އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން ގަވާއިދެއް ގެޒެޓްކޮށް އަމަލުކުރަން ފަށައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އަމަލުކުރަން ފެށި 18 މާއްދާގެ ގަވައިދުގައިވާ ގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ލިބޭނީ 30 ދުވަހެވެ.
ޖޫރިމަނާކޮށްފިނަމަ ޝަކުވާގެ ގޮތުގައި މައްސަލަ ހުށަހެޅޭނެ ވަކި ސަބަބުތަކެއް ވެސް ގަވައިދުގައި ހިމަނާފައިވެ އެވެ. އެގޮތުން ޖޫރިމަނާކުރީ އެކަން ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާ ހާލަތެއްގައި ކަމަށްވުމާއި، ޖޫރިމަނާގެ އަދަދު ސައްހަ ނުވުމާއި، ޖޫރިމަނާ ކުރަންޖެހޭ ހާލަތާއި ސަބަބުން މެދުވެރިވެފައި ނުވުމާއި، ޖޫރިމަނާ ކުރަން ނުޖެހޭ ފަރާތެއް ޖޫރިމަނާކުރުން ހިމެނެ އެވެ.
މީގެއިތުރުން މީހަކު ޖޫރިމަނާކޮށްފައިވަނީ އޭނާގެ ބާރު ނުފޯރާ ކަމެއްގައި ކަމަށްވާނަމަ އެކަމެއް ބެލުމުގެ އިހްތިޔާރުވެސް ގަވައިދުގައި މިނިސްޓަރަށް ދީފައިވެ އެވެ.
ޝަކުވާ ހުށަހަޅާ ފަރާތުގެ މައުލޫމާތާއި ޖޫރިމަނާކުރި ސަބަބު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފޯމަކުން ޝަކުވާ ހުށަހަޅަންޖެހޭއިރު 10 ދުވަހުގެ ތެރޭގައި ޝަކުވާއާ މެދު ގޮތެއް ނިންމަންޖެހެ އެވެ. އަދި ފޯމުގައިވާ މައުލޫމާތު ފުރިހަމަ ނުވާނަމަ މައުލޫމާތު ފުރިހަމަކުރަން ޝަކުވާ ހުށަހެޅި ފަރާތަށް އެންގުމަށްފަހު މައުލޫމާތު ފުރިހަމަ ނުކުރާނަމަ ފޯމް ބާތިލްކުރުމުގެ ބާރުވެސް މިނިސްޓްރީއަށް ލިބިފައިވެ އެވެ.
ޖޫރިމަނާ ކުރުމާ ގުޅިގެން ހުށަހަޅާ ޝަކުވާތަކަށް ބަލައި ގޮތް ނިންމާނީ މިނިސްޓަރު އައްޔަންކުރާ ތިން މެންބަރުންގެ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ. ކޮމިޓީގައި ހިމެނޭ މެންބަރެއްގެ މަސްލަހަތު ހިމެނޭ ޝަކުވާއެއް ކޮމިޓީއަށް ހުށަހެޅިއްޖެނަމަ އެ މެންބަރަކު އެ ޝަކުވާ އަކުން ތަނާޒުލުވާން ޖެހެ އެވެ. ގަވައިދު ބުނާ ގޮތުގައި ކޮމިޓީގައި ތިއްބަވާ މެންބަރުންނަކީ މިނިސްޓްރީގެ ދެ މުވައްޒަފަކާއި ލޭންޑް ޓްރާންސްޕޯޓް ޑިޕާޓްމަންޓް ނުވަތަ ސެކްޝަނުގެ މުވައްޒަފެކެވެ.
ގަވައިދުގައިވާ ގޮތުން ޖޫރިމަނާކުރީ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށްވާނަމަ ޖޫރިމަނާގެ އަދަދު ބަދަލުކުރުމާއި އަދި ޖޫރިމަނާ ކުރި ކުރުން ބާތިލް ކަމަށް ކޮމިޓީ އަށް ނިންމިދާނެ އެވެ. ކޮމިޓީން ޖޫރިމަނާއެއް ބާތިލް ކަމަށް ނިންމައިފިނަމަ ޖޫރިމަނާއާއި ގުޅިގެން އެޅި ހުރިހާ ފިޔަވަޅެއް ވެސް ބާތިލްވާނެ އެވެ. މީގެތެރޭގައި ވެހިކަލް ޓޯ ކުރުމާއި ލައިސަންސް ހިފެހެއްޓުން ވެސް ހިމެނެ އެވެ.