ވިޔަފާރި

އިންކަމް ޓެކްސް ބިލް މިމަހު މަޖިލީހަށް ފޮނުވަނީ

ރާއްޖެއަށް އަލަށް ތައާރަފު ކުރަން މަސައްކަތް ކުރާ އިންކަމް ޓެކްސްގެ ބިލް މިމަހުގެ މަޖިލީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިމަސް ނިމޭ ހިސާބު އިންކަމް ޓެކްސް ބިލް މަޖިލީހަށް ފޮނުވާއިރު، މިހާރު ކުރަމުން ދަނީ އިންކަމް "ޓެކްސް ޤާނޫން" ގައި ހިމެނޭ ކަންތައްތަކާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކަމަށެވެ.

"ބިލްގެ [އިންކަމް ޓެކްސް] ގެ މަސައްކަތް އެއްކޮށް ނިމިފަވަނީ، މިހާރު ކުރިއަށް ދަނީ އިންކަމް ޓެކްސްގެ ގާނޫނު ސްޓޭކް ހޯލްޑާސް ތަކާއި އެ ގާނޫނު ހިއްސާކޮށް، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި އިސްލާހުތައް ހިއްސާކޮށް، އެޔަށް ޑިބޭޓް ކުރުމުގެ މަސައްކަތް،" މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

މުއްސނދިންގެ އަތުން ނަގާ ޓެކްސް "އިންކަމް ޓެކްސް" ނެގުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހަށް މި ބިލް ހުށަހެޅުމުގެ ގޮތުން "ފަރުދުންގެ އާމްދަނީ ޓެކްސް" ނަގާނެ އުސޫލުތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ރާއްޖޭގައި މި ޓެކްސް ނަގާނީ 60،000ރ. އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ކަމަށް ކަނޑައަޅާފައިވެ އެވެ. ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއިން ފަރުމާކޮށްފައިވާ ފަރުދުންގެ އާމްދަނީ ޓެކްސް ބިލްގައިވާ ގޮތުން މަހަކަށް 60،000 އާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން 3.5 ޕަސަންޓުގެ ރޭޓުގައި ޓެކްސް ނަގާނެ އެވެ. އަދި 100،000 އާއި 150،000 ދެމެދު އާމްދަނީ އެއް ލިބޭ މީހުންގެ އަތުން 6.5 ޕަސަންޓުގެ ރޭޓުގައި އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ވެސް އެ ބިލްގެ ޑްރާފްޓްގައިވެ އެވެ. އަދި 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީއެއް ލިބޭ ފަރާތްތައް 10 ޕަސަަންޓުގައި ޓެކްސް ދައްކަން ޖެހޭނެ ކަމަށާއި އެއަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތައް 15 ޕަސަންޓުގައި ޓެކްސް ދައްކަން ޖެހޭނެ ގޮތަށް އެމްޑީޕީ އިން މަޖިލީހަށް ހުށަހަޅާނެ އެވެ.