ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޝަރީއަތް ނިމެންދެން ބަންދުގައި 228 މީހުން

Nov 14, 2021

ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ 228 މީހަކު ބަންދުގައި ތިބި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ހާމަކުރައްވައިިފި އެވެ.

ޕީޖީ އޮފީހާ ގުޅުންހުރި މައްސަލަތަކުގެ ތަފާސްހިސާބު މިއަދު ނޫސްވެރިންނަށް ހާމަކުރައްވަމުން ޕީޖީ ޝަމީމް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ 228 މީހުންގެ ތެރެއިން 68 މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އޭގެ ތެރެއިން 34 މީހުން ތިބީ ދޫނިދޫ ޖަލުގަ އެވެ. އަނެއް 34 މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުން ބަންދުގައި ތިބޭތާ އެވްރެޖުކޮށް 113 ދުވަސް ވެފައިވެ އެވެ. އެމީހުންނާ ގުޅޭ 55 ޕަސަންޓް މައްސަލަ އޮތީ ކޯޓުތަކުގައި އިބްތިދާއީ މަރުހަލާގަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ 228 މީހުންގެ ތެރެއިން 160 މީހަކު މާފުށި ޖަލުގައި ތިބި ކަމަށްވެސް ޕީޖީ މިއަދު ވަނީ ހާމަކުރައްވާފަ އެވެ. އެ މީހުން ޖަލުގައި ތިބޭތާ އެވްރެޖު ގޮތެއްގައި 658 ދުވަސް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި ފުލުހުންނާއި ކަރެކްޝަންސްގެ ބަންދުގައި ތިބި މީހުންނަކީ ޑްރަގް ޓްރެފިކިންނާއި، ރޭޕް ކުރުމާއި އަދި މީހުން މެރުން ފަދަ ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނެވެ. އެކަމަކު އެއްވެސް މީހަކު ބަންދުން ދޫކޮށްލަން ވެސް އަދި ބަންދުގައި ބަހައްޓަން ވެސް ނުރަނގަޅު ނުފޫޒެއް އައިސްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ މީހުންގެ މައްސަލައަށް އޮތް ހައްލަކީ އެ މައްސަލަ އަވަހަށް ނިންމުން ނުވަތަ އެ މީހުން ދޫކޮށްލުން ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ. އެ މީހުން ދޫކޮށްލުމަށް ބަލާއިރު އެއީ ޖިނާއީ ބޮޑެތި ކުށްތަކަކަށް ތުހުމަތުކުރެވޭ ބަޔަކަށް ވާތީ އެކަމާ ވިސްނަންޖެހޭ ކަމަށެވެ. އެގޮތަށް އަމަލުކުރުމުގެ ބަދަލުގައި ޕީޖ އެދިވަޑައިގަތީ މައްސަލަތަކުގެ ޝަރީއަތްތައް އަވަހަށް ނިންމާ ހުކުމެއް ކުުރުމަށެވެ.

"އަދި ތަފާތު ސަބަބުތަކާ ހުރެ ބަންދުގައި ތިބި ބައެއް މީހުންގެ ބަންދު ރިވިއު ވެސް ނުކުރެވި އެބަހުރޭ،" ޕީޖީ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ތަހުގީގީ އިދާރާތަކުންނާއި ޕީޖީ އޮފީހުން ކުރާ މަސައްކަތްތަކަށް ވެސް ގިނަ މަސައްކަތްތައް ކޯޓު ތަކުން ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ލަސްތަކެއް ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ އަހަރާއި މިއަހަރުގެ މިހާތަނަށް ޖިނާއީ 34 މައްސަލައެއް ނިންމިއިރު 2020 ގެ ކުރިއަށް ހިނގާދިޔަ 12 އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ޖިނާއީ މައްސަލަތަކުގެ 26 މައްސަލަ ކަމަށެވެ. އެ މައްސަލަތަކުގެ ތެރެއިން 12 އަހަރުގެ މައްސަލަތަކުގައި ޕީޖީ އޮފީހަށް ކާމިޔާބު ކުުރެވުނީ 34 ޕަސަންޓް ކަމަށެވެ. އެކަމަކު މިދިޔަ ދެ އަހަރު އެ ރޭޓް ހުރީ 66 ޕަސަންޓް ކަމުގައިވެސް ވިދާޅުވި އެވެ.

ބައެއް މައްސަލަތަކުގައި ޕީޖީން ކުރިން ނަގާ ސްޓޭންޑް ފަހުން ބަދަލުވާތީ އެ މައްސަލާގައި ސުވާލުކުރުމުން ޕީޖީ ޝަމީމް ވިދާޅުވީ އެއީ ހިނގާ ކަމެއް ކަމަށެވެ. އެކަމަކު އެކަން ކުރަނީ ގާނޫނީ އަސާސްތަކަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.