ރިޕޯޓް

ނުހައްގު މުއްސަނދިކަން، ކުށަކަށް ނުހެދިފައި!

ސިޔާސީ މަގާމަކަށް އާދެވޭއިރަށް ގެންގުޅުނު ސައިކަލް ގަނޑު އެއްލާލައި އަގު ބޮޑެތި ކާރުތައް ބައްލަވައިގެން، އަގު ބޮޑެތި ފްލެޓްތަކަށް ބަދަލުވާ ވާހަކައަކީ މިހާރު ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. ބޮޑެތި ވިޔަފާރިތައް ފަށައި އޭގެން ބޮޑެތި ނަފާ ހޯދާ ވާހަކައަކީ ވެސް އާ ވާހަކައެއް ނޫނެވެ. އެ ވާހަކަ ދައްކާލަ ދައްކާ ތިބޭތާ ޒަމާންތަކެއްވީ އެވެ. ސިޔާސީ ބޭފުޅުން ކުއްލިއަކަށް މުއްސަނދިވެ، "އުދުހިގަންނަ" ތަން ބަލަން ތިބުން ނޫން ގޮތެއް ރައްޔިތުންނަށް ނެތެވެ. އެ ނޫން ގޮތެއް ސިޔާސީ ބޭފުޅުން ހޯދައި ވެސް ނުދިނެވެ.

ކޮރަޕްޝަން ހިންގުމަކީ ކުށެކެވެ. ގާނޫނުލް އުގޫބާތުގައި ވެސް ކޮރަޕްޝަނާ ގުޅޭ ރިޝްވަތު ފަދަ ކުށްތައް ވަނީ ހިމަނާފަ އެވެ. ކޮރަޕްޝަންގެ އަމަލުތައް އިތުރުވެފައިވާލެއް ބޮޑު ކަމުން މިހާރު އޮތް ވަރަށްވުރެ ގާނޫނުލްއުގޫބާތު ވަރުގަދަ ކުރަން ވެސް ސަރުކާރަށް މިހާރު އޮތީ ޖެހިފަ އެވެ. ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ވަނީ ކޮރަޕްޝަންގެ ގިނަ އާ ކުށްތަކެއް ތައާރަފްކޮށް ވަރަށް ތަފްސީލު ބިލެއް މަޖިލީހަށް ވައްދާފަ އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވާ ގޮތަށް އެ ބިލް އޮތީ ދައުލަތުގެ މުވައްޒަފަކު ކޮރަޕްޝަންގެ ލޯ ލާރިއެއްގައި ޖެހުނަސް "ބަނދަވޭ" ނެ ހެނެވެ.

އެހާ ތަފްސީލީ ބިލެއް މަޖިލީހަށް ވެއްދިއިރު ޒަމާނުންސުރެ ހައްލެއް ބޭނުންވެފައި އޮތް، ސިޔާސީ ބޭފުޅުންނާއި ދައުލަތުގެ މުވައްޒަފުންގެ ކުއްލި މުއްސަނދި ކަމާމެދު ރައްޔިތުންނަށް ސުވާލު އުފެއްދޭނެ ގޮތެއް އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލުވުނެވެ. އެކަމަކު އެ ބިލްގައި ވެސް އެކަމެއް ނުހިމެނެ އެވެ. ނުފޫޒުގަދަ ސިޔާސީ ބޭފުޅުން ބަނދެވޭނެ ގޮތެއް ނެތެވެ.

ނުހައްގު މުއްސަނދިކަން ނުވަތަ "އިލިސިޓް އެންރިޗްމަންޓް" ކުށަކަށް ނުހެދެ އެވެ. ނުހައްގު މުއްސަނދި ކަމަކީ ކުރިއަރާފައިވާ ގައުމުތަކުން މާނަ ކުރާ ގޮތުގައި އެމީހަކަށް އަސްލު ލިބޭ އާމްދަނީ އަށްވުރެ މަތީ ފެންވަރުގައި ދިރިއުޅުމާއި ލިބޭ އާމްދަނީއަށް ވުރެ ތިމާގެ އަތުގައި ހުންނަ މިލްކިއްޔާތު ބޮޑުވުމެވެ. އަދި އެއީ އެމީހެއްގެ މަސައްކަތުން ކޮރަޕްޝަނާ ނުލާ ހޯދި ތަކެތިކަން ސާބިތުކޮށް ނުދެވިއްޖެނަމަ އެ މުދާ ދައުލަތަށް ނެގުމާއެކު އެމީހަކު ކުށްވެރިވާނެ އެވެ.

ރާއްޖޭގައި މިކަން ނުވެ އަހަރުތައް ފާއިތުވެގެންދާއިރު މިކަމަކީ ދުނިޔޭގެ ގައުމުތަކުން އަމަލު ކުރަމުންދާ ކަމެކެވެ. އދ. އިން ވެސް ކުށެއްގެ ގޮތުގައި ހެދުމަށް ބާރު އަޅައި ހިތްވަރު ދީފައިވާ ކަމެކެވެ. އެގޮތުން ރާއްޖެ ވެސް ބައިވެރިވާ އދ. ގެ މުއާހަދާއެއް ކަމަށްވާ "ޔުނައިޓެޑް ނޭޝަން ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން" ގައި ނުހައްގު މުއްސަނދިކަމުގެ ވާހަކަ ބަޔާންކޮށްފައި އޮވެ އެވެ. އެ މުއާހަދާއާ އެއްގޮތަށް 42 ގައުމަކުން ނުހައްގު މުއްސަނދިކަން ކުށަކަށް ހަދާފައިވެ އެވެ.

ނުހައްގު މުއްސަނދި ކަމަކީ އިންޑިއާ، ޕާކިސްތާން އަދި ފްރާންސާއި ގްރީސް، ކޮލަމްބިއާ ފަދަ ގައުމުތަކުގައި ކުށެކެވެ. ޕާކިސްތާނަކީ މިފަދަ މައްސަލަތަކުގައި އެންމެ ގިނައިން ދައުވާކޮށް ކާމިޔާބު ވެސް ވެފައިވާ ގައުމެވެ. އެ ގައުމުގައި 170 އެއްހާ މައްސަލާގައި ނުހައްގު މުއްސަނދިކަން ސާބިތުވެ، މީހުން ކުށްވެރިވެފައިވެ އެވެ.

ނުހައްގު މުއްސަނދިކަން ކުށެއްގެ ގޮތުގައި އޮންނަ ގައުމުތަކުގައި ވެސް އެ ކުށަކީ ހާއްސަ އުސޫލަކުން އަމަލު ކުރާ ވަކިން އޮންނަ ކުށެކެވެ. އެ ކުށް ސާބިތު ކުރުމުގައި އެހެން ޖިނާއީ ކުށްތަކާ ތަފާތެވެ. އެގޮތުން އާންމު އުސޫލުން ދައުވާ ސާބިތު ކޮށްދިނުމުގެ ބުރަ ނުވަތަ ބާޑަން އޮފް ޕްރޫފް އޮންނަނީ ދައުވާ ކުރާ ފަރާތް ނުވަތަ ދައުލަތަށް ކަމަށްވީ ނަމަވެސް މި ކުށުގައި ދައުލަތުން ސާބިތުކޮށް ދޭން ޖެހެނީ މުއްސަނދިކަމަކީ އޭނާގެ މަގާމާއި ވަޒީފާއާ އަޅާ ބަލާއިރު ނުބައްދަލު މުއްސަނދި ކަމެއް އެކަންޏެވެ. އެ މުއްސަނދިކަމަކީ ކޮރަޕްޝަނުން ހޯދާފައިވާ މުއްސަނދި ކަމެއް ނޫންކަން ސާބިތުކޮށްދޭން ޖެހެނީ ދައުވާ ލިބޭ މީހާ އެވެ.

މުއައްސަސާތަކުން ގޮވާއިރު ވެސް އަޑެއް ނީވޭ!

ގާނޫނުލްއުގޫބާތު ދިރާސާ ކުރިއިރު ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުނެވެ. ނަމަވެސް ބިލް މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރީ އެ ކުށާ ނުލަ އެވެ. އޭގެ ފަހުން ވެސް އޭސީސީއިން ވަނީ ގާނޫނުލްއުގޫބާތުގައި ހިމަނަން ބޭނުންވި 13 ކަމުގެ ތެރޭގައި އެންމެ ކުރީގައި ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ހިމަނާފަ އެވެ. އެ ކޮމިޝަނުން އެގޮތަށް އެދި، ބިލެއް ޑްރާފްޓްކޮށް ބަންޑާރަ ނައިބު އޮފީހަށް 2015 ވަނަ އަހަރު ފޮނުވަން ވެސް ފޮނުވި އެވެ. އެކަމަކު އެ އަދިވެސް އޮތީ އެވެ.

އޭސީސީން ބުނާ ގޮތުން، ނުހައްގުން މުއްސަނދިކަމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ބުނެފައި ނުވާތީ އެކަމުގެ ސަބަބުން ދައުލަތުގެ ބައެއް މުވައްޒަފުންގެ މައްސަލަ ތަހުގީގު ކުރެވޭކަށް ނޯވެ އެވެ. ނުހައްގުން މުއްސަނދިކަން ހޯދި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކާ ސުވާލު ކުރެވޭނެ ގާނޫނީ އޮނިގަނޑެއް ނެތުމުން ކޮރަޕްޝަންގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް ކުށުގެ އަމަލު މުޅިން ދޫކޮށްލެވޭ ކަމެވެ.

ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ރަނގަޅު ނޫން ކަމާއި އެކަމުން ސަލާމަތްވާން ޖެހޭ ކަމަށް ވިދާޅުވެ މިދިޔަ އަހަރު ވެސް އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވި ގޮތުގައި ނުހައްގު މުއްސަނދިކަން ބެލުމަށް ގާނޫނެއް އެކުލަވާލަން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން ކާމިޔާބު ނުވި ކަމެވެ.

އޭސީސީއިން އެކަމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވަނިކޮށް އަދި ބަންޑާރަ ނައިބު އޮފީހުގައި ވެސް އެދިފައި ވަނިކޮށް ގާނޫނުލްއުގޫބާތަށް އެތައް ބައިވަރު އިސްލާހެއް ހުށަހެޅިއިރު ވެސް ނުހައްގު މުއްސަނދިކަމުގެ ޒިކުރު ވެސް ކޮށްލާފައި ނެތުމަކީ ހައިރާންވާވަރުގެ ކަމެކެވެ. ސަރުކާރަށް އެކަން ކުރުން މުހިންމު ނޫނީ ހެއްޔެވެ؟

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މީގެކުރިން ބޭއްވި ރަސްމިއްޔާތެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމީހެއްގެ މަގާމާއި އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ހުއްޓުވުމަށް ފައިސާ ހޯދި ގޮތް ބަޔާންކޮށްދޭން ގާނޫނީ ގޮތުން މަޖުބޫރުކުރުވަން ޖެހެ އެވެ. އެފަދަ މީހުން ގާނޫނުގެ ކުރި މައްޗަށް ގެނެވޭނެ ގޮތެއް ވެސް މުއައްސަސާތަކުން ހޯދަން ޖެހޭ ކަމެވެ. އޮޑިޓާ ޖެނަރަލާއި އޭސީސީއިން ކަމުގެ މުހިންމު ކަމުގެ ވާހަކަ ތަކުރާރުކޮށް ވިދާޅުވުމަކީ ކަމުގެ މުހިންމު ކަމާއި ބޭނުންތެރިކަން ކަށަވަރުވާ ކަމެކެވެ.

ކޮރަޕްޝަންގެ ކުށްތައް ސާބިތުކުރުން ރާއްޖޭގައި އުނދަގޫކަން ފާހަގަކުރަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި އެކަމަށް އެންމެ ބޮޑު ހައްލެއް އަންނާނީ މާލީ ބަޔާން ހުށަހަޅަން ލާޒިމްކޮށް ނުހައްގު މުއްސަނދި ކަމަކީ ކުށެއް ކަމަށް ކަނޑައެޅިގެންނެވެ. ހަރުދަނާ މާލީ ބަޔާނުގެ ނިޒާމެއް އޮވެއްޖެނަމަ ނުހައްގު މުއްސަނދިކަމުގެ ކޭސްތައް އައިޑެންޓިފައި ކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ އަމީންއާމަށް މާލީ ބަޔާން ހުށަހަޅާއިރު އެހާ ހިސާބުން އެ ފައިލް ކުރަނީ އެވެ. އޭގެ ތަފްސީލް އާންމު ކުރައްވަނީ މަދު މެންބަރެކެވެ. ތަފްސީލް ހޯދުމަކީ އާންމުންނަށް ފަސޭހަ ކަމެއް ވެސް ނޫނެވެ. ނުހައްގު މުއްސަނދިކަން ކުށަކަށް ހަދައި އޭގެ ނަތީޖާ އެންމެ ރަނގަޅަށް ނުކުންނާނީ ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުގެ މާލީ ބަޔާންތައް އާންމު ކުރަން ޖެހޭ ގޮތަށް ހެދުމުން ކަމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގަބޫލު ކުރެ އެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުލްއުގޫބާތުގެ އިސްލާހު ކުރުމުގެ ބިލްގައި މާލީ ބަޔާންއަށް މަކަރު ހެދުން ކުށަކަށް ހަދާފައިވެ އެވެ. އެއީ ކުރިއަށް އެޅި ފިޔަވަޅެކެވެ. އެ ފިޔަވަޅު އެންމެ ފުރިހަމަ ވާނީ އޭގެ ތެރެއަށް ނުހައްގު މުއްސަނދިކަން އިތުރުކުރުމުންނެވެ. ރާއްޖެއަށް ނުކަތާ ވަރަށް ކޮރަޕްޝަންގެ އަދަދު އިތުރުވަމުންދާއިރު އެކަން ހުއްޓުވަން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ހަދަން ޖެހޭ ކޮންމެ ގާނޫނެއް ހެދުމަކީ މިހާރަށް އެހާމެ މުހިންމު ކަމެކެވެ. އެކަމުގައި ސިޔާސީ ބޭފުޅުންގެ އިހްލާސްތެރިކަން ހުންނަންޖެހެ އެވެ.