އޭއެފްސީ

އޭއެފްސީ ކަޕުގެ ގުރުނެގުން ބުރާސްފަތި ދުވަހު

އަންނަ އަހަރުގެ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުނެގުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި އެވެ.

އޭޝިޔާގެ ދެ ވަނަ ފަންތީގެ ކުލަބު މުބާރާތުގެ ގުރުނެގުން އޮންނާނީ މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގަ އެވެ.

މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖޭގެ ދެ ޓީމަށް ފުރުސަތު ދީފައިވެ އެވެ. އެއީ ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓާއި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން މާޒިޔާ އެވެ.

މި ދެ ޓީމަކީ މިދިޔަ ދެ އަހަރު ވެސް މި މުބާރާތުގައި ވާދަކުރި ޓީމެވެ. މީގެ ތެރެއިން ނިއު އަކީ މުބާރާތުގެ ސެމީ ފައިނަލްގައި 2005 ވަނަ އަހަރު ކުޅުނު ޓީމެކެވެ. ނިއު ނޫނީ ރާއްޖޭގެ އެއްވެސް ޓީމަކަށް މިހާތަނަށް މި މުބާރާތުގެ ގްރޫޕް ސްޓޭޖަށްވުރެ ކުރިއަށް ދެވިފައެއްނުވެ އެވެ.

އަންނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށަން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.