މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކަމުދިޔަ މީހާގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

Oct 28, 2021

އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔަ މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އަށް މައްސަލަ ފޮނުވައިފި އެވެ.

އެ މައްސަލާގައި މި މަހުގެ ތިންވަނަ ދުވަހު ހައްޔަރުކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ.

ހަސަންގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު ފުލުހުން ވަނީ އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ހަސަންގެ މައްޗަށް ދައުވާކުރަން ފޮނުވުމަށްފަހު ފުލުހުންގެ ބަންދުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ހަސަން ބަންދުން ދޫކޮށްލުމުގެ ކުރިން އޭނާގެ ބަންދަށް ދެ ފަހަރަށް ކޯޓުން މުއްދަތު ދިނެވެ. އެގޮތުން ފުރަތަމަ ހަތް ދުވަސް އަދި ފަހުން 10 ދުވަސް ދިނެވެ.

ފުލުހުން މީގެކުރިން ބުނީ ހަސަން އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ބަންދުގެ މަޖިލީހެއްގައި ފުލުހުން ބުނީ އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބަލަމުންދާ ކަމަށާއި ހަސަންގެ އާއިލާ އިން އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ކުރިން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ތެރެއަށް ވަދެ އިމާމާ ކުރިމައްޗަށްވާ ހެން ކުޑަކަމު ގޮސްފައިވަނީ މަޣުރިބު ނަމާދަށް ތިއްބާ ކަމަށެވެ.