ރާއްޖެ ކުޅިވަރު

ޝަވީދަށް އަޅުގަނޑު ތާއީދު ކުރަން: ރައީސް ޔާމީން

މައްސަލަބޮޑުވެފައިވާ އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެނޑިޑޭޓް މުހައްމަދު ޝަވީދަކީ ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޓީސީ ސްޕޯޓްސް ކުލަބަށް މި އަހަރު ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އެކުލަބުން ދަރުބާރުގޭގައި ބޭއްވި "ފުޓްބޯޅަ އަށް ސިހުމެއް،" ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޝަވީދުގެ ލީޑަރޝިޕުގެ ދަށުން އެފްއޭއެމުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

"ޝަވީދުގެ މެނޭޖްމަންޓުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ. އަޅުގަނޑު ވަރަށް ތާއީދު ކުރައްވާ ބޭފުޅެއް. ކުޅިވަރުގެ ދާއިރާ އަށް ޝަވީދުގެ އެހާބޮޑު އެއްބާރުލުމަކާއި ޝައުގުވެރިކަމެއް ހުރީމަ،" ރައީސް ވިދާޅުވި އެވެ.

މިއީ ސަރުކާރުން އެއްބާރުލުން ނުދީގެން އެފްއޭއެމުގެ އިންތިހާބު ދެ ފަހަރު ފަސްވެފައިވާއިރު ސަރުކާރުގެ ބޭފުޅަކު މިހާފާޅުކަން ބޮޑުގޮތެއްގައި ޝަވީދަށް ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ކުރައްވަމުން އަންނަ ޝަވީދަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ވެސް ޗެއާމަން އެވެ. އަދި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ ހިންގާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެ އިތުރުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިޔާގެ ރައީސް ކުވޭތުގެ ޝައިހް އަހުމަދު އަލް ފަހުދު އަލް އަހުމަދު އަލްސަބާހުގެ ހާއްސަ މުޝީރަކީ ވެސް ޝަވީދެވެ.

އެފްއޭއެމުގެ އިންތިހާބު ނުބޭއްވި ފަސްވެފައިވާއިރު އިންތިހާބު ބާއްވަން ފީފާއިން މިހާރު ވަނީ މި މަހުގެ ނިޔަލަށް އެންމެ ފަހު ފުރުސަތު ދީފަ އެވެ. މިފަހަރު އިންތިހާބު ނުބޭއްވިއްޖަނަމަ ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްކުރާނެ އެވެ. އެފްއޭއެމުގެ އިންތިހާބަށް ފީފާ އާއި އޭއެފްސީގެ އޮފިޝަލުން މާލެ ވަޑައިގެންނެވި ފަހުން އިންތިހާބު މިދިޔަ އޮކްޓޫބަރު މަހު ކެންސަލްކުރަން ޖެހުނީ ހޯމް މިނިސްޓްރީ އާއި ކުޅިވަރާ ބެހޭ މިނިސްޓްރީން އިންތިހާބު ބާއްވަން އެއްބާރުލުން ނުދިނުމުންނެވެ. މި ގޮތުން ފީފާގެ އޮފިޝަލުން ބައްދަލުކުރަން ބޭނުންވި ނަމަވެސް ހޯމް މިނިސްޓްރީގެ ރަޖިސްޓްރާ ވަނީ އެ ފުރުސަތު ނުދެއްވާފަ އެވެ. މިހެންވެ އެފްއޭއެމުން ބުނެފައިވަނީ އިންތިހާބު ނުބޭއްވި ދިވެހި ފުޓްބޯޅަ އަށްވާ ކޮންމެ ގެއްލުމެއްގައި ޒިންމާވާން ޖެހޭނީ ރަޖިސްޓްރާ ކަމަށެވެ.