ރިޕޯޓް

ކޮރަޕްޝަނާ ދެކޮޅު ހަނގުރާމަ؛ ކާމިޔާބުވޭތަ؟

  • އޭސީސީގެ މަސައްކަތް އެއްގިޔަރު ކުރިއަށްލާން ޖެހޭ
  • މުއައްސަސާތަކަށް އިތުބާރު ނުކުުރުމުގެ މައްސަލަ ބޮޑު
  • ޓްރާންސްޕޭރަންސީ ނެތުމަކީ ބޮޑު މައްސަލައެއް

ކޮރަޕްޝަނަށް ދިވެހިންނަކީ ފަރިތަ ބައެކެވެ. ކޮންމެ ސަރުކާރަކާ ދެކޮޅަށް ވެސް ކުރެވޭ އެންމެ ފަސޭހަ އަދި އެންމެ ބޮޑު ތުހުމަތަކީ ކޮރަޕްޝަން އެވެ. ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ވާހަކަ އަކީ ހަމައެކަނި މިއަދަކު ނޫނީ އިހަށް ދުވަހަކު ދައްކަން ފެށި ވާހަކައެއް ނޫނެވެ. ކޮންމެ ސަރުކާރެއްގެ މައްޗަށް އަބަދުވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވެ އެވެ. އެއްވެސް ރައީސްއެއް އެއްވެސް ސަރުކާރަކަށް އެ ތުހުމަތުތަކުން ސަލާމަތެއް ނުވެ އެވެ. ސުވާލަކީ މި ވަބާއަކުން ސަލާމަތް ނުވެވިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ އެކަށީގެންވާ ހަނގުރާމައެއް އެކަމާ ދެކޮޅަށް ނުކުރެވެނީ ހެއްޔެވެ؟

އޭސީސީއަށް ފާރަވެރި ވެވޭތަ؟

ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ މައި ކޮމާންޑް ސެންޓަރަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. ދެން އޭގެ ފަހަތުން ފާރަވެރިންގެ ގޮތުގައި އޮޑިޓަ ޖެނެރަލާއި ފުލުހުންގެ އިދާރާ ވެސް އަންނާނެ އެވެ. އެކަމަކު ގިނަ ރައްޔިތުންގެ ނަޒަރުގައި މައިގަނޑު މަސައްކަތް ކުރަން ޖެހެނީ ސީދާ އޭސީސީ އިންނެވެ. އޭސީސީ އިން ގަބޫލު ކުރާ ގޮތުގައި ލިބިފައި ހުރި ވަސީލަތްތަކާއި ބަޖެޓަށް ބަލާއިރު އެކަށީގެންވާ މަސައްކަތްތަކެއް އެބަ ކުރެވެ އެވެ. އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވާ ގޮތުގައި އޭސީސީގެ މަސައްކަތްތަކަށް މަޑުޖެހުމެއް ނެތެވެ. ކުރެވުނު އެންމެ ބާރު ސްޕީޑްގައި މަސައްކަތްތައް ކުރިއަށްދެ އެވެ.

އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައިއެ ކޮމިޝަނުން މިދިޔަ އަހަރު ބެލި 783 މައްސަލައިގެ ތެރެއިން ޕީޖީ އަށް ފޮނުވޭ ވަރަށް ހެކި ހުރެގެން ދައުވާ ކުރަން ފޮނުވީ 38 މައްސަލައެއްގަ އެވެ. އެހެން ވީމާ ދައުވާ ކުރެވޭ ވަރަށް ހެކި މި ހުރީ ހަތަރު ޕަސެންޓް މައްސަލައިގަ އެވެ. އެ ހަތަރު ޕަސެންޓް މަސައްކަތް އެކީ ނިންމާލެވުނު އިރު އެ މައްސަލަތަކުން ދައުލަތަށް 1.4 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޭސީސީގެ ރިޕޯޓްތަކުން ދައްކަ އެވެ.

އޮޑިޓް އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ މާލިއްޔާއަށް ހިޔާނާތްވެފައިވާ މައްސަލަތަކުން ދައުލަތަށް ގެއްލިފައިވާ ފައިސާ އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. އެކަމަކު އެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމަކީ އޮޑިޓް އޮފީހުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. އޮޑިޓް އޮފީހަކީ ހަމައެކަނި މައްސަލަތަކެއް ފެންމަތި ކުރާ ބައެކެވެ. އެ ރިޕޯޓްތަކުން ފެންމަތި ކުރާ މައްސަލަތައް ތަހުގީގު ކުރަން ޖެހޭނީ ހަމަ ސީދާ އޭސީސީއަށް ނޫނީ ފުލުހުންނާއި އޭސީސީ ގުޅިގެންނެވެ.

ބުރަކި ޖެހެނީ އެ ހިސާބުން ކަމަށް ކޮންމެ އޮޑިޓަ ޖެނެރަލަކު ވެސް ގަބޫލު ކުރައްވަ އެވެ. 

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި އެންމެ އެދެވޭ ސްޕީޑްގައި މަސައްކަތްތަކެއް ނުކުރެވެނީ މުވައްޒަފުންނާއި ބަޖެޓްގެ ތާށިކަމުންނެވެ. އޭސީސީގެ ތަހުގީގެއްގައި ގާތްގަނޑަކަށް ދެތިން އިންވެސްޓިގޭޓަރުން ބައިވެރިވާ އިރު، އިންވެސްޓިގޭޓަރުންނަކީ މަދުބައެއް ކަމަށް މުއައްވިޒު ވިދާޅުވެފައިވެ އެވެ. އެހާ މަދު ބަޔަކު ބަލަން އެތައް ސަތޭކަ މައްސަލައެއް އޮންނަނީ ފުނި ޖެހިފަ އެވެ. ދެން ކުރިމަތިވާ މައްސަލައަކީ އެކަށީގެންވާ މައުލޫމާތު ކަމާ ގުޅޭ ފަރާތްތަކުގެ ކިބައިން އެއްވެސް ވަރަކަށް ނުލިބުމެވެ.

"ބަޖެޓްގެ ތާށިކަން އާދޭ. ތަހުގީގެއް ވަރަށް ރަނގަޅަށް ކުރަން އެބަ ޖެހޭ. ގިނަ ތަންތަނުން މައުލޫމާތު ހޯދަން އެބަ ޖެހޭ. ގިނަ ބަޔެއްގެ ބަޔާން ނަގަން އެބަ ޖެހޭ. އެއީ އެންމެ ދެދުވަހަކުން ކުރެވޭނެ ކަމެއް ނޫން. މީހުން އެ އެދޭހާ އެންމެ ބާރު މިނުގައި ތަހުގީގެއް ނިންމާ ނުލެވުނަސް އެކަށީގެންވާ އަދަކަށް އަޅުގަނޑުމެންނަށް މައްސަލަތައް އެބަ ޕްރޮސިކިއުޓް ކުރަން އެބަ ފޮނުވޭ،" މުއައްވިޒު މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ފުނިޖެހިފައި މި އޮތް މުޖުތަމައެއްގައި، އޭސީސީ އިން ކުރާ މަސައްކަތް އަދި ދެތިން ކިޔަރެއް މަތިކޮށްލަން ޖެހެ އެވެ. އެކަމަކު އެކަމަށް އެ ކޮމިޝަނަށް ވެސް މި އޮތީ އިންތިހާއަށް އެހީ ބޭނުންވެފަ އެވެ.

މުއައްސަސާތައް "ކޮރަޕްޓް" ވެއްޖެ؟!

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލަން ހުރި އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ މުއައްސަސާއަށް އަދި މައްސަލަތަކުގައި އިންސާފު ހޯދައިދޭން އޮތް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ވެސް ކޮރަޕްޝަންގެ ނުބައި ފަނިފަކްސާ އަޅައިފި ކަމަށް ގަބޫލު ކުރާ ވަރަށް އެ މުއައްސަސާތަކުގެ ވެރިންގެ މައްޗަށް ވެސް ތުހުމަތު ކުރެވެ އެވެ. ބައެއް ފަހަރު އެއީ ހަގީގީ ތުހުމަތުތަކަކަށް ނުވި ނަމަވެސް، ގިނަ ފަހަރަށް އޭގައި ކޮންމެވެސް ހަގީގަތްތަކެއް ހުންނަނީ ކުރިމަތިވެފަ އެވެ. ކޮރަޕްޝަން ނައްތާލަން ތިބި މުއައްސަސާތަކަސް ރައްޔިތުންގެ މެދުގައި އިތުބާރެއް ނެތް ނަމަ، އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އެ މުއައްސަސާތަކަށް ބާރުފޯރުވޭ ނަމަ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ހަނގުރާމަ ދާނީ ހަމަ ޗޮކުންނެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ދިރާސާތަކުން ދައްކާ ގޮތުގައި އޭސީސީ ފަދަ މިނިވަން މުއައްސަސާތަކަށް އިތުބާރު މީހުން މަދެވެ. ސާވޭއެއްގައި 1،000 މީހުން ބައިވެރިވާ ނަމަ އޭގެ 60 ޕަސެންޓްހާ މީހުން ބުނަނީ އިތުބާރެއް ނެތް ކަމަށެވެ. ހަގީގަތުގައި މިއީ ބޮޑު މައްސަލައެކެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ހަނގުރާމަ ކާމިޔާބު ކުރުމަށް މިއީ އޮތް ބޮޑު ހުރަހެކެވެ. އެހެން ވަނީ މީގައި ވެސް ގިނަ ސަބަބުތަކެއް ހުރީމަ އެވެ. އެކި ފަރާތްތަކުން ދޭ، "ހަދިޔާތައް" މިފަދަ މުއައްސަސާތަކުގެ ވެރިންނަށް ބޭނުން ކުރެވޭތީ އެވެ.

މިސާލަކަށް އިކޮނޮމިކް ކޮމިޓީގެ ކޯޗެއާއަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނެވި ދުވަސްވަރު މިނިވަން މުއައްސަސާތަކުގެ ވެރިންނަށް އަގު ބޮޑު ރެހެންދި ފްލެޓުން ބަހާލި ފްލެޓްތަކާ ހުރެ އެ މުއައްސަސާތައް ތިބީ ހަގީގަތުގައި ވެސް މަޅިއެއްގައި ބެދިފަ އެވެ. އެއްއިރެއްގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ސޯޝަލް ހައުސިންގެ ފްލެޓަށް ކުރިމަތިލައިގެން އެ މައްސަލަ އޭސީސީއިން ބެލުމުން އުފެދުނު އުދާސްގަނޑުގައި ވެސް މީހުން ޝައްކު ކުރެ އެވެ.

"ކޮރަޕްޝަނާއި ފަސާދަ އަދިި ރިޝްވަތުގެ ތުހުމަތުތަކުގެ އެއްކިބާވެ ތިބުމަކީ ނަޒާހަތްތެރިކަން ދަމަހައްޓައި މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު އިތުރުކުރަން މުހިއްމު ކަމެއް. ދައުލަތުގެ އިސް މަގާމްތަކާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގައި ތިބޭ އިސްވެރިންގެ ނަޒާހަތްތެރިކަން ދެމެެހެއްޓުމަކީ މަގާމުގެ މަސްއޫލިއްޔަތެއްގެ ގޮތުން އެ ފަރާތްތަކުން ބޮލުގައި އެޅިފައިވާ ޒިންމާއެއް،" ޓްރާންސްޕޭރަންސީގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވެ އެވެ. "ގާނޫނީ އޮނިގަނޑުން ބޭރުން، ސުވާލު އުފެދޭ ފަދަ ހާލަތްތަކުގައި ސަރުކާރުން ހުށަހަޅާ ހަދިޔާ ގަބޫލުނުކުރުމަށް، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް މި ޖަމިއްޔާ އިން ގޮވާލަމެވެ،" 

މުއައްސަސާތައް އިހުމާލުވެއްޖެ؟!

މިފަހުން ކުރިމަތިވި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަޑީގައި ހުންނަވައިގެން އެމްއެމްޕީއާރުސީ އިން އެތައް ބިލިއަން ރުފިޔާއެއް ހިޔާނާތުގެ ގޮތުގަިއ ނެގި މައްސަލަ އެވެ. އެވާހަކަ މިފަހުން ފަޅާ އެރިޔަސް އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެ ހުރިހާ ފައިސާއަކަށް ހިޔާނާތްވީ އިރު އޭސީސީ ކޮބައިހެއްޔެވެ؟ އެ މައްސަލަތައް ބަލަން އެނގުނީ ވެސް ރައީސް އެވާހަކަތައް އާންމުންނާ ހަމަޔަށް ދޫކޮށްލި ހިސާބުންނެވެ. އޭސީސީ އިން މައްސަލަ ބަލަން ފެށީ ވެސް ފުލުހުންގެ ތަހުގީގަށް ކަންތައްތަކެއް ފާހަގަވެ، އެ މީހުން އޭސީސީ ހޭލައްވާލީމަ އެވެ. އެހެން ވީމާ އޭސީސީގެ ޒިންމާ ކޮބައި ހެއްޔެވެ؟

މީގެ ކުރިން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ ދުވަސްވަރު، އެމްއެމްޕީއާރުސީ އިން ހިންގި އެތައް މިލިއަން ޑޮލަރެއްގެ ހިޔާނާތް ފަޅާ އަރުވާލުމުން އެފަކީރަށް ވީގޮތަކުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން އޮތް ނިޒާމަށް ބަލިކަށިކަމެއް އައި ކަމަށް ގަބޫލު ކުރަން ޖެހެ އެވެ. އެއަށް ފަހު އެ ރިޕޯޓަށް ދެން ވީގޮތެއް ވެސް ނޭނގެ އެވެ. އެވާހަކަ ފަހުން ނުވެސް ދައްކަ އެވެ. އެ ރިޕޯޓްގެ މައްޗަށް އޭސީސީ އިން ތަހުގީގެއް ކުރިކަމެއް ވެސް ނޭނގެ އެވެ. އެ ރިޕޯޓާ އެކު ނިޔާޒު ވަޒީފާއިން ބޭރުވި ގޮތަށް ރިޕޯޓް ވެސް މަންޒަރުން ގެއްލުނީ އެވެ. ނޫނީ ހަނދާން ނެތުނީ އެވެ. ނޫނީ ގަސްތުގައި ހަނދާން ނައްތާލީ އެވެ.

މީގެ ކުރިން އޭސީސީ އިން އެތައް މައްސަލައެއް އަމިއްލައަށް އިސްނަގައިގެން ބެލި އެވެ. އެކަމަކު އެމްއެމްޕީއާރުސީގެ ވާހަކަ އާންމުން ދައްކަމުން އައި އިރުވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އޭސީސީއަށް ނޭޅުމުން ހަގީގަތުގައި އެ މުއައްސަސާތައް ކޮންމެވެސް ކަންތައްގަނޑެއްގައި ތާށިވެފައި ތިބިކަން އެބަ ހާމަވެ އެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރާ ހަނގުރާމަ އެކަށީގެންވާ ގޮތެއްގައި ކާމިޔާބު ކުރަން އޭސީސީ ވެސް އޮޑިޓަ ޖެނެރަލް ވެސް ކަސްދޮޅުތަކުން ސަލާމަތްވެ ވަޑައިގަންނަވަން ޖެހެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުގެ ނުފޫޒު މިތަންތަނުގެ މައްޗަށް އޮތް ކަމަށެވެ. އެ ތުހުމަތުތަކަކީ ދޮގެއްކަން މި މުއައްސާތަކުން މިވަނީ ސާބިތުކޮށްދޭން ޖެހިފަ އެވެ.

ދެ ފުށް ފެންނަ ދައުލަތެއް މުހިންމު

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ތުހުމަތުތައް އަބަދުވެސް ކުރާނެ އެވެ. އިދިކޮޅު ސިޔާސީ ހަރަކާރުގެ ބޭނުމަކީ ވެސް ކޮންމެވެސް ގޮތަކުން ރައްޔިތުން އިތުބާރު ކުރާ ބައެއްގެ އިތުބާރު ނަގާލައި އެ މީހުންގެ މައްޗަށް އެ އިތުބާރު އަނބުރާލުމެވެ. އެހެން ވީމާ އެއީ ސިޔާސީ ގޮތުން އާއުކުޅެއް ނޫނެވެ. އެހެން ވީމާ މިފަދަ ކަންކަމަށް ސަރުކާރުން ވެސް ވަރުގަދަޔަށް އޮންނަން ޖެހޭނީ ތައްޔާރުވެގެންނެވެ. މި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ގިނަ ކަންކަމުގައި ޝައްކު ކުރެ އެވެ. ދައުލަތުގެ ބައިތުލްމާލަށް ވާގޮތެއް ނޭނގުމާއި މިފަހުން ދިމާވި ކޮރަޕްޝަންގެ މައްސަލަތަކުގައި ސީދާ ރައީސްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެ އެވެ.

މި ތުހުމަތުތައް ބަލިކުރުމަށް ދޫކޮށްލެވޭނެ އެންމެ މޮޅު ހަތިޔާރަކީ، ސަރުކާރުން ކުރާ ކަންތައްތައް ދެ ފުށްފެންނަ ގޮތަކަށް ބޭއްވުމެވެ. ހަރަދުތަކުގެ ތަފްސީލްތައް އާންމު ކުރުމެވެ. ރައީސްގެ ހަރަދުތަކާއި އިނާޔަތްތަކުގެ ތަފްސީލްތައް އާންމު ކުރަމުން ދިޔުމެވެ. މިއީ އެމެރިކާ ފަދަ ގައުމުތަކުގައި މިކަން ކުރާ އުސޫލެކެވެ. ސަރުކާރެއްގެ ނަޒާހަތްތެރިކަން އުފައްދަނީ މިގޮތަށެވެ. ވެރިކަން ކުރާ ޕާޓީއަކަށް ފައިސާ ލިބޭ ގޮތާއި އެ ފައިސާ ހަރަދު ކުރާ ގޮތުގެ ތަފްސީލްތައް ހާމަކުރެ އެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މައްޗަށް އެންމެ ބޮޑަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ އިރު، އެބޭފުޅުންގެ މާލީ ބަޔާނަކީ ފޮރުވާފައި އޮންނަ އެއްޗެކެވެ. އެވެސް ހާމަ ކުރައްވާށެވެ. ކޮރަޕްޝަނާ ދެކޮޅު ހަނގުރާމައިގައި ދެ ފުށްފެންނަ ޓްރާންސްޕޭރަންސީގެ އުސޫލު ކޮންމެ ކަމެއްގައި ވެސް މުހިންމެވެ. އެފަދަ ދައުލަތެއް އެބަ ބޭނުންވެ އެވެ.

ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން ކޮންމެ ވެސް ބާގަނޑަކުން ދެމިގަނެ އެކަން ކުރާނެ އެވެ. ވަގުން އަބަދުވެސް އާ އުކުޅުތައް ހޯދާނެ އެވެ. ކޮންމެ ބަޔަކު ތިއްބަސް އެކަން ކޮންމެވެސް ވަރަކަށް ހިނގާނެ އެވެ. އެއީ ވަކި ސަރުކާރަކަށް ވާތީ ވާގޮތެއް ނޫނެވެ. އެކަން ބިނާ ވަަނީ އަމަލު ކުރާ އުސޫލުތަކެއްގެ މައްޗަށެވެ. ރައީސް ވިދާޅުވަނީ ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ވެރިކަން ކުރާ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވަނީ ކޮރަޕްޝަންގެ އަމަލުތަކުން މި ސަރުކާރު ދޮވެލަން ޖެހޭ ކަމަށެވެ. އެކަމާ ދެކޮޅަށް ސީދާ ސަރުކާރުން ވެސް ވަރުގަދަ ހަމަލާއެއް ދޭންޖެހެ އެވެ. އެކަމާ ދެކޮޅަށް ކުރެވޭ މަސައްކަތް ހުރިހާ މުއައްސަސާތަކުން ވެސް އެއްގިޔަރު ކުރިއަށް ޖައްސަން ޖެހެ އެވެ. އަދި އެ ހަނގުރާމަ އެހާ ފަސޭހައިން ކާމިޔާބުވާކަށް ނެތެވެ.