އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީ އިން ހަތް ރަށެއް ކުއްޔަށް ދިން މައްސަލަ ޕީޖީއަށް ފޮނުވައިފި

Dec 7, 2015
1

އެމްއެމްޕީއާރުސީ އިން ބަޔަކަށް ކުއްޔަށް ދިން އިތުރު ހަތް ރަށެއްގައި މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ. އެ މައްސަލައިގައި ވެސް ފުލުހުން ދައުވާ ކުރަން ޕީޖީ ގައި އެދިފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އެމްޑީޕީ އަބްދުﷲ ޒިޔަތުގެ މައްޗަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ޕީޖީ އަށް ފޮނުވީ ހަތް ރަށެއް ކުއްޔަށް ދީގެން ޑައުން ޕޭމަންޓްގެ ގޮތުގައި ލިބުނު ފައިސާ ދައުލަތުގެ އެއްވެސް އެކައުންޓަކަށް ވެއްދުމެއް ނެތި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް އެ ފައިސާ ޖަމާކޮށްފައި ވާތީ ކަމަށެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މީގެ ކުރިން ވެސް އަދީބު އާއި ޒިޔަތުގެ މައްޗަށް ވަނީ ކްރިމިނަލް ކޯޓްގައި ދައުވާ އުފުލައިފަ އެވެ. އަދީބުގެ މައްޗަށް ކުރަނީ ރަސްމީ މަގާމު ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ. އަދި ޒިޔަތުގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އެވެ.

މީގެ އިތުރުން ވެސް ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލައެއްގައި ވެސް އަދީބުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.