ދާދިފަހުން ނޫސްތަކުގެ ފަލަ ސުރުހީއަކަށްވީ ކެޓްރީނާ ވީހާ ވެސް އަވަހަކަށް ރަންބީރު ކަޕޫރާ ކައިވެނިކުރުމަށް ދީޕިކާ ޕަދުކޯން ނަސޭހަތްތެރިވި ވާހަކަ އެވެ. މިހާރު މިވަނީ އަނެއްކާވެސް އެހަބަރަށް އިތުރު ހޫނުކަމެއް ގެނުވާފައެވެ.
ސްޓާ ގިލްޑް އެވާރޑްގެ ހަފްލާގައި ދީޕިކާ އަކީ ކެޓްރީނާ ނަމަ އޭނާގެ ނިއު އިޔާ ރިސޮލިއުޝަން ބުނުމަށް އެހުމުން އޭނާގެ ޖަވާބަކަށްވީ "އަހަންނަކީ ކެޓްރީނާ ނަމަ އަހަރެން ރަންބީރު ކަޕޫރާއި އިންނާނީ ކަމަށެވެ".
މި ޚަބަރުތައް ނޫސްތަކުގައި ޖެހުމުން ކެޓްރީނާގެ ރައްޓެހިން އޭނާއާ ހަމައަށް މިޚަބަރުތައް ގެންދިއުމުން ކެޓްރީނާ ބުނެފައިވަނީ، ދިޕިކާގެ ކޮންމެ ޖުމްލައެއްގެ އަޕްޑޭޓް އޭނާއާ ހަމައަށް ނުގެނައުމަށެވެ.
މީގެ ހަފްތާއެއްހާ ދުވަސްކުރިން ކެޓްރީނާ އާއި ރަންބީރު ކަޕޫރުގެ އެންގޭޖްމަންޓްގެ ވާހަކަ ފެތުރިގެންދިއުމުން އެކަމާ ބެހޭގޮތުންވެސް މީޑިއާއިން ދިޕިކާއާ ސުވާލު ކުރުމުން އޭނާވަނީ ވަރަށް ފުރިހަމަ ޖަވާބެއް ދީފައެވެ. ދީޕިކާ ބުނެފައިވަނީ އެއީ ތެދެއްނަމަ ރަންބިރު އަދި ދީޕިކާއަށް އުފާވެރި ހަޔާތަކަށް އެދޭކަމަށެވެ.
މިފަހަކަށް އައިސް ދީޕިކާއާ ކުރެވޭ މިފަދަ ސުވާލުތަކުގެ ޖަވާބުތަކުގައި ވަރަށް ޖެއްސުމުގެ ރާގުގަނޑެއް ހުންނަކަމަށް ގިނަބަޔަކަށް ވަނީ ފާހަގަކުރެވިފައެވެ. އެއްބަޔަކު ބުނާގޮތުންނަމަ ރަންބީރު ކަޕޫރާއި ކެޓްރީނާ އެކުގައި އެއްގެއެއްގައި ދިރިއުޅެން ފެށުން މިއީ ދިޕިކާއަށް ހަޖަމް ނުވާކަމެކެވެ. އަދި އޭނާގެ ބޭނުމަކީ މިދެތަރިންގެ މެދުގައި އޮތް ގުޅުމަށް ބުރޫއެރުވުމެވެ.
ސަބަބަކީ ދީޕިކާ އާއި ރަންބީރު ކަޕޫރުގެ ދެމެދު މައްސަލަ ޖެހި އެގުޅުން ރޫޅުމުގެ އަސްލަކީ ކެޓްރީނާކަމަށް ވުމުންނެވެ. 2009 ވަނަ އަހަރު ދިޕިކާ، ރަންބީރާ ވަކިވީ ކެޓްރީނާ އާއި ރަންބީރުގެ މެދުގައި ގާތް ގުޅުމެއް އޮންނަކަމަށް އަޑުފެތުރެންފެށި ދުވަސްވަރަކުއެވެ. މިކަމާ ސުވާލުކުރުމުން ދުވަހަކުވެސް ސާފުސީދާ ޖަވާބަކުން އެއީ ތެދެއްކަމަށް ދިޕިކާ ބުނެފައެއްނުވެއެވެ. ނަމަވެސް އިތުރު ގޮތްގޮތުން އެއީ ހަގީގަތްކަން ހާމަކޮށްފައިވެއެވެ.
2014 ވަނަ އަހަރު ކޮފީ ވިތު ކަރަންގެ އެންމެ ފަހު ސީޒަންގައި ދީޕިކާ ކިޔާދީފައިވާ ގޮތުގައި އޭނާގެ ލޯބިވެރިޔަކަށް ދެ ފަހަރެއްގެ މަތިން ފުރުސަތު ދިންކަމަށްވެއެވެ. އެކުވެރިންނާ އާއިލާއާ ދެކޮޅަށްވެސް އުޅެން މަސައްކަތްކުރިކަމަށްވެއެވެ. އެއީ ކާކުކަމެއް ސީދާ ގޮތުގައި އެޝޯގައި އޭނާ ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ރަންބީރުއާ ވަކިވުން އެއީ ވަރަށް ހިތްދަތިވި އަދި ދިރިއުޅުމައިގެން ކުރިއަށްދާން ވަރަށް އުނދަގޫވެސްވި ދުވަސްވަރެއްކަމަށް އޭނާ ވަނީ ބުނެފައެވެ. ރަންބީރުއާއެކު އުޅުނު އިރު އޭނާއަށް އެއީ މުޅި ދުނިޔެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އަދި ހަމަ މިދުވަސްވަރު އިތުރު ހަފްލާއެއްގައި ނޫސްވެރިއަކު އޭނާގެ ލޯބިވެރިޔާ އެހެން ތަރިއަކާއި އެކު އެނދުމަތިން ފެނިއްޖެނަމަ ހަދާނީ ކިހިނެއްތޯ އެހުމުން އެ ސުވާލުގެ ޖަވާބުގައި ދީޕިކާ ބުނެފައިވަނީ، ދެވަނަ ފަހަރަށް އެމަންޒަރު ބަލަން ބޭނުންނުވާކަމަށެވެ. ރަންބީރުގެ ނަން ނުބުނި ނަމަވެސް އޭނާގެ ވާހަކަތަކުން ރަންބިރު އޭނާއަށް ވަރަށް ބޮޑު އޮޅުވާލުމެއް އޮޅުވާލިކަން ގައިމުވެސް ހާމަވެއެވެ.
2013 ވަނަ އަހަރު ލީކްވި، ރަންބީރު އަދި ކެޓްރީނާގެ ބީޗް ފޮޓޯތަކާއި ބެހޭގޮތުންވެސް ދިޕިކާއާ ކުރެވުނު ސުވާލެއްގެ ޖަވާބުގައި އޭނާ ބުނެފައިވަނީ ކެޓްރީނާ އެފޮޓޯތައް ނެގި އިރު ތަންކޮޅެއް މަޖާކޮށް އުޅުނު ނަމަ ރީތިވީސްކަމަށެވެ. އަދި ޕަބްލިކް ފިގާ އަކަށްވެހުރެ އެ ޚަބަރު ނޫސްތަކުގައި ޖެހުމުން ރުޅިއަންނަން ނުޖެހޭނެކަމަށްވެސް ދިޕިކާވަނީ ބުނެފައެވެ. ކުރާކަމެއް ވިސްނައިގެން ކުރުމަށްވެސް ދިޕިކާވަނީ ނަސޭހަތްދީފައެވެ.
މި ނަސޭހަތައް ރައްދުދެމުން ކެޓްރީނާ އޭރު ބުނެފައިވަނީ ދިޕިކާގެ ނަސޭހަތެއް އޭނާބޭނުންނުވާ ކަމަށެވެ. އަދި ދިޕިކާވެސް އެދުވަސްވަރު އޭނާގެ މިހާރުގެ ލޯބިވެރިޔާއާއި އެކު ނައިޓްކްލަބެއްގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލީކްވި ވާހަކަ ކެޓްރީނާ ވަނީ ގޮވައިފަ އެވެ. އަދި ބިއްލޫރިގެއެއްގައި އުޅޭބަޔަކު އެހެން ގޭގެއަށް ގާނުއުކުމަށް ކެޓްރީނާ ގޮވާލާފައިވެ އެވެ.