ސަރުކާރާ ހިޔާލު ތަފާތުވުމުގެ ސަބަބުން ދެ ފަހަރެއްގެ މަތީން ކެންސަލް ކުރަން ޖެހިފައިވާ އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަން ފީފާގެ ހުއްދަ ހޯދަން އެފްއޭއެމުން ނިންމައިފި އެވެ.
އިންތިހާބަށް ކުރިމަތިލާފައިވާ ހަމައެކަނި ކެނޑިޑޭޓް އަދި ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު މި ގޮތަށް ނިންމެވީ އޭނާ އެކަނި އިންތިހާބުގައި ވާދަކުރައްވާތީވެ، އެކަމަށް ސަރުކާރުގެ ތެރެއިން ފިއްތުންތައް ކުރިމަތިވެ، ބޮޑެތި މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުމުންނެވެ.
އެފްއޭއެމުގެ އާ އަސާސީ ގަވާއިދުގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލާން ޖެހެނީ ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބެއްގެ ތާއީދާއެކުގަ އެވެ. އޮކްޓޫބަރު މަހު ބާއްވަން އުޅުނު މި އިންތިހާބަށް ކުރިމަތިލުމަށް ތާއީދު ލިބުނު ހަމައެކަނި ކެނޑިޑޭޓަކީ ޝަވީދެވެ.
އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)ގެ ހިންގާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޝަވީދު މި ގޮތަށް ނިންމެވިއިރު އޭނާ ވަނީ ކުޅިވަރާ ބެހޭ މިނިސްޓްރީ އަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެފަ އެވެ. ޝަވީދު ވިދާޅުވީ އެފްއޭއެމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ޖެއްސުން ކުރަނީ އެފްއޭއެމަށް އައުމަށް އެދިއެދި ތިބި ބަޔަކު މިނިސްޓްރީން ހިންގަވަން ތިބުމުން ކަމަށެވެ. އަދި މިނިސްޓްރީ ހިނގަނީ ރައީސް އަބުދުﷲ ޔާމީން އެދިވަޑައިގަންނަވާ ގޮތަށް ކަމާމެދު ޝަވީދު ވަނީ ސުވާލު އެފައްދާފަ އެވެ. އޭނާ މި މޭރުމުން ވާހަކަ ދެއްކެވީ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަވީދު ވިދާޅުވީ މިނިސްޓަރު ޒުހޫރު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ވަޒީރަކު އޭނާ އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީން އިސްތިއުފާދެއްވަން އެދުނު ކަމަށެވެ. ނަމަވެސް ޝަވީދަކީ އެމަނިކުފާނު ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށް ރައީސް ޔާމީން ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.