އިމްރާން އަބްދުﷲ

ތިން އަހަރުގެ ތެރޭގައި 970 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Nov 18, 2021
4

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތިން އަހަރުގައި 970 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް އިއްޔެ ތިން އަހަރުވުމާ ގުޅިގެން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުގެ އެ މައުލޫމާތު ހާމަކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އިމްރާން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް ދިވެހި ފުލުހުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެކަން އެންމެ ބޮޑަށް އެނގިގެންދަނީ މަސްތުވާތަކެތި އަތުލައިގަނެވޭ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށް ފާހަގަކުރެއްވި އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ޒަމާންވީ ބޮޑު މައްސަލައެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ ބޮޑު މައްސަލައެއް ހައްލުކުރަން ވަގުތުތަކެއް ނަގާނެ ކަމަށާއި އެކަމަކު މައްސަލަ އަށް ރަނގަޅު ހައްލުތަކެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމުގައި ވިދާޅުވި އެވެ.

"މިފަދަ މައްސަލަތައް ހައްލުކުރެވޭނީ ދައުލަތުގެ އިދާރާތަކާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން. ފުލުހުން އެ ގެންދަނީ މައްސަލަ ހައްލުކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން،" އިމްރާން ވިދާޅުވި އެވެ.

މަސްތުވާތަކެތި އަތުލައިގަނެވުނު މިންވަރު

  • 2018 ވަނަ އަހަރު 9 ކިލޯ
  • 2019 ވަނަ އަހަރު 284 ކިލޯ
  • 2020 ވަނަ އަހަރު 372 ކިލޯ
  • 2021 ވަނަ އަހަރު 315 ކިލޯ

މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގްވާމީ ނެޓްވޯކްތަކުގެ މީހުން ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރުން ވެސް އިތުރުވެފައިވާ ކަމަށެވެ. އެހެންވެ ޓްރާންސިޓް ސަރަހައްދުތައް ބެލެހެއްޓުން ވަނީ ވަރުގަދަކޮށްފަ އެވެ.

ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި ނައްތާލުމުގެ އުސޫލަށް ވެސް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ކުރިން ނައްތާލަނީ ދިހަ އަހަރު ފަހުން ކަމަށާއި މިހާރު އެގޮތަށް ބަހައްޓާ ތަކެތި އެއް މަސް ދުވަހުގެ ތެރޭގައި ނައްތާލާ ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށް 315 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަަށް މިނިސްޓަރު އިމްރާން ވިދާޅުވި ނަމަވެސް މިދިޔަ މަހު ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި އެކަނި ވެސް އެ އަދަދަށް މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.