ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް އެ ކުދިން ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެކަން ފުލުހުން ބަލަން ފަށައިފި އެވެ.
މީގެ ދެތިން ދުވަސް ކުރީން ފެށިގެން ސޯޝަލް މީޑިއާގައި މި މައްސަލަތައް ވަނީ ފެންމަތިކޮށްފައެވެ. އަދި ކުދީން ރޭޕްކުރި ކަމަށް ބުނާ ސުކޫލު ދަރިވަރެއްގެ މައުލޫމާތު އާންމުކުރިއެވެ. އެ ދަރިވަރު އަމިއްލައަށް އެހެން މީހުން ކައިރި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ ޗެޓް ލޮގްތަކެއްވެސް ވަނީ އާންމުކޮށްފައެވެ.
އެ ޗެޓްލޮގްތަކުގައި ބުނެފައިވާ ގޮތުން އެ ދަރިވަރު ވަނީ 15 ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އެ ކުދީން ރޭޕްކޮށްފައިވާ ކަމަށްވެސް އޭނާ ބުނެ އެވެ. އަދި އޭނާގެ އަނިޔާ ލިބުނު ބައެއް ކުދީންގެ ފޮޓޯ ބޭނުން ކޮށްގެން އޭނާ މިހާރު ދަނީ ބްލެކް މެއިލް ކުރަމުން ކަމަށްވެސް ބުނެއެވެ. އޭނާގެ ޖިންސީ އަނިޔާ ލިބުނު ކުދީންގެ ތެރޭގައި އޭނާގެ އާއިލާގެ ދެ އަހަރު ނުފުރޭ ކުދީންވެސް ހިމެނޭ ކަަމަށްވެސް ވެއެވެ.
އެކަމާއި ގުޅިގެން ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަަށް އައިސްފައިވާ ކަަމަށެވެ. އަދި އެކަމުގެ މައުލޫމާތު ސާފުކޮށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.