މޯލްޑިވްސް ޕޮލިސް ސާވިސް

ކުރިއަށް އޮތް ދެ އަހަރު ފުލުސް އިސްކަންދޭނެ ކަންކަން ކަނޑައަޅަނީ

Dec 9, 2021

ކުރިއަށް އޮތް 2022 އަދި 2023 ވަނަ އަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުން އިސްކަންދޭނެ ކަންކަން ކަނޑައެޅުމުގެ ގޮތުން އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.

މިއަދު އިސްކަންދަރު ބިލްޑިން މަލްޓިޕާޕަސް ހޯލުގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމަކީ 2019 އިން 2024 އަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓަކުން ކުރެވިފައިވާ މަސައްކަތްތައް ދެނެގަނެ ފުލުހުންގެ ހިދުމަތުގެ ގާނޫނާއި މިނިސްޓަރު އޮފް ހޯމް އެފެއާޒްގެ ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓާ އެއްގޮތަށް ފުލުހުންގެ މަސައްކަތްތައް ރާވައި ބައްޓަން ކުރުމަށްޓަކައި ފުލުހުންގެ ކޮމާންޑް/ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން ބޭއްވި ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ފުލުހުންގެ ހިދުމަތަށް އޮތް ޑިމާންޑް ބަދަލުވެ ފުލުހުންގެ ހިދުމަތަށް އެދޭއެދުމާއި ހިދުމަތަށް ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރައްވިއެވެ. ހާއްސަގޮތެއްގައި ވެށިތެރޭގައި ހިނގާ ކުށްތަކާއި އެވެށީގައި އުޅޭ ފަރާތްތަކަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ވަރަށް ބޮޑުތަން ބަދަލުވަމުން އައިސް އުނދަގޫވާން ފަށާފައިވާ ކަމަށާއި އެކަންކަމާ ދެކޮޅަށް ފުލުހުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަންކަމަށް ކުރަންހުރި މަސައްކަތްތައް އަންނަނީ އިތުރުވަމުން ކަމަށް ވިދާޅުވިއެވެ.

އަދި ކުރިއާ ހިލާފާށް މިހާރު ކުށްކުރާ ގޮތް ބަދަލުވެފައިވާ ކަމަށާއި ހާއްސަކޮށް ޑިޖިޓަލް އެންވައިރަމަންޓް ތެރޭގައި ހިންގާ ކުށްތައް ފާއިތުވި އަހަރުތަކުގައި އިތުރުވަމުން އައިސްފައިވާތީ، އައު ވައްތަރުގެ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާވެސް ވާންޖެހިފައިވަނީ އެ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރެވޭ ވަރުގެ މުއައްސަސާއަކަށް ހެދުމަށް ވަރަށް ހާއްސަ އިސްކަމެއްދޭ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

އަދި ކުށާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން ކުށް ނޫން އަދި ކުށަށް އުފެދޭ ކަންކަމަށްވެސް ފުލުހުން މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި މައިގަނޑު ހަ ޕްރައޯރިޓީއެއް ކަނޑައަޅާފައިވާއިރު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ދެން އިތުރަށް ކަންކަން ކުރަންވީގޮތާ މެދު ވިސްނައި އިސްކަންދޭނެ ކަންކަން ކަނޑައެޅުން މުހިންމު ކަމަށް ވިދާޅުވިއެވެ.

އަދި އިސްކަންދޭނެ ކަންކަން ކަނޑައެޅުމުގެ މުހިންމު ކަމަކީ ދައުލަތުން ހޭދަކޮށްގެން ގާއިމްކޮށްފައިވާ ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރުމުގެ ވިސްނުން އިސްކޮށް ގޮތްތަކެއް ނިންމުން ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ފުލުހުންގެ މަސައްކަތުގެ ދާއިރާތަކުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިމްޕެކްޓް ގެނެވޭނެ ގޮތްތަކާ މެދު ވިސްނައި ގޮތްތަކެއް ނިންމުމަށް އެދިލައްވައި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ޕްރައޯރިޓީސްތައް ކަނޑައަޅުމުގައި ވިސްނުން ގެންގުޅެންވީ ގިނަ ދާއިރާތަކާ ގުޅޭގޮތުން ސީޕީ ވާހަކަ ދެއްކެވިއެވެ.

މިއަދުގެ މަސައްކަތު ބައްދަލުވުމުގައި މެނޭޖްމަންޓް ސާވޭގައި ފާހަކުރެވޭ ކަންކަމާއި ކޮމްޕިޓެންސީ ފްރޭމް ވޯކް އާއި ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓާއި ސްޓްރެޓީޖިކް ޕްލޭންގެ ޕްރޮޖެކްޓްތަކުން ހާސިލްވެފައިވާ މިންވަރު ހުށަހަޅާފައިވެއެވެ. އެގޮތުން އޮގަނައިޒޭޝަން ރީފޯމް އެންޑް ޓްރާންސްފޮމޭޝަން އާއި ޕާޓްނަރޝިޕް ފޯ ކޮމިއުނިޓީ ސޭފްޓީ އާއި އޮޕަރޭޝަނަލް ރެޑިނަސް އާއި ވޮލިއުމް އެންޑް ހައި އިމްޕެކްޓް ކްރައިމް އާއި ރޯޑް އެންޑް މެރިޓައިމް ޕޮލިސިން އަދި ލޯކަލް ޕޮލިސިން އިން ހާސިލްވެފައިވާ ކަންތައްތައް ހުށަހަޅާފައިވެއެވެ. އަދި 2022 އަދި 2023 ވަނަ އަހަރަށް ޕްރޮޕޯސްކުރާ ޕްރައޯރިޓީސްތައް ހުށަހަޅައި ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ބައިވެރިން ހުށަހަޅާ ޕްރައޯރިޓީސްތައް ހުށަހެޅުން ކުރިއަށް ގެންގޮސްފައިވެއެވެ.