ރިޕޯޓް

އެންމެ ބޮޑު އިމްތިހާނު ޓޫރިޒަމް މިނިސްޓަރަށް!

  • މަޝްރޫއުތައް ހަގީގަތަކަށް ހެދުން ޒަމީރަށް
  • ސީދާ ރައްޔިތުންނާ ގުޅޭ އެތައް މަޝްރޫއެއް އެބަހުރި
  • އަދީބު ހުރީ މަޝްރޫއުތައް ނިންމަން ތާރީހުތަކެއް ދީފައި

ޓޫރިޒަމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ފުޅާ ސިނާއަތަށް ވުމުން، ޓޫރިޒަމް މިނިސްޓަރު ވަނީ ސަރުކާރުގެ އެންމެ މުހިންމު ތަބަށެވެ. ޒަމާނުއްސުރެ ވެސް ޓޫރިޒަމް މިނިސްޓަރެއްގެ ނުފޫޒު ގަދަވާނެ އެވެ. އަދި ގިނަ ފަހަރަށް ވަޒީރުކަން ދޫކޮށްލާފައި ދާއިރު އެ މީހަކު ހުންނާނީ ރާއްޖޭގައި ނެތް ވަރުގެ މުއްސައްޖަކަށް ވެސް ވެފަ އެވެ. އެ ވާހަކަ ބާއްވަމާ ހިނގާށެވެ. އެއީ އަދި އެހެން މައުލޫއެކެވެ.

އެކި ސަބަބުތަކާ ހުރެ ޓޫރިޒަމް މިނިސްޓަރުގެ ގޮނޑިއަކީ ފަސޭހަ މަސައްކަތަކަށް ނުވެ އެވެ. ސިޔާސީ ހިލުންގަނޑެއްގެ ތެރެއިން މިއައި ޓޫއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކުރިމަތީގައި އަދި ހުރި ކަންތައްތައް މާބޮޑެވެ. އެހެން މިނިސްޓަރުން ނަށް ވުރެ އެމަނިކުފާނު ކުރައްވަން ޖެހޭ މަސައްކަތް ދެ ގުނަ ބޮޑެވެ. ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި، "ޓޫރިޒަމުން، ރައްޔިތުންނަށް އިތުރު މަންފާ" ނެރުއްވައި ދެއްވުމަށް ވެ ވަޑައިގަތް ވައުދުތައް ފުއްދުމުގެ މުހިންމު މަސައްކަތް ގޮސް މި ހުއްޓެނީ ޒަމީރުއާ ހިސާބުގަ އެވެ. އޭގެ ތެރެއިން ގިނަ ވައުދުތައް ފުއްދެއްވުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދީބު ކުލަގަދަ ހަފްލާތަކުގައި ތެޅިހާ އަގައަކާއި ދެއްކިހާ ފޮނި ވާހަކަތަކެއް ހަގީގަތަކަށް ހަދަން ޖެހިފައި މި އޮތީ އެމަނިކުފާނަށެވެ.

ޒަމީރަކީ ކާމިޔާބު ޓޫރިޒަމް މިނިސްޓަރަކަށް ވުމަށް މި އޮތް ހަތަރު ކަންތައް އެމަނިކުފާނު އެބަ ކޮންމެހެން ވެސް ހާސިލް ކުރައްވަން ޖެހެ އެވެ. އެމަނިކުފާނު އަދީބުހާ އަގަ ގަދަ މީހަކަށް ނުވެ ކިތަންމެ ވަރަކަށް މަޑުމައިތިރިކޮށް ހުންނަ މަސައްކަތް ކުރެއްވިއަސް އެމަނިކުފާނަށް އެކަން އަދި ވެދާނެ ކަމަކަށް ނުފެނެ އެވެ.

ރިސޯޓް ހިއްސާ މުވައްޒަފުންނަށް

މިއީ ރައީސް އަބްދުﷲ ޔާމީންގެ މުހިމުންދު ރިޔާސީ ވައުދެކެވެ. ޓޫރިޒަމްގެ މުއްސަދިކަން އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ބެހޭނެ ގޮތެއް ހައްދަވައި ދެއްވުމަށް ރައީސްގެ ވައުދަކީ ބައެއް ރިސޯޓް ގްރޫޕްތަކުގެ ހިއްސާ އެ ރިސޯޓެއްގެ ދިވެހި މުވައްޒަފުންނަށް ގަނެވޭ އިންތިޒާމެއް ހަމަޖެއްސެވުމެވެ. އެންމެ ފަހުން މިކަމާ ގުޅޭ ގޮތުން މިއަހަރުގެ މޭ މަހުގެ ތެރޭގައި އޭރު ޓޫރިޒަމް މިނިސްޓަރު އަދީބު ވިދާޅުވެފައި ވަނީ މިއަހަރު ނިމުމުގެ ކުރިން އެކަމާ ގުޅޭ އުސޫލެއް މިނިސްޓްރީ އާންމުކޮށް އަމަލު ކުރަން ފެށޭވަރު ވާނެ ކަމަށެވެ. އޭގެ ފަހުން އެކަމުގެ ހަބަރެއް ނުވެ ހުއްޓާ އަދީބުގެ ދުވަސްވެސް ދިޔައީ އެވެ.

ރައީސް ޔާމީންގެ އެވައުދު ފުއްދަވައި ދެއްވުމަށް އޭރު ސަރުކާރުގެ ސިޔާސަތު އޮތް ގޮތަކީ މިއަހަރު ނިމުމުގެ ކުރިން އެކަން ހާސިލް ކުރުމުގެ އަމަލީ މަސައްކަތްތަކެއް ފެށުން ކަމަށް ވެސް ލަފާކުރެވެ އެވެ. އެކަމަކު އަދި އޭގެ ހަބަރެއް ނުވެ އެވެ. މިނިސްޓަރު ވެސް ހުންނެވީ މިކަންކަމަށް ފަރިތަވުމުގެ މަސައްކަތުގައި ކަމަށް ބެލެވެ އެވެ. އެކަމަކު ދެން މި އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަމެއް ވާނެހެނެއް ހިޔެއް ނުވެ އެވެ. އެއީ ރިސޯޓް އޯނަރުން ވެސް ރުއްސަން ޖެހޭ ބުރަ މަސައްކަތެކެވެ. އެ ކަން ހާސިލް ކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު މިހާރު މި އޮތީ ޒަމީރުގެ އަތްޕުޅުގަ އެވެ.

50 އާ ރިސޯޓް ތަރައްގީ ކުރުން

ރައީސް އަބްދުﷲ ޔާމީން ޓޫރިޒަމަށް ވެވަޑައިގަތް މައިގަނޑު އެއް ވައުދަކީ ފަސް އަހަރުގެ ދައުރުގައި މުޅިން އާ 50 ރިސޯޓް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރާލުމެވެ. އެއީ އަހަރަކު 11 ރިސޯޓްގެ މަގުންނެވެ. ސަރުކާރުން ބުނަނީ މިހާރު ވެސް 30 އާ ރިސޯޓެއްގެ މަސައްކަތް އެބަ ހިނގާ ކަމަށެވެ. އަދި މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަދި ހުޅުވުނީ ފަސް ވަރަކަށް އާ ރިސޯޓެވެ. އެ މަޝްރޫއު ތަފްސީލް ކޮށްދެއްވަމުން ކުރީގެ މިނިސްޓަރު އަދީބު ވިދާޅުވެފައި ވަނީ މި ފަސް އަހަރު ތެރޭގައި އައްޑޫގައި އެކަނި ވެސް 5،000 އެނދު ތަރައްގީ ކުރާނެ ކަމަށެވެ. އެކަމަކު އައްޑޫގައި އަދި ޓޫރިޒަމްގެ މަޝްރޫއެއް ފެށިފައެއް ނެތެވެެ.

އެކަމަކު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ މި ފަހުން އައްޑޫއަށް ދަތުރު ކުރައްވައި އިސްމެހެލާހެރަ ތަރައްގީކޮށް އައްޑޫގައި ހުރި ޓޫރިސްޓް އެނދުގެ އަދަދު 4،000 އަށް ޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ. އަންނަ އަހަރު މަސައްކަތް ފެށުމަށް ޒަމީރު ވައުދުވެ ވަޑައިގަތެވެ. އެހެން ނަމަވެސް އަލަށް ރިސޯޓްތައް ތަރައްގީ ކުރުމާ މެދު ޒަމީރު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް ބައެއް ފަޅުތައް ޓޫރިޒަމްގެ ތެރެއިން ރިއަލް އެސްޓޭޓް މަޝްރޫއުތަކަށް ދޫކޮށްލުމަށް ވިސްނުން ހުރިކަން ހާމަ ކުރެއްވި އެވެ. އޭގެ ތެރެއިން ވެސް 50 ރިސޯޓްގެ ވައުދުގެ ބައެއް ފުއްދައި ދެވޭނެ ކަމަށް ބެލެވެ އެވެ.

ފަންސާސް ރިސޯޓްގެ ވައުދު ހާސިލް ކުރުމަށް މި އޮތް ތިން އަހަރު ބާޒާރަށް ނެރެ ދޫކޮށްލާ ރިސޯޓްތަކުގެ އަދަދު އިތުރު ކުރުން ނޫން ގޮތެއް ނެތެވެ. އެ ވައުދު ވެސް ފުއްދަވަން މަސައްކަތް ކުރައްވަން ޖެހެނީ ޒަމީރަށެވެ.

ގެސްޓް ހައުސް އައިލެންޑް

މިއީ ވެސް ކާމިޔާބު ޓޫރިޒަމް މިނިސްޓަރަކަށް ވުމަށް ކޮންމެހެން ވެސް ޒަމީރު ކާމިޔާބު ކުރައްވަން ޖެހޭ ކަމެކެވެ. މެނިފެސްޓޯގެ ވައުދުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސް އައިލެންޑް ކުލަ ގަދަ ރަސްމިއްޔާތެއްގައި އޮތީ މީގެ ކުރިން އިއުލާން ވެސް ކޮށްފަ އެވެ. ބުނެފައި ވަނީ 2017 ގައި ހުޅުވާނެ ކަމަށެވެ. ލ. އަތޮޅު ބަރެސްދޫ އަށް އެ މަޝްރޫއު ބަދަލުކޮށްފައިވާ އިރު، 20 ބިމެއް ގެސްޓް ހައުސް ތަރައްގީ ކުރަން އެ ރަށުން ވިއްކި ކަމަށް އެމްއެމްޕީއާރުސީ އިން ބުނެފައިވެ އެވެ. އަދި އެ ރަށުގެ ތެރެއިން އިތުރު 2،100 އެނދު ތަރައްގީވެ، ކުދި އަދި މެދު ފަންތީގެ ރިސޯޓްތަކެއް އުފެދޭނެ ކަމަށް އޭރު އެމްއެމްޕީއާރުސީ އިން ބުނެފައިވެ އެވެ.

އެ ރަށުގެ މަޝްރޫއު ވެސް އަދި މާބާރަށް ކުރިއަށް ދާ ހެނެއް ފެންނަ މަންޒަރުން ހިއެއް ނުވެ އެވެ. އެކަމަކު ރައްޔިތުން ހިތުން ފިލައިގެން ނުދާ ވަރުގެ ކުލަ ގަދަ ހަފްލާއެއް އޮތީ އެކަމަށް ބާއްވައިފަ އެވެ. އެހެން ވީމާ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް އޮތުން ވާނީ ސަރުކާރުން ފަހަތަށް އަޅާ ފިޔަވަޅަކަށެވެ. މި ހުރިހާ ސަބަބުތަކެއް އެއްކޮށްލީމާ މި މަޝްރޫއު ކާމިޔާބު ކުރުން މި އައިސް ވަންނަނީ ޒަމީރު ކޮންމެހެން ވެސް ހާސިލް ކުރައްވަން ޖެހޭ ކަމަކަށެވެ.

އިންވެސްޓަރުންގެ އިތުބާރު ހޯއްދެވުން

އިންވެސްޓަރުންނާ ގުޅިގެން ވަރަށް ގިނަ ނާޖާއިޒު ކަންކަމެއް ކުރީގެ ނައިބު ރައީސް އާއި އެމްއެމްޕީއާރުސީ ތެރެއިން މިއޮތީ ހިނގައި ގޮސްފަ އެވެ. އެތައް އިންވެސްޓަރުންގެ އަތުން ރަށްތައް ވިއްކައިން ނެގި ފައިސާ ވީތަނެއް ވެސް ނޭނގެ އެވެ. ބައެއް އެގްރިމަންޓްތައް ވެސް ފެންނާކަށް މިހާރަކު ނެތެވެ. މި ހުރިހާ ކަމަކާ ހުރެ ޓޫރިޒަމަށް އިންވެސްޓް ކުރަން އުޅޭ މީހުން ސަރުކާރާ މުއާމަލާތް ކުރުމަށް މި އޮންނަ އިތުބާރަށް ބަދަލުތަކެއް އަންނާނެ އެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޓޫރިޒަމްގެ ނަކާ ކިޔާ ވިޔަފާރިވެރިޔަކާ ބައްދަލުވި އެވެ. ފުރަތަމަ ވެސް ދެއްކެވި ވާހަކަ އަކީ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ބޮޑު ހިޔާނާތާއި އޭގެ ސަބަބުން އިތުބާރު ކުރެވެން ނެތް ވާހަކަ އެވެ. އޭސީސީގެ ތަހުގީގަކަށް އޭނާ ވެސް މައުލޫމާތު ދެއްވަން ޖެހިވަޑައިގަތް ވާހަކަ އެވެ. ހަގީގަތުގައި ވެސް އޭރުގެ ޓޫރިޒަމް މިނިސްޓަރާ ބޭއްވި ގާތްގުޅުންތަކުގެ ކޮޅުކެހި ލިބި، މި ކަންތައްގަނޑުގެ ތެރޭގައި އިންވެސްޓަރުން ފިތި މާޔޫސްވެފައި ތިބީ މަދެއްކޮށެއް ނޫނެވެ.

ޒަމީރަށް މި އޮތީ މިތިބަ އިންވެސްޓަރުންގެ ހިތްހަލާލުކަން ހޯއްދެވުމެވެ. އެބޭފުޅުންގެ މިތުރަކަށް ވެވަޑައިގަތުމުގެ ބުރަ މަސައްކަތް ކުރެއްވުމެވެ. ގެއްލުނު އިތުބާރެއް އަލުން އާ ކުރެއްވުމުގެ މަސައްކަތެވެ. އިތުރު ރިސޯޓްތައް ތަރައްގީ ކުރުމާއި ގެސްޓް ހައުސް އައިލެންޑްގެ ވައުދު ވެސް ބާރަށް ގޮސް މިކަން ކުރައްވައިގެން ކަމަށް ފެނެ އެވެ. އެ އިތުބާރު ނުހޯދެވިއްޖެ ނަމަ، ޒަމީރު ދެން އެ ހިސާބުން ފެއިލްވީ ކަމަށް ނިންމަން ޖެހެ އެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގެ މާލިމީއެއްގެ ގޮތުން ޒަމީރު ކޮންމެހެން ވެސް ހާސިލް ކުރައްވަން ޖެހޭ ހަތަރު ކަމެކެވެ. ކުރިން އެމަގާމު ފުރުއްވި އަދީބުގެ ނުފޫޒާއި ބާރާއި ވަރުގަދަ ކަމާ ހުރެ ހޯއްދެވި މަޝްހޫރު ކަމުން ޓޫރިޒަމަށް އާންމުންގެ ނަޒަރު ހުއްޓިފައިވާލެއް ބޮޑެވެ. މި ދައުރު ކާމިޔާބު ކަމާ އެކު ނިންމާލެއްވުމަށް ރައީސް ޔާމީން ޓޫރިޒަމަށް ވެވަޑައިގަތް ވައުދުތައް ކޮންމެހެން ވެސް ފުރިހަމަ ކުރަން ޖެހެ އެވެ. އެކަން ކުރެއްވޭނީ ޒަމީރަށް ނޫން ދެން އެހެން ބޭފުޅަކަށް ނޫނެވެ. މި އޮތް ހަތަރު ކަންތައް ފުރިހަމަ ނުކުރެވިއްޖެ ނަމަ ކާމިޔާބު މިނިސްޓަރުންގެ ލިސްޓަކުން ޒަމީރަކަށް ޖާގަ ލިބޭނެއެކޭ ހިތެއް ނުބުނެ އެވެ.