ކްރިމިނަލް ކޯޓް

13 އަހަރުގެ ކުއްޖާގެ މަރު: ތުހުމަތުވާ މީހުންގެ ބަންދު ދަމަހައްޓައިފި

Dec 2, 2021

އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ ތިބި ދެ މީހުންގެ ބަންދު، ކްރިމިނަލް ކޯޓުން ދަމަހައްޓައިފި އެވެ.

ކުއްޖާ މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27 އ) އަށާއި 17 އަހަރުގެ ކުއްޖަކަށެވެ.

ޒިހާންގެ ޖަލު ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ހާލަތު ބަދަލުވެފައި ނުވާ ކަމަށް ކަނޑައަޅާ، ޝަރީއަތް ނިމެންދެން ޒިހާން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ދަމަހައްޓާފަ އެވެ. ޖުވެނައިލް ކޯޓުން ވަނީ 17 އަހަރުގެ ކުއްޖާގެ ބަންދުވެސް ދަމަހައްޓާފަ އެވެ. ޝަރުތުތަކަކާ އެކު އެ ކުއްޖާ މިވަގުތު ހުރީ ގޭބަންދުގަ އެވެ. އެ ކުއްޖާ ޖަލު ބަންދަށް ބަދަލުކުރުމަށް ދައުލަތުން އެދުނު ނަމަވެސް ކޯޓުން ވަނީ އެ ކުއްޖާ ޖަލުގައި ހުންނަ ތަނަކީ ހާލަތު ގޯސްތަނެއް ކަމަށް އެޗްއާރްސީއެމުން ނިންމާފައިވާތީ އެ ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށް ވެސް ނިންމާފަ އެވެ.

ދައުވާ ލިބޭ ކުއްޖާ އަކީ ކުށް ކުރިއިރު ކުޑަކުއްޖަކަށްވީ ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ކުއްޖާ އަށް ވަނީ 18 އަހަރު ފުރިފަ އެވެ. ކުއްޖާ ކުށްކުރީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކަމަށްވާތީ ދައުވާ އުފުލީ ވެސް އަދި ދައުވާއާ ގުޅިގެން ހިނގާ ހުރިހާ ކަމެއް ދައުލަތުން އިދާރާތަކުން ހިނގަނީ ވެސް އެ ކުއްޖާ އަކީ ކުޑަކުއްޖެއް ކަމަށް ބަލައިގެންނެވެ.

ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ގްރޫމްކުރި ކަމުގެ ކުށުގެ ދައުވާ
  • ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގެ ފަސް ދައުވާ
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ
  • ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރި ކުށުގެ ދައުވާ
  • މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާ
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް ވެސް ހިމެނޭ

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ވެސް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.

ޒިޔާން އާއި ކުޑަކުއްޖާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ކޯޓަށް މައްސަލަ ފޮނުވީ މިދިޔަ އޮގަސްޓް 19 ވަނަ ދުވަހު އެވެ.

މި މައްސަލައިގެ ތަހުގީގު ނިންމާލުމަށްފަހު ދައުވާކުރުމަށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށްފަހު އޭނާ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ ފުނަށް ވާސިލްވުމަށް ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިދިޔަ ޖުލައި 12 ވަނަ ދުވަހު އެ ކުއްޖާގެ ހަށިގަނޑު ވަނީ ވަޅުލާފަ އެވެ.