ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް ފުލުހާއި ކަރެކްޝަންސްގެ ބަޔަކު އަނިޔާކުރި ކަމަށް ބުނާ މައްސަލަ ރިވިއު ކުރަން އަންގަން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަން ކޮމެޓީން ފާސްކޮށްފި އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ހ. ކުއްޅަވައްމާގޭ، އަޒްހަރު އިބްރާހިމް ހައްޔަރު ކުރުމުގެ ތެރޭގައި ކ. މާފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި ކަރެކްޝަންސް އޮފިސަރުން ބޮޑެތި އަނިޔާތަކެއް ދިން ކަަމަށް ބުނެ މައްސަލަ ހުށަހެޅި ނަމަވެސް އެކަމުގައި ހެކި ނެތް ކަމަށް ބުނެ ފުލުހާއި ކަރެކްޝަންސްގެ އޮފިސަރުންގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ކުރިން އޮތީ ނިންމައިފަ އެވެ. އަދި ހިއުމަން ރައިޓްސްއިން ކޮމިޝަނުން 2019 ވަނަ ނިންމި ނިންމުމުގައި ވެސް ބުނީ އަޒްހަރަށް ފުލުހުންނާއި ކަރެކްޝަންސް އޮފިސަރުން ގަސްދުގައި އަނިޔާ ކުރިކަން އެނގެން ނެތް ކަަމަށެވެ.
ނަމަވެސް އަލަށް އެކުލަވައިލި ހިއުމަން ރައިޓްސް ކޮމިޝަނުން ފަހުން އެ މައްސަލަ ބަލައި އޭނާއަށް ލާއިންސާނީ އަނިޔާ ދީފައިވާ ކަމަށް ސާބިތުވާ ކަމަށް ބުނެ އެ މައްސަލަ އަލުން ބަލަން ވަނީ އެދިފަ އެވެ.
އަޒްހަރަށް ލިބުނު އަނިޔާތަކާ ގުޅޭގޮތުން ފުލުހުން ކުރިން ބުނީ އެ އަނިޔާތައް ލިބުނީ އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ގާތަަކެއްގެ މައްޗަށް ވެއްޓިގެން ކަމަށެވެ. ނަމަވެސް މެޑިކަލް އެކްސްޕާޓުންގެ ވާހަކަތަކާއި އަދި އަޒްހަރަަށް އަނިޔާ ކުރިތަން ފެނުނު ކަމަށް ބުނާ މީހުންގެ ވާހަކަތަކުން އެކަން ހިނގީ އެގޮތަށް ނޫން ކަމަށް މަޖިލީހުގެ ކޮމެޓީގެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.
އެހެންކަމުން އަޒްހަރަށް އަނިޔާކުރި މީހުންގެ މައްސަލަ އަލުން ބަލައި އަދި އޭނާއަށް މަދަނީ ގޮތުން ނަގައިދޭން ޖެހޭ ބަދަލު ނަގައިދިނުމަށް އެޗްއާރުސީއެމްއިން އިސްވެ އޮވެ މަސައްކަތް ކުރަން އެދެން ދަންނަވަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވަނީ ފާސް ކޮށްފަ އެވެ.