- އަސުރުމާ ބުރަކި ރާއްޖޭން މީގެ ފެނިފައެއް ނުވޭ
- ކުލައާ ގުޅުވައިގެން ރާއްޖޭގައި އުޅޭ ގިނަ މަހަށް ނަންދޭ
- ނަން ކިޔުމުގައި ސިޔާސީ ކުލައަކަށް ނުބަލާ
ސިޔާސީ ވާން ވަކި ކަމެއް ނެތެވެ. ކޮންމެ ކަމެއް ވެސް ހެޔޮވަރެވެ. ހަމަކޮށްލަނީ "ސިޔާސީ" އެވެ. މި ފަހަރު ސިޔާސީ ވާހަކަ އުފަންވީ ކުޑަ މަހެއްގެ ބަނޑުންނެވެ. މަހަކަށް ނަމެއް ދިނުމުން އެކަންވެސް މި އޮތީ ސިޔާސީ ކޮށްލައިފަ އެވެ. އިނގިރޭސި ބަހުން "މެގަންތިއަސް ފިލިފެރަސް" ނަން ކިޔާ ކުޑަ މަހެއް ރާއްޖެއިން މުޅިން އަލަށް ފެނުމުން، ދިވެހިން ކިޔާފައި މި ވަނީ "އަސުރު މާ ބުރަކި" އެވެ؛ މި ނަމާއެކު ސޯޝަލް މީޑިޔާ ހީވީ، ތެޔޮ ތާހަކަށް ފެން ތިއްކެއް ޖެހިހެންނެވެ. ކެކި އަރައި ގަތީ އެވެ. ރުޅިއަސް ފުފިއްޖެ އެވެ.
"މިއީ ތަން ފުކެއް ބޮޑު ވަރު ސިޔާސީ ވިއަސް. މަހަށް ވެސް މި ދެނީ ފިޔާތޮށި ކުލައިން ނަން ހަދައިގެން. ކަނޑަށް ކިޔަންވީއެއްނު ފިޔާތޮށި ކަނޑު. ޕީޕީއެމް ސަރުކާރެއް ވިއަސް މިއީ ދެން ތަންފުކެއް ބޮޑުވަރު،" ރަހުމަތްތެރިއަކު އޭނާގެ ފޭސްބުކް ވޯލްގައި ސިޔާސީ އުދާސްގަނޑު ބޭރުކޮށްލި އެވެ. "އަލަށް އުފަންވާ ކުއްޖާ ވެސް އޮންނާނީ ޕީޕީއެމްގައި ކަން ނޭނގެ،"
ވެރިކަން ހިންގާ ޕާޓީ: ޕީޕީއެމްގެ ރަސްމީ ކުލަ އަސުރުމާ ކުލައިގެ ނަމުން މި ކުޑަ މަހަށް ނަން ދިނުމާއެކު މި އޮތީ ވަރުގަދަޔަށް ފޯރި ހިފާލައިފަ އެވެ. އެކަމަކު ސުވާލަކީ މިއީ ކުލަޔަކާ ގުޅުވައިގެން މަހަކަށް ނަމެއް ކީ ފުރަތަމަ ފަހަރު ހެއްޔެވެ؟ ދިވެހި ބަހުން މަހަށް ކިޔާ ނަންތަކަށް ބަލައިލަމާ ހިނގާށެވެ.
ރީނދޫ މަސް: މި ވެސް ސިޔާސީ މަހެއް؟
ސިޔާސީ ކުލަތަކަށް ބަލާނަމަ ރީނދޫ ކުލައަކީ ގަދަ ކުލަ އެކެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ ރަސްމީ ކުލަ ކަމަށްވާ ރީނދޫ ކުލަ ކުރިއަށް ލައިގެން ގިނަ މަސްތަކަކަށް ދިވެހިން ނަން ދީފައިވެ ވެ އެވެ. އެންމެ އާއްމުކޮށް އަޑުއިވޭނީ އަދި ފެންނާނީ، ރީނދޫ މަހެވެ. ދެން ވެސް އެ ލިސްޓްގައި މި އޮތީ ދޮން މަހެވެ. ރޭ ގަނޑު މަސްވެރިކަމަށް ނިކުންނަ މީހުންނަށް މިއީ ފަރިތަ މަހެކެވެ. އުނދަގޫ ބޮޑު މަހެކެވެ. އެންކޮޅު ކާލައިގެން ފލައި ރައްކާވާން މި ސޮރު ވަރަށް މޮޅުވާނެ އެވެ. ދެން އެ ލިސްޓަށް އިތުރުވާ އަނެއް މަހަކީ ދޮންނޫ މަހާއި ދޮން ބުރަކި އެވެ.
ރާއްޖޭން އަލަށް ފެންނަ ކަނޑުގެ ދިރުންތަކަށް ނަން ދޭ، ރިސާޗް ސެންޓަރު ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަހުމަދު ހާފިޒު ވިދާޅުވީ މަހަކަށް ނަން ދޭއިރު ގިނަ ކަންތައްތަކެއް ބަލާ ކަމަށެވެ.
"ވަރަށް ގިނަ މަހަށް ނަން ދީފައިވާނެ. ކެޓްލޮގް ކުރެވޭ މަސް މަހަށް އާއްމުކޮށް ނަން ނުކިޔާ މަސް ތަކަށް ނަން ދީފައިވާނެ. އަސުރުމާ ބުރަކި އަށް ނަން ދިނީ ވަރަށް ބޮޑަށް ޕަބްލިކްވީ މަހަކަށް ވާތީ،" ހާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަހަރު ނޫނަސް މަހުގެ ކުލަޔާ ގުޅުވައިގެން އެތައް މަހަކަށް ނަން ދީފައިވާނެ ކަމަށެވެ.
"އަލަ ތަނޑު ކިޔާ މަހެއް ވެސް އުޅޭ. ބްލެކް ފްލޭގް [އަލަ ތަނޑުގައި، ހުރޭ ކަޅު ކޮތަރި އަލަ ތަނޑު] ވެސް. ދެ ބުރި ދެ ކުލަ މަސް ވެސް ހުރޭ،" ހާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަހުގައި ސިޔާސީ ކުލައެއް ހުރެދާނެ ކަމަށާއި، ނަމަވެސް މަހަށް ނަން ދިނުމުގައި ސިޔާސީ ބަޔަކަށް ނިސްބަތް ކުރަން ނުބަލާނެ ކަމަށެވެ. އަދި މަހަކަށް ކިޔޭ ނަމެއް ސިޔާސީ ޕާޓީއެއްގެ ކުލަޔާ ގުޅުމަކީ އިއްތިފާގެއް ކަމަށް ވެސް ހާފިޒު ވިދާޅުވި އެވެ.
"މަހަށް ނަން ދެނީ ގިނަ ކަންތައްތަކެއް ބަލައި. އެކަމަކު ނޭ ދޭ އިރު ސިޔާސީ ގޮތުން އެކަން މިނެ ނުކިރާނެ،" ހާފިޒު ވިދާޅުވި އެވެ.
ރަތް މަސް: މި ވެސް ސިޔާސީ މަހެއް؟
ރާއްޖޭގެ ބާޒާރުގައި އެންމެ އަގު ބޮޑު އެއް މަސް ކަމަށްވާ ރަތް މަސް މަހަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް މަހެވެ. ރަތް މަހު ރިހަ އާއި ރަތް މަހު ބޮލުގެ އަގު "ރަނަށް" ވަނީ މިހެންވެގެންނެވެ. ނަމަވެސް މި މަހުގެ ރަތް ކުލަ ނިސްބަތްވަނީ ޖުމްހޫރީ ޕާޓީ އަށެވެ. އެހެންވެ މިއީވެސް މިހާރު ސިޔާސީ މަހެއްތާދޯ އެވެ؟ ކޮންމެކަމެއް ސިޔާސީ ކުރާ މީހުން ބުނާއީ އާ އެކޭ އެވެ.
ސިޔާސީ ޒަމާނެއްގައި ސިޔާސީ ނުވާނެ ކަމެއް ވެސް ނޯންނާނެތާ އެވެ. އެކަމަކު މިދެން ބޮޑު ވަރެކެވެ. ކޮންމެއަކަސް މި ފަހަރު ސިޔާސީ ވެފައި މިވަނީ "އަސުރުމާ ބުރަކި" ކިޔާ ކުޑަ މަހެކެވެ.