ރިޒާވް

ޖުމްލަ ރިޒާވް އެއް ބިލިއަން ޑޮލަރަށް އަރައިފި

ދަރަނީގެ ގޮތުގައި ދައުލަތުން ނަގަން ނިންމި ބައެއް އަދަދުތައް ލިބުމާއެކު، ރާއްޖޭގެ ދައުލަތުގެ ޖުމްލަ ރިޒާވް އެއް ބިލިއަން ޑޮލަރަށް މަތިވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮކްޓޫބަރު އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން ރާއްޖޭގެ އޮފިޝަލް ރިޒާވް މިހާރު ވަނީ އެއް ބިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ ތާރީހުގައި ރިޒާވް އެއް ބިލިއަން ޑޮލަރަށް އުފުލުގެ ފުރަތަމަ ފަހަރެވެ.

ޖުމްލަ ރިޒާވް އެއް ބިލިއަން ޑޮލަރަށް އެރިއިރު މިއީ ރާއްޖޭގެ އޮފިޝަލް ރިޒާވްގެ ނަމްބަރު އިތުރު ނުވާ މިންވަރެކެވެ. މިހާތަނަށް ޖުމްލަ ރިޒާވް އެއް ބިލިއަން ޑޮލަރާ އެންމެ ކައިރިއަށް ގޮސްފައިވަނީ 2019 ވަނަ އަހަރު 928.50 މިލިއަން ޑޮލަރަށް އަދި 2020 ވަނަ އަހަރުގެ 975.28 މިލިއަން ޑޮލަރަށެވެ. މި ފަހަރުވެސް ރިޒާވް މަތިވީ އެކި ފަރާތްތަކުން ދަރަނީގެ ގޮތުގައި ނެގި ފައިސާ ޖަމާވުމުންނެވެ. މިގޮތުން 2020 ވަނަ އަހަރު ރިޒާވް އިތުރުވީ އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރުގެ ޑޮލަރު ސްވޮޕްގެ ސަބަބުންނެވެ.

އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ދައްކާ ގޮތުން ސެޕްޓެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 874.3 މިލިއަން ޑޮލަރެވެ.

ޑޮލަރުގެ މި ރިޒާވް މަތިވެގެންދާ މައިގަނޑު އެއް ސަބަބަކީ ތަފާތު ގޮތްގޮތަށް ދައުލަތުން ނަގާ ދަރަނިތައް ދައުލަތުގެ މާލީއްޔާއަށް ޖަމާވުމެވެ.

ރާއްޖޭގެ ރިޒާވްގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގެ މައުލޫމާތު ކުރިން އެމްއެމްއޭއިން އާއްމު ކުރެ އެވެ. ނަމަވެސް މި ރިޒާވްގެ ހިސާބުތައް މިހާރު އާއްމު ކުރުން ވަނީ ހުއްޓާލާފަ އެވެ. މި ރިޒާވްގައި އާއްމު ގޮތެއްގައި ހުންނަނީ އެއް މަހާއި ދެ މަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން ޑޮލަރު ގަނެވޭނެ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރު ވަރެވެ.