާއްޖޭގެ ރޭޓިންގެ ހާލަތަކީ މި އެވެ. އަނެއް ކަމަކީ އިންވެސްޓަރުންނާ ހަމައަށް ދިޔައިރު ރާއްޖޭގެ އެންމެ "ޕްރިމިއަމް" ޕްރޮޑަކްޓަށް ވެފައި އޮތް ގޮތެވެ. ރިސޯޓު ހަދަން ރަށްތައް ނެރެ އޭގެ އަގު ވައްޓާލުމުން ވެސް ނަގާނެ މީހަކު ނުވެ ބޮޑުތަނުން ފެއިލްވި "ސްޓޯރީ" ފެންނަން އެބައޮތެވެ. ރިސޯޓު ހަދަން 16 ރަށް ނެރެ އެ ރަށްތަކަށް ކުރިމަތިލާނެ މީހަކު ނުވި އެވެ. އޭރު ރަށްތައް ނެރުނުއިރު ވެސް މާހިރުން ބުނަމުން ދިޔައީ މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމެވެ. ނަމަވެސް ސަރުކާރުން ބުނީ މިއި އެންގަނޑު ދޫކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
މަސް އައިން އޮޑިދޮށަށް އޮތީ ތިލަވެފަ އެވެ. ނަމަވެސް އެންގަނޑު ދޫކުރުމާއެކު މަސް އައިން އޮބައިލީ ބޮތްކެއް ޖަހާ ނުލަ އެވެ. މި އިންވެސްޓްމަންޓް ފޯރަމާ ހަމައަށް އައިއިރު މުޅި ދުނިޔޭގެ ނޫސްތަކުގައި އެވާހަކަ ފެންނަން އެބަހުއްޓެވެ. އިންވެސްޓްމަންޓް މެގަޒިން ތަކުގެ ބޮޑު ސްޓޯރީއަކީމި އެވެ. ރާއްޖޭގެ ރީތި ރަށްތަކަށް މީހަކު ކުރިމައްޗެއް ނުލި އެވެ. މިއީ އިންވެސްޓްމަންޓުގެ ސަކްސަސް ސްޓޯރީއެއް ހެއްޔެވެ؟
ރާއްޖެ އޮތްތަނުން މިއީ އެންމެ ޕޮޓެންޝަން ސްޕޮޓްކަން ދުނިޔެ ދަނެ އެވެ. މިކަން ނޭނގެނީ އަހަރެމެންނަށެވެ. ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދައި މަންފާ ނަގަން މީގެ ކުރިން މަސައްކަތް ކުރި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "އައިހެވަން" ގެ ނަމުގައި މަޝްރޫއެއް އިއުލާނުކޮށް ދުނިޔެ އަށް އިސްތިހާރު ކުރި އެވެ. ނަމަވެސް އެކަންވީ ކަނޑުގައި އެޅި ރޮނގެއް ފަދަ ކަމަށެވެ. އިންޑިއާ ކަނޑުން އައި ފިއްތުންތަކާއެކު އެކަމެއްހަމަ ހިލާ ނުވި އެވެ. ނަމަވެސް މި ސަރުކާރުން ވެސް އަނެއްކާ މިވަނީ އިހަވަން ދިއްޕޮޅުގައި މިފަދަ މަޝްރޫއެއް އިއުލާނުކޮށްފަ އެވެ. ނަމަވެސް މިފަހަރު މިކަން ކުރަނީ ވަކި ބަޔަކު ހެޔޮވަރު ލިބާހެއްގެ ގޮތަށެވެ.
އިހަވަންދިއްޕޮޅު ބަނދަރު ހަދަނީ އިންޑިއާގެ ލޯނުގަ އެވެ. ދުބާއީގައި އިއްޔެ ބޭއްވި ފޯރަމްގައި މިނިސްޓަރު ފައްޔާޒު ވަނީ މި ބަނދަރުގެ މުހިންމުކަން ވިދާޅުވެ ދެއްވާފަ އެވެ. ނަމަވެސް މިތަން ވަކި ބަޔަކަށް ހަވާލު ކުރަން ސަރުކާރުން "ލަވަމުންދާއިރު" މިއަށް ދެން އިތުރަށް އިންވެސްޓް ކުރާނީ ކޮން އިންވެސްޓަރެއް ހެއްޔެވެ؟ މިތަން ދިވެހިންނަށް އެންމެ ފައިދާ ހުރި ތަނެއްގެ ގޮތުގައި ހަދަން ފުރުސަތު ލިބޭނެ ހެއްޔެވެ؟ މި ބަނފަރު ވެގެންދާއިރު ލަންކާ ޕޯޓާއި ކޮޗިން ޕޯޓާ ވާދަކޮށް ދިވެހިންނަށް ކުރި އަރަން ފުރުސަތު ނުލިބޭ ފަދަ ހަނި ތަނަކަށް ހެއްޔެވެ؟
ބޮޑު ބަނދަރުގެ ވާހަކަ އެއްފަރާތްކޮށް، މަސްވެރިކަމުން ފެށިނަމަ ވެސް ދިވެހިން މި ފޯރަމްގައި ތިބީ ހުސްއަތާކަން ކަށަވަރުވާނެ އެވެ. ރާއްޖޭގައި މަސްވެރިކަން ޕްރޮމޯޓެއް ނުކުރެ އެވެ. އެކަމަކު ފިޝަރީޒް ޕްރޮމޯޝަން ބޯޑެއް ރާއްޖޭގައި އޮވެ އެވެ. މިފަދަ ފޯރަމަކަށް ދާއިރު މި ބޯޑެއް ނުފެނެ އެވެ. ކީއް ވެގެން ހެއްޔެވެ؟ އަނެއްކާ ރާއްޖެ އިސްތިހާރު ކުރަން އެމްއެމްޕީއާރުސީ އިން މަސައްކަތް ކުރާ ގޮތަށް އިންވެސްޓްމަންޓު ވެސް އިސްތިހާރު ކުރަން ޖެހެ އެވެ. އިންވެސްޓް މޯލްޑިވްސް ކޮބައި ހެއްޔެވެ؟ ދުނިޔޭގެ އެހެން މީހުން އިންވެސްޓްމަންޓް އިސްތިހާރު ކުރާ ގޮތަށް ދިވެހިން މިކަން ނުކުރަނީ ކީއް ވެގެން ހެއްޔެވެ؟ އިންވެސްޓްމަންޓޭ ބުނާއިރަށް އަމިއްލަ ޖީބާ ދިމާލަށް ބަލައި ލެވެނީ ކީއް ވެގެން ހެއްޔެވެ؟