ހަބަރު

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް ފަށަނީ

May 8, 2020

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުންގެ ޝަރީއަތްތައް ލަސްވެ ކަންބޮވުން ފާޅުކުރަމުން ދާތީ އެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

މާލެ ލޮކްޑައުން ކުރުމާއެކު ކުރިމިނަލް ކޯޓުގެ ޝަރީއަތްތައް ވެސް ވަނީ މެދުކެނޑިފަ އެވެ. ނަމަވެސް ބަންދު މަޖިލިސްތައް ބޭއްވުމާއި ކޯޓު އަމުރުތައް ނެރުން ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ޝަރީއަތްތައް ވެސް މެދުކެނޑިފައި އޮތުމުން އެގޮތަށް ބަންދުގައި ތިބި މީހުން ކަންބޮޑުވުންފާޅުކޮށް 392 މީހުންގެ ސޮޔާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވިކަން އެނގިފައިވެ އެވެ.

މިއަދު ކުރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ތެރެއިން ކޯޓަށް ހާޒިރުނުކޮށް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވެން ހުރި ޝަރީއަތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔުމަށް އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.

މި ޝަރީއަތްތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ގަވައިދާ އެއްގޮތަށް ކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ. އެ ގަވައިދުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް އަޑުއެހުމެއް ކުރިއަށް ގެންދެވޭނީ ދައުވާ ލިބޭ މީހާގެ ރުހުން އެކަމުގައި އޮވެއްޖެނަމަ އެކަންޏެވެ. އެކަމަށް އޭނާ ނުރުހިއްޖެނަމަ، އަޑުއެހުން ހުއްޓާލަން ޖެހޭނެ އެވެ. އެއީ އެމީހެއްގެ ހާޒިރުގައި ޝަރީއަތް ހިންގުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާތީ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި މިހާރު ވެސް ޖަލުގައި ގިނަ ބަޔަކު އެބަ ތިއްބެވެ. އެފަދަ މީހުންގެ ޝަރީއަތްތައް ދިގުލައިގެން ގޮސް، ދިގު މުއްދަތަކަށް ޖަލުގައި ހޭދަ ކުރަން ޖެހިފައި އޮންނަ ޝަކުވާއަކީ ބޮޑު ކަންބޮޑުވުމެކެވެ.