މޯލްޑިވްސް ޕޮލިސް ސާވިސް

ޣައިރު ދީނުގެ ކޮންޓެންޓް ބްލޮކެއް ނުވި

Dec 5, 2021
1

ދިވެހިންނަށް އަމާޒުކޮށްގެން ޣައިރު ދީންތައް ފެތުރުމަށް ހިންގާ ވެބްސައިޓްތަކާއި ޗެނަލްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތައް ހުއްޓުވަން ނެރުނު ކޯޓު އަމުރު ތަންފީޒު ކުރަން ފުލުހުން ދިން ވަގުތުގެ ތެރޭގައި އިންޓަނެޓް ހިދުމަތްދޭ ކުންފުނިތަކަށް އަމުރު ތަންފީޒެއް ނުކުރެވުނެވެ.

ދިވެހި ބަހުން ކޮންޓެންޓް ތައްޔާރުކޮށްގެން ރާއްޖޭގައި ހިންގަމުން ދިޔަ ސޯޝަލް މީޑިއާ ހަރަކާތްތައް ހުއްޓުވަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރުނީ މިދިޔަ ހަފްތާގަ އެވެ.

ކޯޓުން އެ އަމުރު ނެރުނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އެފަދަ އަމުރެއް ނެރެދިނުމަށް ފުލުހުން ކޯޓަށް ހުށަހެޅުމުންނެވެ.

ރާއްޖޭގައި އިންޓަނެޓް ހިދުމަތް ދޭ ކުންފުނިތަކުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ކޯޓު އަމުރު ތަންފީޒު ކުރަން ފުލުހުން ދީފައިވަނީ 72 ގަޑިއިރެވެ.

އެ ތަންތަނަށް ފުލުހުން ފޮނުވި ސިޓީގައި ދީފައިވާ މުއްދަތުގެ ތެރޭގައި ކޯޓު އަމުރު ތަންފީޒު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ ގާނޫނީ އިންޒާރުވެސް ދީފައިވެ އެވެ.

އެކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ބުނީ ކޯޓު އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހެނީ ޓެކްނިކަލް މަސައްކަތްތަކަކަށް ވާތީވެ އެކަމަށް އަދި ވަގުތު ނަގާނެ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުންނާއި، ކޮމިއުނިކޭޝަން އޮތޯރިޓީއާއި، އިސްލާމިކް މިނިސްޓްރީގެ އިތުރުން ކަމާ ގުޅޭ އެހެން އިދާރާތައް ގުޅިގެން ކޯޓު އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހިންނަށް އަމާޒުކޮށްގެން ޣައިރު ދީންތައް ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކަމާ ގުޅޭ އިދާރާތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ބައެއް އާންމުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.