މިއީ ވަރަށް ކުޑަ މިސާލެކެވެ. އާއްމުންގެ ވަރަށް ގިނަ ބަޔަކު ގިނަ އަދަދަކަށް ބޭނުންވާ މި ދެ ބާވަތަށް އެކަނި ބަލައިލި ނަމަވެސް ތަކެތީގެ އަގުތައް މަތިވަމުންދާ މިންވަރުގެ ކުޑަ އަންދާޒާއެއް ނުވަތަ ހިސާބެއް ހަދައި ލެވޭނެ އެވެ. އަދި މި ލިސްޓު ދިގު ކޮށްލައިފިނަމަ އެފަދަ ގިނަ ހީކުރުންތައް ޔަގީން ކަމަށް ބަދަލު ކޮށްލެވޭނެ އެވެ.
- ފިނިކުރި ކުޅުކުޅެއް: ކުރިން 37ރ، މިހާރު 50ރ. އަށް
- އޮއިސްޓަ ސޯސް ފުޅިއެއް: ކުރިން 50ރ، މިހާރު 70ރ. އަށް
ނަމަވެސް، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން އާއްމުކުރި ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ ބާޒާރުގައި މުދަލާއި ތަކެތީގެ އަގުތައް ހުންނާނެ ކަމަށް ލަފާ ކުރެވެނީ 1.1 ޕަސެންޓުގަ އެވެ. ބަޖެޓު ފޮތުން ބުނާ ގޮތުންނަމަ ތަކެތީ އަގުތައް މަތިވާނެ ކަމަށް ބެލެވޭ އެންމެ ބޮޑު އެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމެވެ. ނަމަވެސް، ބާޒާރުގައި މުދަލުގެ އަގު މަތިވިޔަ ނުދޭން ފިޔަވަޅު އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް ދިވެހިންގެ އަތްފޯރާ ހިސާބުގެ މާމަތިން އަގުތައް އިންތިހާއަށް ދަނީ މަތިވަމުންނެވެ.
"ދުނިޔޭގެ ބާޒާރުގައި ފްރައިޓް [ބޯޓު ފަހަރުން މުދާ އުފުލާ އަގުތައް] އަންނަ އަހަރު ވެސް ދަަށް ވާނެ ކަމަށް ނުދައްކާ. އެހެންވެ ބެލެވެނީ އަންނަ އަހަރު އަގުތައް އިތުރަށް މަތިވެގެންދާނެ ކަމަށް. ޔަގީނުން ވެސް މީގެ އަސަރު އަހަރެމެންނާ ހަމަ އަށް ބޮޑަށް ފޯރާނެ،" ރާއްޖެ އަށް މުދާ އުފުލުމުގެ ހިދުމަތްދޭ، ސެންޗޫރިއަން ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ އަހުމަދު މައުމޫން (ކެޕްޓަން މާނު) ވިދާޅުވި އެވެ.
ސަރުކާރުގެ އަންދާޒާއަކީ އަންނަ އަހަރު އިންފްލޭޝަން އެއް ޕަސެންޓުގައި މައިތިރި ކުރުމެވެ. ނަމަވެސް ދުނިޔެ އިން މިހާރު ފެންނަ މަންޒަރު ތަކަށް ބަލާނަމަ ސަރުކާރުގެ އިންފްލޭޝަން ބާސްކެޓުން އެއް ޕަސެންޓު ދެއްކި ނަމަވެސް ހަގީގީ އަގުތައް އިންތިހާ އަށް މަތިވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ. ކޮންސިއުމާ ޕްރައިސް އިންޑެސް (ސީޕީއައި) އިން ހިދުމަތާއި މުދަލުގެ އަގު މަތިވުން މައިތިނަމަވެސް އަގުތައް އަންނަ އަހަރު ބޮޑުތަނުން މަތިވުމުގެ ފުރުސަތު އެބައޮތެވެ. އަންނަ އަހަރު ޗައިނާ ހުޅުވައި ތެލުގެ އަގު މަތިވެ ޑިމާންޑް އުފުލުމާއެކު މުޅި ސިސްޓަމް ކޮށިއެރުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ގަބޫލު ކުރައްވަ އެވެ.
ސަރުކާރުން ބުނާ ވަރަށްވުރެ އަގު ބޮޑު
އިގްތިސޯދީ މާހިރަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންފްލޭޝަން ކަލްކިއުލޭޓް ކުރާ ގޮތުން އަގު ބޮޑުވާ މިންވަރު ނުދެއްކި ނަމަވެސް ފިހާރައަށް ގޮސް މުދާ ގަންނަން ފެށީމަ އަގު ބޮޑުވެފައި ހުންނަ މިންވަރު އެނގެ އެވެ.
"ސަރުކާރުގެ ޕަބްލިޝް އިންފްލޭޝަނުން އެއް ޕަސެންޓް ދެއްކިދާނެ. އެކަމަކު އަޅުގަނޑުގެ އަންދާޒާއަކީ އަންނަ އަހަރު މުދަލުގެ އަގު ތިން ޕަސެންޓް ވަރުގެ އިތުރު ވުމެއް ފާހަގަވުން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
އަގު ތަކަށް އަންނަ ބަދަލު އެންމެ ރަނގަޅަށް އެނގޭނެ އެއް ބަޔަކީ ވިޔަފާރިވެރިންނެވެ. ރާއްޖެއަކީ އިންފްލޭޝަން "އިންޕޯޓް" ވާ ގައުމަކަށްވުމާއެކު ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލު ހަލުއި ކަމާއެކު ރާއްޖޭގެ ހަފޮޅުން އެތެރެވެ އެވެ. ރާއްޖޭގެ އެންމެ ބޮޑެތި އިމްޕޯޓަރުންގެ ނަޒަރުގައި އިމްޕޯޓްވާ އަގު ބޮޑުވުން މަޑު ކުރަން ސަރުކާރުން ފިޔަވަޅު ނާޅައިފިނަމަ އަންނަ އަހަރު އަގުތައް ބޮޑުތަނުން މަތިވެގެން ދިއުން ގާތެވެ.
އެންމެ އަގުހެޔޮކޮށް މުދާ ވިއްކާ ކަމަށް ގިނަ ބަޔަކު އިންތިފާގުވާ އެއް ކުންފުނި ކަމަށްވާ ރެޑްވޭވްގެ މެނޭޖަރު އަލީ ޝަހީމް ވިދާޅުވި ގޮތުގައި ރީފާ [ފިނިކުރި] އައިސް ކްރީމް ކޮންޓެއިނަރެއް ކުރިން 3000 ޑޮލަރަށް ލިބުނު ނަމަވެސް މިހާރު ލިބެނީ 5،000 ޑޮލަރަށެވެ. ޔޫރަޕާއި ޗައިިނާ ހިސާބުން މުދާ ގެންނަ ނަމަ ކޮންޓެއިނާގެ އަގު 8،000 ޑޮލަރަށް މިހާރު މަތިވެފައިވެ އެވެ.
"ފްރައިޓްގެ އަގު މި ވަރަށް މަތީގައި ހުރިއިރު ޑޮލަރު 18ރ. އަަށް ގަނެގެން ދެން މުދާ ވިއްކާނެ ގޮތެއް އަޅެއް ވިދާޅުވެ ދެއްވާ؟ ގިނަ މީހުން ހީކުރަނީ މުދާ ވިއްކަނީ 100 ޕަސެންޓް ފައިދާ ލާފަ ކަމަށް. އެކަމަކު މިއީ ބޮޑު ގޯހެއް. ވަރަށް ބޮޑު ކުށްހީއެއް. އެވްރެޖުކޮށް މި އިންނަ މާޖިންއަކީ 15 ޕަސެންޓް ވަރު،" 12 ފިހާރަ ހިންގާ ކުންފުނީގެ ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ އަލީ ވިދާޅުވި އެވެ.
ބޮޑުކޮށް ޑޮލަރު ލިބިގެން ހެވެއް ނެތް
ވިޔަފާރިވެރިން ބުނާ ގޮތުގައި ރާއްޖޭގެ ބޮޑެތި އިމްޕޯޓަރުން ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެހިއްޖެނަމަ ބޭރުން އަންނަ ބޮޑުވުން ރާއްޖެ އަށް ކުޑަ ކުރެވޭނެ އެވެ. އެހެން ނޫންނަމަ އޮތް ގޮތަކީ އެސްޓީއޯ އިން މުހިންމު ބާވަތްތައް އެތެރެކޮށް މުދާ އަގުހެޔޮ ކުރުމެވެ. މިކަން ކުރެވޭނީ ސަރުކާރަށެވެ.
"އަގުތައް ދާނީ މަތިވަމުން. އެއް ސަބަބަކީ ޑޮލަރު، ޑޮލަރު ނުލިބުން. ޓޫރިޒަމް ރަނގަޅު ނަމަވެސް ބޭނުންވާ ވަރަށް ޑޮލަރު އިމްޕޯޓަރުންނާ ހަމަ އަށް 15.42 ގައި ލިބޭނަމަ އަގު ހެޔޮ ވާނެ،" އެހެން ވިޔަފާރިވެރިއަކު ބުންޏެވެ.
މީގެ އިތުރުން އަންނަ އަހަރު ތައާރަފު ކުރާ "މިނިމަން ވޭޖް" އަކީ ވެސް އިންފްލޭޝަނަށް އަަސަރު ކުރާނެ ކަމެއް ކަމަށް އިގްތިސޯދީ މާހިރުން ގަބޫލު ކުރައްވަ އެވެ. ނަމަވެސް އެ ވާހަކައާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަނޑައެޅިގެން ދެކޮޅެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ތަކެތީގެ އަގު ބޮޑުވުމުގެ ހާސް ކަމެއް ނެތެވެ. މީގެ ބަދަލުގައި ރާއްޖެ އޮތީ ވަގުތީ އިންފްލޭޝަން ރިސްކެކެވެ.
"އައިއެމްއެފް ފަދަ ދުނިޔޭގެ މާލީ އިދާރާ ތަކުން ވެސް ފާހަގަ ފާހަގަ ކުރައްވަނީ އަންނަ އަހަރު އިންފްލޭޝަން ދަށްވާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.
ހައްލު: ދިވެހިންނަށް ފުރުސަތު ދިނުން
ރާއްޖޭގެ ބާޒާރުގައި އަގުތައް މަތިވަމުން ދާއިރު މި މައްސަލައިގެ ފޮރުވައިވާ ބޮޑު ސިއްރަކީ ޑޮލަރު ލިބުމުގައި ހުރި ދަތިކަމެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި މައްސަލަ ރަނގަޅުވުމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ. ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން އަންނަ އަހަރު ސިޔާސަތެއް ތަންފީޒު ކުރަން ތައްޔާރު ވަމުން ދިޔަ ނަމަވެސް އަދި މިކަމުގައި ވިޔަފާރިވެރިންގެ ހިޔާލު ހޯދާފައެއް ނުވެ އެވެ.
ޑޮލަރުގެ މައްސަލަ ގޯސްކޮށް އޮތްއިރު ރާއްޖޭގައި މި މައްސަލަ ހައްލު ކުރަން އެޅޭނެ އެއް ފިޔަވަޅު ނޭޅި ހުސްތަން ދަނީ ފެންނަމުންނެވެ. އެއް ކަމަކީ ރާއްޖެއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ގެނައުމެވެ.
އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި އިންފްލޭޝަން ހިފަހައްޓަން ބޭނުންނަމަ ފޮރިން އިންވެސްޓްމަންޓް އިތުރުކޮށް ޕްރައިވެޓް ސެކްޓާ ބައިވެރި ކުރަން ޖެހެ އެވެ.
"ޕްރައިވެޓް ސެކްޓާ އަށް މި ފޮރިން އިންވެސްޓްމަންޓް ލިބެންވީ. ދިވެހިންނަށް މި ލިބޭ ގޮތް ހަދަންވީ. ގައުމެއްގެ އެގްޒިމް ބޭންކުގެ ލޯނުން ކުރީމަ ވާގޮތަކީ އޭގެ ބޮޑުބައި މި ދާނީ ބޭރަށް. އެކަމަކު ދިވެހިންގެ އަތަށް ފޮރިން އިންވެސްޓްމަންޓް ގެނެސް ލައިދީގެން މީގެ ހަގީގީ ހައްލު ލިބޭނީ،" ސަރުކާރަށް އިގްތިސޯދީ ހިޔާލު ވެސް ދެއްވާ އެ ބޭފުޅާ ވިދާޅުވި އެވެ. "އެކަމަކު އެކަމެއް ނުފެނޭ. މުޅިން ފެންނަނީ އިންޑިއަން އެގްޒިމް އިން ކަމެއް އެއްޗެއް ލިބޭތޯ އުޅޭތަން. އެ ނޫން ކަމެއް ނުކުރެވޭ."
އިންފްލޭޝަން މައިތިރި ކުރަން ފޮރިން އިންވެސްޓްމަންޓުގެ ވާހަކަ ދެއްކުމުގެ އިތުރުން ޑޮލަރު ބޭރުވާ "ލޯވަޅުތައް" ބެއްދުން ވެސް މިއީ ކުރަން ޖެހޭ ކަމެކެވެ. މިސާލަކަށް އެސްއެމްއީ ސެކްޓާގައި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުވައި ބިދޭސީ "ވެރިން" އެ ވިޔަފާތަކާ ފޭ އަށް ޖައްސާނެ ސިޔާސަތެއް އަވަހަށް ތަންފީޒުވާން ޖެހެ އެވެ. ބަރަވެލި ސްޕީޑަށްވުރެ މިކަން ހަލުވި ކުރަން ޖެހެ އެވެ.
"ދިވެހިންގެ ކުދި ވިޔަފާރި ތަކެއް އުފައްދަން ޖެހޭ އެއަށް އެހީވެގެން ދިގު މުއްދަތުގެ ޕްލޭން އަކުން ބޮޑުވުމުން ޑޮލަރުގެ މައްސަލަ އަށް އޮތް އެއް ހައްލަކީ. އެހެންނޫނީ މި ވާގޮތަކީ ރާއްޖޭގަ ވިޔަފާރިކޮށްގެން ބިދޭސީން ޑޮލަރު ބޭރު ކުރަނީ،" ކުރިން ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއްވެސް ފުރުއްވި އިގްތިސޯދީ މާހިރު ވިދާޅުވި އެވެ.
"ފުރުސަތު އޮތީއްޔާ އެންމެން ވެސް ކުރާނެ. އެކަމަކު ގައުމެއްގެ ވިސްނުމުން ބަލާނަމަ މިތާ މި އޮންނަނީ ދުނިޔޭގައި އޮންނަ ސިޔާސު ތަކެއް ނޫން. އިންފްލޭޝަން ވެސް ދާއިމީކޮށް ބެހެއްޓޭނެ އެއް ގޮތަކީ މިއީ."
ބާޒާރުގައި އަގުތައް އިންތިހާ އަށް މަތިވަމުންދާއިރު އަންނަ އަހަރު ވެސް މި މަތިވުން ދާނީ ކުރިއަށެވެ. އަދި އަގު މަތިވާނީ އެއް ޕަސެންޓަކަށް ނޫންނެވެ. އެއް ޕަސެންޓު ސަރުކާރުގެ ހިސާބުން ދެއްކި ނަމަވެސް އަގުތައް ހުންނާނީ މަތީގަ އެވެ.