ސުޕްރީމް ކޯޓް

ޝީރީން މަރުވި ގޮތެއް ނޭނގޭ: ނަޖާހު

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ލ. މުންޑޫ، މަރިޔަމް ޝީރީން މަރާލި ގޮތް ނޭނގޭ ކަމަށް މި މައްސަލައިގައި ދައުލަތުން ދައުވާކުރި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު އެންމެ ފަހު ބަހެއްގެ ގޮތުގައި ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މީގެ 11 އަހަރު ކުރިން ޑިސެމްބަރު، 2009 ގައި މ. އަންގާގިރި ހަދަމުން ދަނިކޮށް އެތަނުގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޝީރީންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވުނު ލ. ކަޅައިދޫ އޯޝަންވިލާ، ނަޖާހުގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނެފައިވަނީ މ. ކުރަހާގޭގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ޝީރީނާއި ނަޖާހު އުޅުމުގެ ތެރޭގައި ޝީރީނަށް ހަމަލާދީ ނަޖާހު އޭނާ މަރާލާފައިވާ ކަމަށެވެ.

މި މައްސަލާގައި ހަތަރު އަހަރު ދުވަހުގެ ޝަރީއަތަކަށްފަހު ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. ހައިކޯޓަށް ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ނަޖާހުގެ މައްޗަށް ކުރި ނަމަވެސް ސީދާ އެ ދައުވާ ސާބިތުވާ ކަމަށް ހައިކޯޓުން ނުނިންމަ އެވެ. މިދިއަ އަހަރުގެ އޯގަސްޓް މަހު ހައިކޯޓުން އިއްވި ހުކުމްގައި ވަނީ "ގަސްދުމަރާ ވައްތަރު މަރު" ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ތައުޒީރީ އުގޫބާތެއްގެ ގޮތުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެވެ.

އެ މައްސަލަ ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް މިއަދު ވަނީ އަޑުއެހުންތައް ނިންމައިލައިފަ އެވެ.

ހުލާސާ ބަޔާން އިއްވަމުން ނަޖާހުގެ ދިފާއީ ވަކީލް އަހުމަދު ޝިފާއު ވިދާޅުވެފައި ވަނީ ހައިކޯޓުން އެ ނިންމުން ނިންމާފައި ވަނީ ދެ ފަރާތުން ބަހުސް ނުކުރާ ކަމެއްގައި ކަމަށެވެ. ގަސްދު މަރަކާ ވައްތަރު މަރެއްކަމަށް ކަނޑައަޅާ ހައިކޯޓުން ހުކުމް އިއްވަމުން ދިނީ "ސަޕްރައިޒް" އެއް ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އެ ކުށުން ބަރީއަވުމުގެ ފުރުސަތު ވެސް ގެއްލިފައިވާ ކަމަށެވެ.

ޝިފާއު ވިދާޅުވީ މީހަކު މަރުވުމުން އެންމެ މުހިންމު ކަމަކަށް ބަލާން ޖެހޭނީ އެމީހާ މަރުވި ގޮތް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓު މަރުހަލާއިން ފެށެގެން ދައްކާފައިވާ ވާހަކަތަކާއި ލިޔެކިޔުންތަކަށް ބަލާއިރު މިހާތަނަށް ވެސް ޝިރީން މަރުވި ގޮތް އެނގެން ނެތް ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ވެސް ހަދައިފައި ނުވާ ކަމަށެވެ. ހަމައެކަނި ކަށަވަރުވާ ކަމަކީ ޝީރީން މަރުވިކަން އެކަނި ކަމަށް ވިދާޅުވި އެވެ.

މަރުވިކަން އައިޖީއެމްއެޗްގެ ރިޕޯޓަކުން އެނގޭ ކަމަށާއި އެކަމަކު މަރާލެވޭ ފަދަ އަނިޔާއެއް އަދި ޖިންސީ އަނިޔާއެއް ވެސް ލިބިފައިވާކަން އެ ރިޕޯޓުން އެނގެން ނެތް ކަމަށް ވިދާޅުވި އެވެ. އަދި ކްރިމިނަލް ކޯޓުން މައްސަލަ ސާބިތު ނުވާކަމަށް ކަނޑައަޅައި ކުރި ހުކުމް ވެސް މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ އެ ކަމަށްކަން ފާހަގަ ކުރެއްވި އެވެ.

ފަހު ބަހެއްގެ ގޮތުގައި އެއްޗެއް ބުނަން ބޭނުންނަމަ އެ ފުރުސަތު ނަޖާހަށް ދިނެވެ. ނަޖާހު ބުނެފައި ވަނީ އޭނާ އަށް ޝީރީން މަރުވި ގޮތް ނޭންގޭ ކަމަށެވެ. އޭނާ ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ ޝީރީންއާ ރައްޓެހި ވެގެން އެއް ކޮޓަރިއެއްގައި އުޅެފައިވާތީ ކަމަށެވެ.

"އަޅުގަނޑު ޕޮލިހުގައި ވެސް ހަނުހުންނަން ޖެހުނީ ފުލުހުން ބޭނުންވާ ވަކި ގޮތަކަށް ބަޔާން ދޭން ބުނުމުން،" ނަޖާހު ބުންޏެވެ.

މި މައްސަލައިގައި ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ތައުފީގު ވިދާޅުވެފައި ވަނީ ހައިކޯޓުން މައްސަލައިގެ ދައުވާގެ ސިފަ ބަދަލުކޮށްފައި ވަނީ ރަގަޅަށް ކަމަށެވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކަން އެގޮތަށް ކުރެވޭނެ ކަަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު ޝީރީން އެންމެ ފަހުން ފެނުނު ވަގުތުން ފެށެގެން ހަށިގަނޑު ފެނުމާ ދެމެދު ކަން ހިނގާދިޔަ ގޮތަށް ބަލާއިރު ޝީރީން މަރުވެފައި ވަނީ ނަޖާހުގެ އަމަލުތަކެއްގެ ސަބަބުންކަން ސާބިތުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން ގަސްދަކާ ނުލާ މީހަކު މެރުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށް ވަކީލް ވަނީ އެދިވަޑައިގެންފަ އެވެ.

މި މައްސަލައިގައި ފަނޑިޔާރުން އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ. މައްސަލަ ބައްލަވަނީ
ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އައިޝާ ސުޖޫން އަދި ފަނޑިޔާރު މަހާޒު އަލީ އެވެ.