ވިޔަފާރި

ލުފްތަންސާ އެއާލައިނާ އެކު އަންނަ ޓޫރިސްޓުން އިތުރު ވާނެ: މިނިސްޓަރު

"ލުފްތަންސާ" އެއާލައިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމާ ގުޅިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ގައުމީ އެއާލައިން "ލުފްތަންސާ" އިން ޔޫރަޕާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ޓޫރިސްޓަމަށް ހެޔޮ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

"އަންނަ އަހަރު އަހަރު ފާހަގަ މިކުރަނީ ރާއްޖެއަށް ޒިޔާރަތް ކުރާ އަހަރުގެ ގޮތުގައި. އެކަމާ ގުޅިގެން ޕްރޮމޯޝަންތައް ހިންގާނެ،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ޖަރުމަނަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމު ކަމަށެވެ.

"މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖަރުމަނުން 85،000 ޓޫރިސްޓުން ޒިޔާރަތް ކޮށްފި. ވަރަށް އުފަލާއެކު ދަންނާނީ މިއީ ހަ ޕަސެންޓުގެ ކުރިއެރުމެކޭ. އެހެންވެ ލުފްތަންސާ އެއާލައިންގެ ސަބަބުން އިތުރު ފުރުސަތު ތަކެއް ހުޅުވިގެންދާނެ. މި އެއާލައިންގެ ސަބަބުން އެހެން މަންޒިލްތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭން ޒިޔާރަތްކުރާ އަހަރު ފާހަގަކުރާއިރު، މި ދަތުރުތަކުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

" އަންނަ އަހަރު އައިޓީބީ ބާލިންގެ ޕާޓްނަރަކީ ރާއްޖެ. މިއީ ވަރަށް ރަނގަޅު ފެށުމެއް،" ޒަމީރު ވިދާޅުވި އެވެ.

ލުފްތަންސާ އެއާލައިންއަކީ 200 ގައުމަށް ދަތުރުތައް ބާއްވާ އެއާލައިނެކެވެ. މި އެއާލައިންގެ ފްލީޓްގެ އަދަދު 298 އަށް އަރަ އެވެ. މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރާނީ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.