އައްޑޫ ސިޓީ ކައުންސިލް

ކާރެއްގައި ހުޅުޖަހައި ގެއްލުންދީފި

Dec 4, 2021

އައްޑޫ ސިޓީގައި މީހެއްގެ ކާރުގައި އަލިފާން ރޯ ކޮށްލައިފި އެވެ.

ރޭ ފަތިހުގެ ހިތަދޫގައި ރޯ ކޮށްލާފައި ވަނީ ސިޓީ ކައުންސިލްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުﷲ އިހްސާންގެ ކާރުގަ އެވެ.

ކާރުގައި ރޯ ކޮށްލާފައިވަނީ ކާރު ތެރެއަށް ޕެޓްރޯލް އެޅުމަށް ފަހު އެވެ. އަލިފާން ރޯކޮށްލިތާ އިރުކޮޅެއް ފަހުން އާންމުންގެ މަސައްކަތުން އަލިފާންގަނޑު ވަނީ ނިއްވާލާފަ އެެވެ. ނަމަވެސް ކާރުގެ އެތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ކާރުގައި ރޯކޮށްލި ވަކި ސަބަބެއް އެނގޭ ގޮތެއް ނުވި އެވެ.

ފުލުހުން ބުނީ އަލިފާން ރޯކޮށްލުމުގެ ސަބަބުން ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. މައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ހުޅަނގު ފަރާތާއި އިރުމަތީ ފާރާތުން ކުރީ ސަރުކާރުގެ ދުވަސްވަރު ދޫކޮށްފައިވާ ބިންތަކެއް މިހާރުގެ ސިޓީ ކައުންސިލުން ނެގުމުން އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ބިންތައް ނެގުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ކަނޑައަޅާފައިވެ އެވެ. އެ މައްސަލާގައި ސިޓީ ކައުންސިލް ތަމްސީލް ކުރި ގާނޫނީ ޓީމުގައި އިހްސާން ހިމެނެ އެވެ.

އައްޑޫގައި އާންމުންގެ މުދަލާއި ދައުލަތުގެ އިމާރާތްތަކާއި މުދަލަށް ގެންދިނުމާއި ރޯކުރުމުގެ ހާދިސާތައް މީގެ ކުރިން ވެސް ތަކުރާރުކޮށް ހިނގާފައިވެ އެވެ.