މިދިޔަ އަހަރު ފާސްކޮށް މިއަހަރު އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ސްޓްރެޓެޖިކް ޕޮލިސިން ރިކުއާމަންޓް ކަނޑައަޅައިފި އެވެ.
ސްޓްރެޓެޖިކް ޕޮލިސިން ރިކުއާމަންޓަކީ ދިވެހި ފުލުހުންގެ ހިދުމަތަށް މަތިކޮށްފައިވާ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ މަސައްކަތް ކަނޑައެޅޭ ވަކި ތަރުތީބަކުން ރާވައިގެން ކުރިއަށް ގެންދިއުމަށް ހޯމް މިނިސްޓްރީން އެކުލަވާލަން ލާޒިމްކޮށްފައިވާ ރިކުއާަމަންޓެކެވެ.
އެ ރިކުއާމަންޓްތައް ކަނޑައަޅައި އެކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
އެ ރިކުއާމަންޓް ކަަނޑައެޅުމުގައި ފުލުހުންގެ ހިދުމަތުގެ ރޫހުގެ ގާނޫނަށާއި ފުލުހުންގެ ހިދުމަތުގެ މިހާރުގެ ހާލަތާއި ރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރިކަމަށް މެދުވެރިވަމުން އަންނަ ގޮން ޖެހުންތަކާއި އަދި ރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުން އަންނަ ގޮތަށް ރިއާޔަތްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
"ސްޓްރެޓެޖިކް ޕޮލިސް ރިކުއާމަންޓްގައި ބަޔާންކުރާ އަމާޒަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތް ބައްޓަން ކުރެވުމުން ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީވެ ރާވައިގެން ހިންގާ ބޮޑެތި ކުށްތައް މަދުވެ މުޖުތަމައުގެ އަމާންކަމާއި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ އެވެ." ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.