ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

ހަރަދު ކުޑަ ކުރުން ނޫން ގޮތެއް ދިވެހިންނަކަށް ނެތް!

ޗައިނާ އިން ފެތުރެން ފެށި ރޯގާ، ކޮވިޑް-19 އާއެކު މުޅި ދުނިޔޭގެ "އެލާޓް ލެވެލް" ވަނީ މަތިކޮށްފަ އެވެ. މި ރޯގާގެ ސަބަބުން ކުރިން ދުނިޔޭގެ އިގްތިސޯދުގެ ކުރި އެރުން ހުންނާނެ ކަމަށް އަންދާޒާ ކުރި އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށް ވެގެން ގޮސްފަ އެވެ. ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ދަތުރު ފަތުރަށް ބުރޫ އެރުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ސެކްޓާއަށް ވަރަށް ބޮޑަށް ވަނީ އަަސަރުކޮށްފަ އެވެ. ދުނިޔޭގެ އެންމެ ގިނަ މުހިންމު ފެކްޓްރީ ހުރި ޗައިނާގެ ގިނަ ސިޓީތައް ކަރަންޓީނު ކުރުމުގެ ނަތީޖާއެއްގެ ގޮތުން މަސައްކަތްތައް ހުއްޓިފައި ވެއެވެ. މުހިންމު ފެކްޓްރީތައް ބަންދު ކުރަން ޖެހުމުން ދުނިޔޭގެ އުފެއްދުންތެރި ކަމަށް އަސަރުކޮށްފައި ވެއެވެ. ނަތީޖާއަކީ ކުރިން ވެސް ހީކުރެވުނު ގޮތަށް މީގެ ހުރިހާ ދަތި ކަމެއް ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވުމާއެކު ނާޒުކު އެންމެ ސިނާއަތެއްގެ މަތީ ދެމިތިބި ގައުމުތަކާ ދިމާލަށް މިސްރާބު ޖެހުމެވެ.

ރާއްޖެ އަށް އަހަރަކު ދެ ލައްކައެއްހާ ޓޫރިސްޓުން އަންނަ ޗައިނާ މާކެޓު ގާތްގަނޑަކަށް މިހާރު އޮތީ ހުއްޓިފަ އެވެ. ޗައިނާ އިން ރާއްޖެއަށް އެންމެ ގިނަ އިން ޓޫރިސްޓުން ގެންނަ ޗައިނާ ސަދަން އެއާލައިނާއި ޗައިނާ އީސްޓަން އެއާލައިން އިތުރުން ސިންގަޕޯ އެއާލައިންސް އަދި މޯލްޑިވިއަން ފަދަ އެއާލައިން ތަކުން ޗައިނާ އިން މީހުން ގެނައުން ވަނީ ހުއްޓާލާފަ އެވެ.

މި ހުރިހާ ކަމަކާއެކު މިހާރު ބެލެވޭ ގޮތުގައި ދިވެހިންނަށް ކުރިއަށް އޮތީ އެހާ ފަސޭހަ ދުވަސް ތަކެއް ނޫނެވެ. ދަތީގެ މި އަސަރު ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭ ފެންނަން ފަށާނެ ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. މިކަމުން ރައްކާތެރިވެ ތިބުމަށްޓަކައި މިހާރު ކުރެވެން އޮތް ހަމައެކަނި ކަމަކީ ހަރަދު ކުޑަ ކުރުމެވެ. އަތުގައި އޮތް ފައިސާ ފޮތިން ބޭކާރު ހަރަދު ނުކޮށް ފަހަށް ރައްކާ ކުުރުމެވެ. ދުވަސް ކޮޅަކަށް ނަމަވެސް މިހާރު ކުރާ ބޭކާރު ހަރަދު މަދު ކުރުން ނޫން ދެވަނަ ގޮތެއް ދިވެހިންނަކަށް ނެތެވެ.

ހަރަދު ކުޑަ ކުރުން ނޫން ގޮތެއް ނެތީ ކީއްވެ؟

މިވަގުތަށް ހަރަދު ކުޑަ ނުކޮށް، ފަރު ޖެއްސެއް ނެތް ސަބަބަކީ ދިވެހިންގެ ދިރިއުޅުން ނާޒުކު އެންމެ ސިނާއަތެއްގެ މައްޗަށް ބަރޯސާ ކޮށްފައި އޮތުމެވެ. ސިޔާސީ ސަބަބުތަކާހުރެ އެސްއީޒެޑް ފަދަ އެހެން ސިނާއަތެއް އުފެދެން ފުރުސަތު ނުލިބިފައި އޮތުމެވެ.

ރާއްޖޭގެ އިގްތިސޯދުގެ މުޅި އިންޖީނަށް ތެޔޮ އަޅައިދޭ ހަމައެކަނި ސިނާއަތަކީ ޓޫރިޒަމް އެވެ. އެހެންވެ އެ ދާއިރާއަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު މުޅި ގައުމަށް ކުރާނެ އެވެ. ކޮވިޑް-19 މިހާރު ފެތުރެމުންދާ ގޮތަށް ބަލާއިރު ދުނިޔޭގެ 46 ގައުމެއްގެ ހަފޮޅުން އެ ބަލި މިހާރުވެސް އެތެރެ ވެއްޖެ އެވެ. ޗައިނާގެ އިތުރުން ދެން އެންމެ ގިނައިން އެ ބަލީގެ މީހުން ފެންނަ އެއް ގައުމަކީ ކޮރެއާ އެވެ. އެހެންވެ އެ ގައުމުން އަންނަ ކޮރެއަން އެއާ ހުއްޓާލަން ނިންމާފައިވާއިރު، ދިވެހި ސަރުކާރުން ވަނީ ކޮރެއާގެ ބައެއް ސިޓީ ތަކުން މީހުން އައުން ހުއްޓުވާފަ އެވެ. އަނެއްކޮޅުން ޔޫރަޕަށް ވެސް މި ބަލާ އާފާތް މަޑުކަން ދަނީ ފެތުރެމުންނެވެ.

ޔޫރަޕުގެ ގިނަ ފެކްޓްރީތަކެއް ހުންނަ އިޓަލީއަށް ކޮވިޑް-19 ފެތުރެން ފެށުމަކީ މިއީ ދިވެހިންނަށް އޮތް އިތުރު ނުތަނަވަސް ކަމެވެ. އޭގެ ސަބަބުން އިޓަލީގެ މަސައްކަތްތައް މަޑު ޖެހިއްޖެނަމަ މުޅި ޔޫރަޕަށް އޭގެ އަސަރު ކުރާނެ އެވެ. މިއީ ރާއްޖޭގެ އިގްތިސޯދަށް ކުރިމަތި ވާނެ އިތުރު ބޮޑު މައްސަލަ އަކަށް ވާނެ އެވެ.

ސަރުކާރުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ 2019 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް އެކަނި ބެލި ނަމަވެސް ޔޫރަޕުން ގިނަ އަދަދެއްގެ ބަޔަކު ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރު ޔޫރަޕުން ރާއްޖެއަށް 93,617 މީހުން އައިސްފައިވެ އެވެ. އަދި 2018 ވަނަ އަހަރު 79,710 މީހުން އައިކަމަށް ދައްކަ އެވެ.

ނަމަވެސް މިހާރު އިޓަލީގައި ކޮރޯނާ ފެތުރެމުންދާ ރޭޓުން އިޓަލީން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދު ކުރަން ޖެހިއްޖެނަމަ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އައި 17,795 އިޓަލީ މީހުންގެ އަދަދުން ބޮޑު ބައެއް އުނި ވެގެން ދާނެ އެވެ.

މި ބަދަލު މިގޮތަށް އައިސްފިނަމަ ރިސޯޓުތަކުގެ އޮކިއުޕެންސީއަށް ބޮޑު އަސަރެއް ކުރާނެ އެވެ. ސަބަބަކީ ރާއްޖޭގެ ޓޫރިޒަމްގެ ބެޑްނައިޓްސް ކޮންޓްރޯލް ކުރުމުގައި ޔޫރަޕިއަންސް މުހިންމު ދައުރެއް އަދާ ކުރަމުން ދިއުމެވެ. އޭގެ ނަތީޖާ އަކަށް ވާނީ މިހާރު ރިސޯޓު މުވައްޒަފުންނަށް ދޭ ސާވިސް ޗާޖަށް ބޮޑު އަސަރެއް ކުރުމެވެ. އަދި އާހިރު ނަތީޖާއަކީ ރިސޯޓުތަކުގައި އާމްދަނީ މަދުވެ، މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މަދު ކުރުމެވެ. އެއަށް ފަހު އެކަމުގެ ޝަކުވާ އަންނަ ފެށުމެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި މިހާރު ދުނިޔޭގެ ޓޫރިޒަމް ސިނާއަތަށް ލިބެމުންދާ ގެއްލުން 9/11 ޓެރެރިސްޓް ހަމަލާއާ ގުޅިގެން ދުނިޔޭގެ ޓްރެވަލް ސިނާއަތަށް ލިބުނު ގެއްލުމަށްވުރެ ބޮޑު ކަމަށް ދައްކަ އެވެ. މިހާރު ކޮވިޑް-19 ފަތުރެމުންދާ މިންވަރަށް ބަލައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ދުނިޔެ ސަމާލުގައި އޮތުމަށް އިންޒާރުކޮށްފަ އެވެ.

އިމްޕޯޓް / އެކްސްޕޯޓް ދަށްވުމުގެ ބިރު!

ޔޫރަޕަށް ކޮވިޑް-19 ފެތުރެން ފެށުމުން ހަމައެކަނި އަސަރު ކުރާނީ ރާއްޖޭގެ ޓޫރިޒަމަށް އެކަންޏެއް ވެސް ނޫނެވެ. ރާއްޖެއަކީ އެތެރެ ކުރާ މުދަލަށް ބަރޯސާވެފައިވާ ގައުމެވެ. ރާއްޖޭން ބޭރު ކުރާ ބާވަތްތަކުގެ ބޮޑު ޕަސެންޓަކީ މަހާއި މަހުން އުފައްދާ ބާވަތް ތަކެވެ.

މިހާރުގެ ފޯކާސްޓްތައް ދައްކާ ގޮތުގައި ރާއްޖޭގެ އެކްސްޕޯޓު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑު ތަނުން ދަށަށް ދާނެ އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ބޮޑެތި ރެސްޓޯރެންޓް ޗެއިން ތަކުން ހުޅުވާފައި ބަހައްޓާ ވަގުތު މަދުކޮށް ބަންދު ކުރަމުން ދާނެ އެވެ. ރެސްޓޯރެންޓް ތަކަށް ވަންނަ މީހުންގެ އަދަދު މަދުވުމުގެ ނަތީޖާއަކަށްވާނީ ގިނަ ތަންތަނުން ހަރަދު ކުޑަ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށުމެވެ. އޭގެ ސަބަބުން ރާއްޖޭން ގެންދާ މަހަށް ޔޫރަޕުން ކުރިން ލިބެމުން ދިޔަ އަގު ދަށްވެ، އެކްސްޕޯޓް ދަށަށް ދާން ފަށާނެ އެވެ. އެ އަސަރު މިހާރު ވަނީ ފެށި އެވެ.

މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ބުނި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ މާކެޓް ތަކަށް ރާއްޖޭން އެކްސްޕޯޓު ކުރާ ތާޒާ ކަންނެލި މަސް، ގަންނަ އަދަދު 30 ޕަސެންޓް މިހާރު ވެސް ދަށްވެއްޖެ އެވެ.

ރާއްޖޭން ކަންނެލި އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރެއިން އިޓަލީ އާއި ޖަރުމަނުގައި ކޮވިޑް-19 ފެތުރެމުން އެބަ ދެ އެވެ. އެ ގައުމުތަކުގެ ރެސްޓޯރަންޓްތަކާއި ފުޑް ކޯޓުތައް ބަންދު ކުރަން ވެސް ވަނީ ފަށާފަ އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި ޔޫރަޕްގެ މާކެޓަށް ތާޒާ ކަންނެލި ގަންނަ ނިސްބަތް އިތުރަށް ދަށަށް ހިނގައި ދާނެ ކަމަށް ޔޫރަޕުން މަސް ގަންނަ ފަރާތް ތަކުން، ރާއްޖޭގެ މަސް އެކްސްޕޯޓު ކުރާ ކުންފުނި ތަކަށް މިހާރު ވެސް ވަނީ އަންގާފަ އެވެ.

ބޭކާރު ހަރަދު ހުއްޓާލަން ޖެހޭ

ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ ވުޒާރާ ތަކާއި އިދާރާތަކުގެ ދައުލަތުގެ ހަރަދު ކުޑަ ކުރަން އަންގާފަ އެވެ. އަދި އެކަން ތަންފީޒު ކުރަން އަމުރު ނެރެފައި ވެއެވެ. އެކަމަކު ސަރުކާރުގެ ފެންވަރުގައި އަދި މިކަން ނަގައިގެން އުޅެނީ ވަރަށް "ސިމްޕަލް" ގޮތަކަށެވެ. އެއްވެސް ސީރިއަސް ކަމެއް ނުފެނެ އެވެ. ސާކިއުލާ ކުރުން ފިޔަވައި މި ކަމަށް ސަރުކާރުން މާ ބޮޑު ސަމާލު ކަމެއް ދީގެން އުޅޭތީއެއް ނުފެނެ އެވެ. ކުރިމަތީގައި ކައުންސިލް އިންތިހާބު އޮތުމާއެކު ރާއްޖެއިން ސިޔާސީ ކުޅިވަރު ކުޅުން ނޫން ކަމެއް އަދިއެއް މާ ބޮޑަކަށް ނުފެނެ އެވެ.

ސަރުކާރުން އިދާރާތަކާއި މަގާމުތައް އުފައްދާ ވަރުން އުފައްދަނީ އެވެ. މުވައްޒަފުން ނެގުން ހުއްޓައެއް ނުލަ އެވެ. މިހާރު ރާއްޖޭގެ އިގްތިސޯދުގެ ފޯކާސްޓް ހުރި ގޮތަށް ބަލާއިރު އަލަށް ތައާރަފު ކުރާ އެންމެ ކުޑަ އުޖޫރަ ތައާރަފު ކުރަން ވެސް މިއީ އެންމެ ރަނގަޅު ވަގުތު ތޯ ސުވާލު އުފައްދަން ޖެހެ އެވެ.

މިހާރު މިވަގުތު އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިފިނަމަ މިހާރު ވެސް "ބަލިވެފައި އޮތް ރާއްޖޭ" ގެ އިގްތިސޯދަށް އިތުރު "ވަރު ބަލި ކަމެއް" އައުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ، މިނިމަމް ވޭޖު ކަނޑައެޅުމުގެ ތާރީހާމެދު ދެވަނަ ވިސްނުމަކަށް ސަރުކާރުން ދިއުން ބުއްދިވެރި އެވެ. މިނިމަމް ވޭޖްއަކީ ސަރުކާރުގެ ވައުދަކަށްވީ ނަމަވެސް އެކަން ކުރަން ޖެހޭނީ ގައުމުގެ ހާލަތަށް ބަލާފައި އެންމެ ރަނގަޅު ވަގުތުގަ އެވެ.

ރޯދަ މަހަށް ގޭގެ ފަރުނީޗަރާއި ބަދިގޭ ސާމާނު ބަދަލު ކޮށްލުމަކީ ދިވެހިންގެ ޒަމާންވީ އާދަ އެކެވެ. ނަމަވެސް މި އަހަރުގެ މިހާރު ހާލަތު ދާއްކާ ގޮތުން މިކަން ކުރުމަކީ އެންމެ ބުއްދިވެރި ކަމެއްނޫން ކަމަށް ބެލެވެ އެވެ. ސަބަބަކީ ރޯދަ މަހު އާއްމުކޮށް ހަރަދު ބޮޑުވެ އަގުތައް އުފުލޭއިރު އެ ފައިސާ އަތް މަތީގައި ބެހެއްޓުން ބުއްދިވެރި ކަމަށް ފެންނާތީ އެވެ. އެހެން ހަރަދު ކުޑަ ކުރުމުގެ ސިޔާސަތު ފަރުދީ ފެންވަރުގައި ވެސް ތަންފީޒު ކުރަން މިވަނީ ޖެހިފަ އެވެ.

ރާއްޖެއަށް ހަރަދު ކުޑަކުރުން ނޫން ގޮތެއް ނެތެވެ. އަދި ރާއްޖެއިން އެކަމާ ސީރިއަސްވެ ފިޔަވަޅުތައް އަޅަމުން ނުދިޔަ ނަމަވެސް ދުނިޔޭގައި ރަނގަޅު އިގްތިސޯދުތައް އޮތް ގައުމުތަކުން މިހާރު ވެސް ވަނީ ހަރަދުތައް ކުޑަކުރުމުގެ ވަރުގަދަ ފިޔަވަޅުތައް އަޅައި ތަންފީޒު ކުރަން ފަށާފަ އެވެ. ދުނިޔޭގެ ވިޔަފާރި ހަބުގެ ގޮތުގައި ބަލާ ސިންގަޕޫރުން ވަނީ ހަރަދު ކުޑަ ކުރަން ފިޔަވަޅުތައް އަޅާފަ އެވެ. އެ ގައުމުން ވަނީ މަތީ ސިޔާސީ ވަޒީފާތަކުގެ މުސާރަ ވެސް އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި ކޮރޯނާ ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުސާރަ ބޮޑުކޮށްފައިވެ އެވެ.

ދުނިޔެ އާއި ގައުމުތަކުގެ އިގްތިސޯދު އޮތީ ނުތަވަސް ކަމެއްގަ އެވެ. އެހެންވެ ދުނިޔޭގެ ގިނަ މީހުން ދަނީ އިސްރާފު ކުޑަކޮށް، ފަހަށް ރައްކާ ކުރަމުންނެވެ. ދިވެހިން އެކަމާ މާބޮޑަށް އުޅޭ މަންޒަރެއް އަދި ނުފެނެ އެވެ. ސަރުކާރަށް މީހުން ވަޒީފާތަކަށް ވައްދާވަރުން ވައްދަނީ އެވެ. މިކަމުގެ ސީރިއަސްކަން އާއްމު ރައްޔިތުންނަށް ކިޔައިދޭން ސަރުކާރު ބޭނުންވާ ހެނެއް ވެސް ހިއެއް ނުވެ އެވެ.